ހިންދޫންގެ ދީނީ އެއްވުމެއް ބޭއްވުމުން އިންޑިއާގައި ކޮވިޑް ފެތުރުން އިތުރުވެދާނެ ކަމުގެ ބިރު

91

ކޮވިޑް-19ގެ ތިންވަނަ ރާޅެއް އަތުވެދާނެކަމުގެ ބިރުވެރިކަން އިންޑިޔާގައި ފެތުރިފައިވަނިކޮށް އެ ގައުމުގެ ސަރުކާރުން ހިންދޫންގެ ދީނީ ރަސްމިއްޔާތެއް ބޭއްވުމުގެ ހުއްދަ ދީފިއެވެ.

ކެންވަރް ޔާތުރާ ނަމަކަށް ކިޔާ މި ރަސްމިއްޔާތަކީ ހިންދޫންގެ ގިނަ ބަޔަކު އެއްވެގެން އަޅުކަން ކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

މިކަމާ ގުޅިގެން އިންޑިޔާގެ ހައިކޯޓުން ވަނީ ސަރުކާރުން މިކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ބުނެފައެވެ. އިންޑިޔާގެ އެންމެ ކާރުބާރުބޮޑު އެއް ސްޓޭޓް ކަމުގައިވާ އުއްތަރްޕްރަދޭޝްއިން ވަނީ މިދިޔަ އަންގާރަ ދުވަހު ހިންދޫން އެ ރަސްމިއްޔާތު ބޭއްވުމަށް ހުއްދަދީ ވީހާވެސް މަދު މީހުން ބައިވެރިކޮށް ގައިދުރުކުރުމާއެކު ރަސްމިއްޔާތުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ގޮވާލާފައެވެ. މި މަހުގެ 25 ވަނަ ދުވަހު މި ރަސްމިއްޔާތު ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ހިންދޫން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގަންޖެސް ކޯރުގެ އައްސޭރިއަށް އެއްވެ އެ ކޯރުގެ ފެން ނަގައި އެ ފެނުން ފެންވަރައިހަދައެވެ. އާންމުގޮތެއްގައި 50 މިލިޔަން ހިންދޫން މި ރަސްމިއްޔާތުގައި ބައިވެރިވެއެވެ.

އިންޑިޔާގެ މެޑިކަލް އެސޯސިއޭޝަން (އައި.އެމް.އޭ) އިން ބުނެފައިވާ ގޮތުގައި މިފަދަ ބޮޑު އެއްވުމެއް ބާއްވައިފި ނަމަ އަނެއްކާވެސް އެ ގައުމުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެގެން ދާނެއެވެ. ކޮރޯނާ ވައިރަހުން ދިފާއުވުމަށް އިންޑިއާއިން މިހާރުވެސް ދަނީ ވެކްސިން ޖެހުމުގެ ޕްރްގްރާމްތައް ކުރައަށް ގެންދަމުންނެވެ. ނަމަވެސް އަދި ވެކްސިން ދެވިފައި ވަނީ ގައުމުގެ އާބާދީގެ އެންމެ ހަ ޕަސެންޓް މީހުންނަށެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ