އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް: ރައީސް

Loading

Facebook
Twitter
WhatsApp

އަޟުޙާ ޢީދު ކުރިމަތިވީއިރު ވެރިކަން ހިންގާ އެމްޑީޕީތެރޭގައި ވަނީ ކޯޅުމާއި ބައިބައިވުން އުފެދިފައެވެ. ޕާޓީގައި ތިބި ބައެއް އެކުވެރިންނާއި ތިމާގެ މީހުންގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ނަތީޖާއަކަށްވީ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައި ވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ވިދާޅުވެ އެކަމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގަތުމެވެ. ރައީސްގެ ޚިޠާބުގައި ކޮވިޑްގެ ހިތި ތަޖުރިބާތައް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައި ވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްކަމުގައި ވިދާޅުވެފައި ވެއެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ހާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތެއްކަމަށެވެ.

”އެހެންކަމުން، ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ތިބި ޢުމުރުން ދުވަސްވީ މާމައިންނާއި ކާފައިން އަދި މައިންބަފައިންނަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.“ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. ”އެއްވެސް ޝައްކެއްނެތްގޮތުގައި އެ ގުޅުމަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ގުޅުމެވެ. ޢީދުގެ އުފާ ފާޅުކުރުމުގެ ކޮންމެ ޙަރަކާތެއްމެ ރަމްޒުކޮށްދެނީ މިދެންނެވި މަތިވެރި ގުޅުމެވެ. ޢީދުގެ އުފާފާޅުކުރުންތައް ލައްވާފައި ވަނީ، މިދެންނެވި ގުޅުމަށް އަންނަ ހީނަރުކަން ނައްތާލައި، އެ ގުޅުންތައް އަލުން ބަދަހިކުރުމަށެވެ.“

ރައީސްގެ ޚިޠާބުގައި އިތުރަށް ވިދާޅުވެފައިވަނީ ޢީދުގެ އުފާ ފާޅުކުރުމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ، ޤައުމީ އެއްބައިވަންތަކަށް އާލާކޮށް، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމަށްކަމަށެވެ.

ޚިޠާބުގައި ރައީސް ވިދާޅުވެފައިވެއެވެ. ”އަޅުގަނޑުމެން މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޮވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް، އެންމެ ވަރުގަދަ ބާރަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.“

ރައީސްގެ ޚިޠާބުގައި އުފާވެރި އަޟްޙާ ޢީދުގެ ދުވަސްތަކަކީ، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ހުރިހާ ގޮތަކުންވެސް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް