ލުބުނާންގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވައިފި

120

ލުބުނާންގެ ހާލަތު 2019 ވަނަ އަހަރުން ފެށިގެން ދަށަށްގޮސް އެ ގައުމު ވަނީ ފަގީރުކަމާއި އަނިޔާވެރިކަމާއި ތަޅާފޮޅުމުގެ ހާއްޔަކަށް ބަދަލުވެފައެވެ. ލުބުނާންގެ އިގުތިސާދު ދަށަށްގޮސް އެ ގައުމުގެ ފައިސާގެ އަގު ވަނީ %90 ދަށްވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ލުބުނާންގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ވަގުތީގޮތުން އެއްފަރާތްކޮށް ރައްޔިތުންނާއި މުޅި މުޖްތަމައު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށް އެންމެން އެއްގަލަކަށް އެރުމަށް އެ ގައުމުގެ އިސް ވެރިންނަށް ގޮވާލާފައެވެ.

ލުބުނާންގައި ވެރިޔެއް އަދި ސަރުކާރެއް ނެތި މިހާރު މިވަނީ 8 މަސްދުވަސް ފާއިތުވެފައެވެ. މިކަމާގުޅިގެން ލުބުނާންގެ ބޮޑުވަޒީރު ވަނީ މިއަދު އެ މަނިކުފާނުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ފާއިތުވި 8 މަސްދުވަހުގެ ތެރޭގައި އައު ސަރުކާރެއް އުފެއްދުމުގެ ޒިންމާ އެޅިފައި އޮތީ ބޮޑުވަޒީރުގެ ކޮނޑުފުޅުގައެވެ. ނަމަވެސް މި ޒިންމާ އަދާކުރެއްވިފައި ނުވުމާ ގުޅިގެން ރައީސް މީކާއިލް އައޫން އާ އެކު ދާދިފަހުން ބޮޑުވަޒީރު ވަނީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ބައްދަލުވުމަށް ފަހު އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވައި އެ ޚަބަރު އިއުލާނުކުރައްވަފައެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ހަރީރީ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކަކީ ގައުމުގައި ހަމަނުޖެހުން ބޮޑުވެގެންދާނެ ދުވަސްތަކަކަށް ވުން އެކަށީގެންވާކަމަށްވެސް އޭނާގެ ވާކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަރީރީގެ ވާހަކަފުޅު ނިންމާލަމުން އޭނާ ވަނީ ލުބުނާން އަށް ދިމާވެފައިވާ ދަތި ހާލަތުން އެ ގައުމު ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ