ބ.ފެހެންދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
މި ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ގާއިމްކުރާ ދެ ކްލާސްރޫމާއި އޮފީސް އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭޑީ އެންޓަރޕްރައިސަސް އާއެވެ.
މި މަސައްކަތް ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ކޭޑީ އެންޓަރޕްރައިސަސް އާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިމަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްއެވެ. ކޭޑީ އެންޓަރޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ ޓެންޑަރ އޮފިސަރ އަބްދުއްލާ މާހިރުއެވެ.
30 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، މި މަސައްކަތް ހަވާލުކޮށްފައިވަނީ 1,283,128.55 އަށެވެ.
ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ރަށްރަށުގައި ސެޓަލައިޓް ސްކޫލިން ގާއިމްކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އެގޮތުން ވ.ރަކީދޫ އާއި ވ.ތިނަދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ކުރިން ވިދާޅުވެފައިވަނީ ސެޓަލައިޓް ސްކޫލިން މެދުވެރިން ކިޔަވައިދިނުމަށްޓަކައި ކޮންމެ ރަށެއްގައި ދަރިވަރުން ހާޒިރުވެގެން ކިޔަވާނެ އިމާރާތެއް ހުންނާނެ ކަމަށާއި ކޮންމެ ގްރޭޑަކަށް ބޭނުންވާ މުދައްރިސުން ތިބޭނެކަމަށެވެ.
މިގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށްވެސް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދެއްވާނެކަމަށާއި ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި އެހެނިހެން ސްލޫލްތަކާއި ގުޅިގެން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
އެގޮތުން އިންޓަނެޓާއި ކޮމްޕިއުޓަރގެ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށާއި ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ފޯރުކޮށްދިނުމަށްޓަކައި އެހެން ސްކޫލްތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.