މިނަގަނީ ނިޒާމީނުކުތާއެއް!

Loading

Facebook
Twitter
WhatsApp

“ ތަޢުލީމުނެތަމަ ތާކު ޒަމާނާއިއެކުވެގެން… ތަންދާނެއެ ބުއްދީގެމަގުން އެއްކިބާވެގެން“

ދިވެހި އަދީބެއްގެ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. އެކަމަކު މިއަދު މި ބަސްކޮޅު ހަދާންހުރި މީހަކުވެސް ފެންނަނީ ވަރަށް މަދުންނޭ ބުނެވިދާނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އިސްލާމްދީނާއި އިސްލާމީ ޙަޟާރަތްތައް ކާމިޔާބުވެ ކުރިއަރައިގެން ދިޔައީ އިލްމުގެ ސަބަބުން ކަމުގައި ދެބަސް ނުވެވޭނެއެވެ. ޑިމޮކްރެސީއާއި ޕާރޓީ ސިސްޓަމެއްގެ ވާހަކައެއް ނާދެއެވެ. އިލްމު އެއްފަރާތްކޮށް އެހެން ކަންކަމަށް މާބޮޑު އަހަންމިއްޔަތެއް ދިން ކޮންމެ ފަހަރަކު ލިބިފައިއޮތީ މާބޮޑު ލަނޑެކެވެ. އާދެ! ގެއްލުމާއި ހަލާކެވެ.

އިސްލާމްދީނަކީ ޢިލްމުގެދީނެވެ. ޢިލްމު އުނގެނުމުގެ މުހިންމުކަމަށް އިސްލާމްދީނާއި އެއްވަރަށް އެހެންއެއްވެސް ދީނެއްގައި ބާރުއަޅާފައެއް ނުވެއެވެ. މީގެ އެންމެ ފާޅުކަންބޮޑު ދަލީލަކީ ދަންނަބޭކަލުންގެ އިއްތިފާގުން އެނގި ސާބިތުވާ ގޮތުގައި މި އުންމަތުގެ މާތް ނަބިއްޔާއަށް އެންމެފުރަތަމަ ބާވައިލެއްވުނު ވަޙީގެ އާޔަތްތަކުގައިވެސް އުނގެނުމުގެ މައްޗަށް އާދަޔާޚިލާފަށް ބާރު އަޅުއްވާފައިވުން ފުދެއެވެ. މާތް ﷲ އާއި އެކަލާންގެ ޚަލްގުކުރެއްވި އެންމެހާތަކެތި މަޢުރިފާކޮށް ދެނެގަތުމަށްޓަކައި އިލްމު އުގެނުމާއި ވިސްނާއި ފިކުރުކުރުމުގެ މައްޗަށް ކީރިތި ގުރުއާނުގައި ވަރަށްބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް ދަންނަބޭކަލުންގެ ދަރުސް ތަކުން އެނގިސާފުވެއެވެ.

މާތް ﷲ ގެ މިމާތް އިސްމުފުޅު 2800 ފަހަރު އަދި ރައްބު މި އިސްމުފުޅު 950 ފަހަރު ތަކުރާރު ކުރެވިފައިވާއިރު ތިންވަނައަށް ޢިލްމު އުނގެނުމާއި ވިސްނާ ފިކުރުކުރުން 750 ފަހަރު ކީރިތިގުރުއާނުގައި ތަކުރާރު ކުރެވިފައި ވާކަމަށް ވެސް ދަންނަބޭކަލުން ވިދާޅުވެއެވެ. ހަމައެފަދައިން ކީރިތިމާތް ނަބިއްޔާގެ ޙަދީސްފުޅު ތަކުންވެސް ދުވަހަކުވެސް ޢިލްމުއުނގެނުން ހުއްޓާނުލުމަށް ބާރުއަޅުއްވައި ވަސިއްޔަތް ކުރައްވާފައި ވެއެވެ. އަދި މި އުންމަތުގެ ޚަލީފާއިންވެސް އެގޮތަށް ބާރު އަޅުއްވާފައި ވެއވެ. ބުނެވޭގޮތުގައި އިލްމު އުނގެނުމުގެ މުހިންމުކަން ފާހަގަކުރައްވައި “ ތިމަންކަލޭގެފާނަށް އެންމެ އަކުރެއް އުނގަންނައިދެއްވި މީހެއްގެ އަޅެއްކަމުގައި ހުރުމަށް ވެސް ރުހިވަޑައިގަންނަވާކަން“ ޚަލީފާ ޢަލީ (ރަޟިﷲ ޢަންހު) ގެފާނު ބަސްފުޅެއްގައި ހާމަކުރައްވާފައި ވެއެވެ. އުނގެނުމާއި ވިސްނާ ފިކުރުކުރުމަށް އިސްލާމްދީނުގައި ދީފައިވާ މުހިންމު ކަމުގެ ސަބަބުން މާޒީގެ މުސްލިމުންނަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑެތި ޢިލްމުވެރިންކަމުގައި ވެގެންދިޔަޒަމާނެއް ވެސް ތާރީޚުގައި ރަންއަކުރުން ފަވާލެވިފައިވެއެވެ.

ކީރިތިގުރުއާނާއި ޙަދީސްގެ ޢިލްމު ތަފާތު އެތައް ވަސީލަތެއްގައި ލިއެވި ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވުމީ ޢިލްމު އުނގެނުމަށް ކޮންމެހެން ބޭނުންވާކަމުގެ އަލިގަދަ ދަލީލެކެވެ. އިސްލާމުދީނުގެ ކުރީކޮޅުގައި މިސްކިތްތަކަކީ ތަޢުލީމީ ސިޔާސީ އަދި އިޖްތިމާއީ އެންމެހާ ކަންކަމުގެ މައިމަރުކަޒު ކަމުގައި ވެގެންދިޔަ ހިނދު އެ މިސްކިތްތަކަކީ ދީނީ ފަލްސަފީ އަދި ސައެންސުގެ ބޮޑެތި ލައިބްރަރީ ތަކެއް ކަމުގައިވެސް ވެގެން ދިޔައެވެ. އޭގެ އިތުރުން އިސްލާމުންގެތެރޭގައި ހިމެނުނު ފުންނާބުއުސް ދަންނަ ބޭކަލުންގެ އަމިއްލަ ގިނަ ލައިބްރަރީތަކެއްވެސް އުފެދިގެނެ ދިޔައެވެ. މިތާގައި އިިބުނު ރަޝީދު އާއި އިބްނު މުސްކާވިޔާ އާއި ފަޟުލު އިބްނު ނައުބަޚްތު އަދި ހުމާޔޫން އިބްނު އިސްޙާގު ފަދަ އިލްމުވެރިންގެ ނަން ހާމަކޮށްލަނީ އެނޫން އިލްމުވެރިންނަށްވެސް އިޙުތިރާމާއި ގަދަރު ކުރުމާއެކުގައެވެ. މިބޭފުޅުންގެ ނަން މި ހާމަކޮށްލީ އެބޭފުޅުންނަކީ ވަރަށްބޮޑެތި ލައިބްރަރީތަކާ ޙަވާލުވެވަޑައިގެން ތިއްބެވި އިލްމުވެރިން ކަމުގައިވާތީއެވެ.

އައްބާސީ ދަވްލަތުގެ ދުވަސްވަރު މުސްލިމުން ހިމެނިގެންދިޔައީ ތަހްޒީބާއި ތަމައްދުންގެ އެންމެ ކުރީސަފުގައެވެ. އެ ދަވްލަތުގެ ކުރިމަތީގައި ގުރުއާނާއި ހަދީސް އިލްމުގެ މަތިވެރިކަން ހާމަކުރުމުގެގޮތުން ޢިލްމުވެރިންގެ ގަލަމުގެ ދެއްޔަކީ ޝަހީދުންގެ ލެޔާއި އެއްފަދަ އެއްޗެއްގެ ގޮތުގައި މާނަކުރެވުނެވެ. އަދި އެއީ ސައެންސާއި ފަލްސަފާއާއި ބޭސްވެރިކަމާއި ތަޢުލީމާއި ވިސްނުމާއި ހުނަރުވެރިކަމުގެ ދާއިރާތަކުގައި މުޅިދުނިޔޭގެ މައި މަރުކަޒުކަމުގައި ވެގެންދިޔައެވެ.

ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރު ދެ ބަޔަކަށް ބަހާލެވިގެން ބަޣުދާދުގައި ދާރުލް ޙުކާމާގެ ނަމުގައި ހުޅުވިގެންދިޔަ ބިޔަބޮޑު ލައިބްރަރީ ގެ ހަނދާން އާކޮށްލަން ޖެހެއެވެ. އެހެންނަމަވެސް މިޒަމާނުގެ މުއައްރިޚުންގެ ލިއުންތަކުގައި ބުނެފައިވަނީ އެ ލައިބްރަރީ އަކީ ހާރޫނުއްރަޝީދުގެ އޭޖެންޓުން މުޅިދުނިޔޭގެ އެތަންމިތަނުން ވަގަށްނަގައިގެން ގެންދިޔަ ފޮތްތަކާއި ލިއެކިއުންތަކުގެ މައްޗަށް ބިނާކޮށްގެން ހަދައިފައިވާ ލައިބްރަރީއެއް ކަމުގައެވެ.

ތާރީޚްޢިލްމަކީ އެ ލިޔާމީހާ ބޭނުން ކުލައެއް ޖައްސައިގެން ލިޔަމުން ގެންދާއެއްޗެކެވެ. އަޅުގަނޑުމެން މުސްލިމުންގެ ނުކުޅެދުންތެރިކަން ހުރިމިންވަރަކީ އަޅުގަނޑުމެންގެ މުއްސަނދި ތާރީޚްވެސް އެހެންބަޔަކު ލައްވާ ލިޔަން ފުރުސަތު ދޭންޖެހުމެވެ.

ހާރޫނުއްރަޝީދުގެ އެންމެ އިސް މުޝީރު ޔަޙްޔާ ބަރްމޭކީގެ އަމުރުފުޅަށް ދުނިޔޭގެ ކަންކޮޅުތަކުން ޢިލްމުވެރިން އެއްކުރައްވައި ފަޟުލް އިބްނު ނައުބަޚްތު އަކީ ދާރުލް ޙުކާމާއޭ ކިޔުނު ލައިބްރަރީގެ އެންމެ އިސް ވެރިޔާކަމުގައި ކަނޑައެޅުއްވިއެވެ. އަދި މިނޫނަސް ތަފާތު އެތައް ދީނަކާއި މަޒްހަބަކަށް ނިސްބަތް ކުރެވޭ އެތައް ލައިބްރަރީއެއް ބަޣްދާދުގައި އެދުވަސްވަރު ގާއިމްކުރެވުނެވެ. އެހެންނަމަވެސް އެ ލައިބްރަރީ ތަކަކީ ހަމައެކަނި ފަލްސަފާގެ އިލްމުވެރިންނާއި ސައެންސްގެ ޢިލްމުވެރިންނަށް ދިރާސާ ކުރުމުގެ ބޭނުމުގައި ހުޅުވާފައިވާ ތަންތަނެވެ.

މިފަދަ ލައިބްރަރީތައް އިރާގުގެ އިރުމަތީފަރާތުން ބަސްރާ އާއި ޝިރާޒް އަދި މޯސަލްފަދަ ޝަހަރުތަކުގައި 9 ވަނަ އަދި 10 ވަނަ ގަރުނުގެތެރޭގައި ހުޅުވިގެންދިޔައެވެ. އަދި ގާހިރާ އައްލެޕޯ އަދި އީރާނާއި މަރުކަޒީ އޭޝިއާގެ ބޮޑެތި ޝަހަރުތަކާއި ޖަރުމަނާއި ސްޕޭންގައި އެފަދަ އެތައް އެތައް ލައިބްރަރީތަކެއް ގާއިމްކުރެވިގެން ދިޔައެވެ. ބުނެވޭގޮތުގައި ސްޕޭނުގައި ހުރި މުސްލިމުންގެ ލައިބްރަރީތަކުގައި 1904 ވަނައަހަރުއަންނަނިވި އިބާރާތްތައް ލިއެފައިހުއްޓެވެ.

ގައުމިއްޔަތު ބިނާކުރުމާއި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް މި ލައިބްރަރީތަކުން ކުރި އަގުބޮޑު ޙިއްސާ ފާހަގަކުރުމާއެކު އެކަންކަމުގެ ނަން ގެނެވޭހިނދު މިއިން އެއްވެސް ލައިބްރަރީއެއްގެ ނަން އުނިކޮށްގެން ނުވާނެއެވެ. މުހިންމު ކޮންމެ ޝަހަރެއްގައި މަދުވެގެން މީގެ ލައިބްރަރީ ގާއިމްވެފާހުރިކަން ފާހަގަކުރަންޖެހެއެވެ. މި ހުރިހާ ލައިބްރަރީ އަކީ އުނގެނުމަށްޓަކައި ހުޅުވާލެވިފައިވާ ތަންތަނެވެ. މުހިންމު ފޮތްތައް ހުރީ ބޭރުގަނޑުތައް ލެދަރުން ހަދާފައެވެ. ބައެއް ފޮތްތަކުގައި ރިހިންނާއި ރަނުން ބައެއްތަންތަން ޒީނަތްތެރިކޮށްފައެވެ. މިތަންތަނުން މާޒީގެ ތާރީޚާއި މިހާރުގެ ފިލާވަޅުތައް ދަސްކުރެވޭނެއެވެ. ގުރީކުގެ ވެރިރަށް އެތެންސްގެ ފަލްސަފާއާއި ބާބިލޯންގެ އެސްޓްރޮނޮމީއާއި އިސްކަންދަރިއްޔާގެ ސައެންސް އުނގެނެވޭނެއެވެ. އަދި ސްޕޭނުގެ ކޮރޮބޯދާއާއި ސެވައިލްގައި ދެމިގެންދިޔަ ތަޙްލީލުތަކާއި ދިރާސާތަކުގެ ނަތިޖާ ބަލާލެވޭނެއެވެ.

މިދުވަސްވަރުގައި ކަރުދާސްއުފެއްދުމަކީ ޗައިނާގެ ޚާއްސަ ފަންނެކެވެ. ތަލާސް ހަނގުރާމައިގާ ހައްޔަރުކުރެވުނު ޗައިނާގެ އަސީރުން ލައްވާ ކަރުދާސް އުފެއްދުމުގެ ކާރުޚާނާތައް ބަޣުދާދާއި ސަމަރކަންދުގައި ބިނާކުރިއެވެ. އޭގެފަހުން މަލްބަރީ ގަހުގެ ތޮށިބޭނުންކޮށްގެން އަރަބިން މިކަންތައް އިތުރަށް ތަރައްގީކުރިއެވެ. 13 ވަނަ ގަރުނުގައި އަލް އަންދުލުސް އަށާއި ޔޫރަޕްގެ ގައުމުތަކަށްވެސް ކަރުދާސް އުފެއްދުން ތަޢާރުފް ކުރެވިގެން ދިޔައެވެ. މިއީ އިސްލާމީ ހެޔޮލަފާވެރީން އޭރުގައި ދީނަށްޓަކައި ގައުމަށްޓަކައި ރައްޔަތުންޓަކައި ކޮށްދެއްވި އެގުހުރި ޚިދުމަތްތަކެވެ.

10 ވަނަގަރުނު ފެށުނުއިރު ކޮރޮބޯދާގައި 70 ލައިބްރަރީ ހުރިކަމަށްވެއެވެ. އަދި އެތާގައި ތަފާތު އުނގެނުންތަކާއި ފަންނުތަކަށް ނިސްބަތްކުރެވޭ 600000 ފޮތް ހިމެނޭކަށްވެއެވެ. ގާހިރާގެ ލައިބްރަރީގައި 100000 ފޮތް އަދި ކުރުސޭޑުން (އިސްލާމް ދީނުގެ ޢަދުއްވުން) އައިސް އިސްލާމުން ބަލިކޮށް އިސްލާމުންގެ އެ ޢިލްމީ ޚަޒާނާތައް އަންދާލުމާހަމަޔަށް ޓްރިޕޮލީގެ ލައިބްރަރީގައި 3 މިލިއަނަށްވުރެން ގިނަ ފޮތްތައް ހުރިކަމަށްވެއެވެ. އޭގެތެރޭގައި އަރަބިބަހުން ލިޔެފައިހުރި މާކުރީގެ ޒަމާނުގެ ފޮތްތަކާއި ގްރީކް އަދި ލެޓިން ބަހުން ލިޔެފާހުރި ފޮތްތައްވެސް ހިމެނުނެވެ.

އިސްލާމީ އުންމަތުގައި ޢިލްމު އުނގެނުމަށާއި ޢިލްމުވެރިންނަށް ލިބިދިން މަތިވެރި ދަރަޖައިގެ ސަބަބުން މާތް ނަބިއްޔާ މުޙައްމަދު ރަސޫލައްﷲ ސުވަރުގެ ވަޑައިގެންތާ ދެ ގަރުނުވީއިރު އިސްލާމުންގެ ލައިބްރަރީތަކަކީ މުޅިދުނިޔެއަށް ފެތުރިފައިވާ ޢިލްމީ ޚަޒާނާތަކަކަށް ވަނީވެފައެވެ. އުންމަތުގެ މުޅި އަމާޒަކަށް ވެފައިއޮތީ ޖާހިލުކަމާއި ނުދަތުން އެއްކޮށް ފޮހެލުމަށެވެ. މި އަމާޒަށް ވާސިލުވަމުން ދިޔައީވެސް އަޖައިބުވެ އަންތަރިސް ވާފަދަ ބާރުމިނެއްގައެވެ.

މިއަދުގެ ޢިލްމުވެރިންވެސް ގަބޫލުކުރާ ގޮތުގައި ގައުމެއް ކުރިއަރައިގެން ދިއުމުގެ އެންމެ މައިގަނޑު ވަސީލަތަކީ ހަމައެކަނި އިގްތިސާދީ ފުދުން ތެރިކަމެއްނޫނެވެ. އެއާ ޚިލާފަށް ޢިލްމާއި ދެނެގަތުމެވެ. ޢިލްމާއި ދެނެގަތުންނެތި ރަނގަޅު މަޝްރޫޢުއެއް ނުރޭވޭނެއެވެ. ހަމައެފަދައިން ތިމަތިމާމެންގެ މަޝްރޫޢުތައް އެހެންބަޔަކު ލައްވާ ރާވައިފިނަމަ އޭގައި އެބައެއްގެ ރަހަޔާއި ވަސް އެކުލެވިގެން ދާނެކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ. ޢިލްމާއި ވިސްނުމާ އަދި ތިމަތިމާމެންގެ ފިކުރުގެ އެންމެބޮޑު ޙިއްސާއެއް ލިބިދޭނީ ތިމާ ދިރިއުޅެމުންދާ މާޙައުލަކުންނެވެ. ދިވެހިން ބުނެއުޅޭފަދައިން އެއެއްޗަކުން ފެލޭނީ އެއްޗެއްގައި ހުރި ދިއައެކެވެ. އެ ޙަގީގަތް މިދެވެނީ ތަޖުރިބާ ކުރަމުންނެވެ.

ވިހި އަދި އެކާވީސް ވަނަ ގަރުނުގައި މުސްލިމުންގެ ވެރިކަމަށް ނުރަނގަޅު ބަދަލުތަކެއް އަންނަމުން ދިޔަ ގޮތް މިތާގައި ހަނދާންކޮށްލުން ވަރަށް ވެސް ބޭނުންތެރިކަމުގައި ދެކެމެވެ. ވިސްނާ ފިކުރު ކުރުމަށްޓަކައެވެ. އެކަހަލަ ގޯސްތައް ހެދުމުން އެއްކިބާ ވުމުގެ ބޭނުމުގައެވެ. މިކަން ހަނދާންކޮށްދޭން އެންމެ މޮޅުމީހަކީ މިލިޔުންތެރިޔާއަށް ނުވެދާނެއެވެ. އެކަމަކު ހަނދާން ކޮށްދިނުމަކީ ކޮންމެމީހެއްގެވެސް ދީނީ އަދި ގައުމީ މަސްއޫލިއްޔަތެކެވެ. އެމީހަކަށް އެނގޭ މިންވަރަކުންނެވެ.

އެންމެފުރަތަމަ އެންމެ ކައިރިންނެވެ. މުޣަލް އެމްޕަޔަރ ރަސްކަމަކީވެސް ވަރަށް ބާރުގަދަ ފޯރުންތެރި އަދި އެ ޒަމާނާގުޅޭ ރަނގަޅުނިޒާމަކަށް ކުރެވެމުންދިޔަ އިސްލާމީ ވެރިކަމެކެވެ. މުޅި އިންޑިއާ ބައްރުކަހަލަ ގޮތަކަށް އެ ވެރިކަމުގެ ބާރުގެދަށުގައި އޮތްދުވަސްވަރު އަދިވެސް ބާރުގަދަކުރުމަށް ކުރެވުނު ކަންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ހިންދޫންގެ ރާޖްފުތުންނަށް ރަސްކަމުގެތެރޭން ޚާއްސަ މަގާމެއް ހަމަޖެހުމެވެ.

އުސޫލެއްގެގޮތުން ގުޅިގެން ހެޔޮވެރިކަމެއް ހިންގުމަށް ވަރަށްރަނގަޅު ވިސްނުމެކޭ ބުނެވިދާނެއެވެ. ވަކި ދީނަކަށް ބުރަނުވެ އެތަނެއްގައި އުޅޭ ”ޢިއްޒަތްތެރިން“ ނިކަމެތި ނުކުރުމުގެ ސިޔާސަތުގެ ދަށުންކަމުގައި ބެލައިގެނެވެ. އެކަމަކު މި ޚާއްސަ މަގާމު ރާޖުޕުތުންނަށް ދިނުމުގެ އެންމެ މުހިންމު އެއްކަމަކީ ރާޖުޕުތުންގެ އަންހެންދަރިންނާއި ގަނޑުވަރުތެރެއަށް ނިސްބަތްކުރެވޭ ބޭފުޅުން ކައިވެނިކުރުމަށް ހުއްދަދިނުމުގެ ޝަރުތެވެ. ރާޖުޕުތުންގެ އަންހެނުންނަކީ ދޮން އަދި ރީތި ބައެކެވެ. އެކަހަލަ އަނބިން ލިބުމަށް ހިތްވެސް އެދެވެނެމެއެވެ. އެކަމަކު އެ ޝަރުތަކާމެދު ވިސްނާލުން ރަނގަޅުކަމަށް ފެނެއެވެ. އަދި އެއަށްފަހު މަޑުމަޑުން އިސްލާމީ އެ ވެރިކަމުގެ ޙާލަތު ބަދަލު ވަމުންދިޔަ ގޮތާއިމެދު މިއަދުވެސް ވިސްނައި ދަސްކުރުން އަދި ޢިބުރަތް ލިބިގަތުމަކީ، އެއީ ވަރަށް ރަނގަޅު ފިލާވަޅެއް ވެސް މެއެވެ.

ދެން އީރާނުގެ ސަފާވިދުންގެ ރަސްކަމަށް ބަލާލަމާހިނގާށެވެ. އެއީ ފާރިސް ކަރައިގާ އޮތް އެންމެބާރުގަދަ ރަސްކަމެވެ. ވަކިހިސާބަކުން ފެންނަންފެށީ ރައްޔިތުމީހާގެ ޖީބު ކޮންނަން ފެށިތަނެވެ. ސަރުކާރު މުއްސަދި ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ އަތުން އެކިއެކިނަމުގައި ޓެކްސްނަގައި އެމީހުންގެ ޖީބުތައް ފޫދުއްވާލުމެވެ. ނަތީޖާއަކަށްވީ ރަސްކަމާތޮޅުމުގެ ވިސްނުން ރައްޔިތުންގެ ސިކުނޑީގައި އަށަގަންނަން ފެށުމެވެ. ދެންވާނެގޮތްވުމަށް ބޭނުންވާނޭ ހުރިހާ މަގުތަކެއް އެތެރެއިންނާއި ބޭރުން ކޮށެމުންދާތަން ފެންނާން ފެށިއެވެ.

ހަމަ އެހެންމެ ފަހުގެ އުސްމާނީ ޚިލާފަތަށްވެސް ބަލާލުން ބުއްދިވެރިއެވެ. ވިހި އަދި އެކާވީސް ވަނަގަރުނުގައި އެ ވަރުގަދަ އިސްލާމީ ޚިލާފަތު އަރަފޯދެމުންދިޔަ ދުވަސްވަރު ގައުމުގެ ގިނަ ތަރައްގީގެ މަޝްރޫޢުތަކެއް ދެވުނީ އެކުވެރީން ކަމުގައި ގަބޫލުކުރެވުނު ޔޫރަޕްގެ ގައުމުތަކަށެވެ. އެމީހުންގެ ކުރިއަރަމުންދިޔަ ޓެކްނޯލޮޖީ ބޭނުންކޮށްގެން އުމްރާނީ ތަރައްގީއާއި އަދިވެސް ބޮޑެތި ބޮޑެތި މަޝްރޫޢުތައް ހިންގައި ތަރައްގީކުރުމަށެވެ. ނަތީޖާއަކަށްވީ އުސްމާނީ ޚިލާފަތު ނައްތާލާނެ ގޮތަކާދޭތެރޭ ވިސްނަމުންދި ޔޫރަޕްގެ ގައުމުތަކަށް އެމަގުތައް ތަނަވަސްވެގެން ދިއުމެވެ. އެ ޚިލާފަތުގެ އެތެރެއާއި ބޭރު އަދި ވިޔަފާރިއާއި އިގްތިސާދުގެ މައިނާރުތަކާއި ތަނުގެ މުއްސަދިކަމާއި އަދި ދަށުން އަންނަފޮތިގަނޑުގެ ކުލައަށްދާންދެން އެމީހުން ދެނެގަތުމެވެ. އެންމެފަހުން ތުރުކީންވެސް ބަޔަކާއެކު އެއޮއް ބޮޑު ޚިލާފަތް ބައިބައިވެގެން ދިޔައީއެވެ. ބޭރު އެޖެންޓުން މެދުވެރިވެ އެތެރެއިންވެސް އިސްލާމީ ޚިލާފަތަށް ގައްދާރުވާނޭ ބަޔަކު އެތެރެއިން ހޮވި ބާރުގަދަކޮށް އަތާތުރުކު ކަހަލަ ގޮތްދޫނުކުރާ މިލިޓަރީ ކޮމާންޑަރަކު ހުރުމުގެ ސަބަބުން އިސްތަންބޯލް ސަރަހައްދު އަތުން ބީވެ ދިޔައީއެވެ.

އަތާތުރުކުގެ ލަޝްކަރާ މުޚާތަބުކޮށް އޭނާ ބުނިކަމަށްވަނީ އިސްތަންބޯލް ކަނޑުއޮޅި ގެންދަންޖެހޭނީ އަހަރެންގެ މަރުވެފައިވާ މަސްގަނޑު ގިރާކޮށްފާކަމުގައެވެ. ނަތީޖާއަށް ބައްލާލުން މި ޖީލަށްވެސް ބުއްދިވެރި ކަމެއްކަމުގައި ދެކެމެވެ.

މި ދިވެހި ސައްތައިން ސައްތަ އިސްލާމީ ދީބުގެ ޙާލަތަށް ކޮންމެވެސްވަރަކަށް އަލިއަޅުވާނުލައި ލިއުން ނިންމާލުމަކީ ބޭއިންސާފެއް ކަމުގައި ދެކެމެވެ. ހުރިހާކަމެއްގެ އެންމެމޮޅު ޙައްލުކަމަށް ވަކާލާތު ކުރެވޭ ޑިމޮކްރެސީ އައުމުން އަޅުގަނޑުމެންގެ ގައުމުހިންގަން ޙަވާލު ކުރެވުނު ބޭފުޅުންނަކީ ކުރިން ލިއެވުނު ތިން ވެރިކަމުން ޢިލްމާއި ތަޖްރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަމުގައި ބުނަންޖެހެއެވެ. މުޣަލް އެމްޕަޔަރެކޭ އެއްގޮތަށް އަޅުގަނޑުމެންގެ ސިޔާސަތުގައި ވަޒީފާއެއްލިބުމުގެ ޝަރުތަކީ ވަކި ”ސިޔާސީ“ ޕާރޓީއަށް ސަޕޯރޓްކޮށް މަރުދިނުމެވެ. ސަފާވިދުންގެ ފަރާތުން ލިބިގަތް ހުނަރަކީ ގައުމު މުއްސަދި ކުރުމުގެ ނަމުގައި ކުރިން އަޑުވެސްނާހާ ވައްތަރުވައްތަރުގެ ޓެކްސް ރައްޔިތުމީހާގެ އަތުން ނަގައި އެތެރިގޭ އެނދުގެ ކުނާދަށުގައި މަންމަ ފޮރުވާފައިހުރި ލާރިކޮޅުވެސް ދަމައިގަންނާނެ ގޮތްތައް ރޭވުމެވެ. ދައުލަތުން ސަތޭކަ ރުފިޔާ ޚަރަދުކޮށްގެން ކުރެވެން ހުންނަކަންތައްތައް ވެރިމީހާގެ މިތުރު ހިތްހަމަޖެހި އަރާމު ލިބިގަތުމަށްޓަކައި އެއްހާސް ރުފިޔާ ނުވަތަ ޢަދަދުބެލުމެއްނެތި ޚަރަދު ކޮށްލުމެވެ. އުސްމާނީ ޚިލާފަތުން ދަސްކުރި ފިލާވަޅުގެ އަލީގައި މި ގައުމުގައި ހިންގޭ އަގުބޮޑު އެންމެހާ މަޝްރޫޢުތައް ހިންގުމަށް ބޭރުގެ ގައުމުތަކަށް ދިނުން ހަމަޖެހިއްޖެއެވެ. ވަރަށް އެއްގޮތް ސިފަތަކެއް އެހެންނޫންހެއްޔެވެ. މިފަދަ ކަންކަމުން ތަރީޚުން ދައްކާފައިވާ ނަތީޖާއަށް ވިސްނާލަނީ ކާކުތޯއެވެ؟ ދެން ވާންއޮތްގޮތަކާމެދު ފިކުރުކޮށްކޮށް ތިބޭނީހެއްޔެވެ؟ މިލިއުމަކީ އެއްވެސްމީހަކަށް ނުވަތަ ޖަމާޢަތަކަށް އަމާޒުކޮށްގެން ގެނެސްދިން ލިއުމެއް ނޫނެވެ. އަޅުގަނޑުމެން ނަމޫނާއަކަށް ބަލަނީ ރައްޔަތުންގެ މަޖިލީހު ”ޢިއްޒަތްތެރި“ މެމްބަރުންނެވެ. އެބޭފުޅުންވެސް ބިސްމިނުގެ ބަރަކާތުން ފަށްޓަވައި އެ މަޖިލީހުގައި ދެކެވޭ ވާހަކަފުޅުތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ނަންގަވަނީ ނިޒާމީ ނުކުތާއެވެ. އަޅުގަނޑުވެސް މިނެގީ ނިޒާމީ ނުކުތާއެކެވެ. ބަލާގަތުމާއި ނުގަތުން އެއީ ކިޔުންތެރިޔާގެ އިޚްތިޔާރެކެވެ.

“ ތަޢުލީމުނެތަމަ ތާކު ޒަމާނާއިއެކުވެގެން… ތަންދާނެއެ ބުއްދީގެމަގުން އެއްކިބާވެގެން“.

 

 

 

 

Loading

One Response

  1. ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. 19 ވަނަ ޕެރެގްރާފްގެ އެންމެފަހު ފޮޅުވަތުގައި ލިއުމުގެ ކުށެއް އެބައޮތެވެ. ރަނގަޅުގޮތަކީ “ އަތާތުރުކު ކަހަލަ ގޮތްދޫނުކުރާ މިލިޓަރީ ކޮމާންޑަރަކު ހުރުމުންވެސް އިސްތަންބޯލް ސަރަހައްދު ފިޔަވައި މުހިންމު ގިނަ ސަރަހައްދުތަކެއް އަތުން ބީވެގެން ދިޔައީއެވެ. “ ކިއުންތެރިންގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެމެވެ.

Leave a Reply to ޢަލީ އަހްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް