ނިހާންގެ ޝާރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

25

 

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާ ގުޅޭގޮތުން ކޮށްފައިވާ ތުހުމަތުގައި، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލައިފައެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ދައުވާތަކާ ގުޅިގެން މިއަދު ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުން ކެންސަލްކުރީ ދިފާއީ ވަކީލުންގެ އެދުމުގެ މަތިން ކަމަށެވެ.

ނިހާނުގެ މަށްޗަށް ދައުވާތައް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ހައިސިއްޔަތުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި  ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު ގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދިން ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަހުގީގަށް ހާމަވުމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ

އަދި އޭނާއަށް ލިބިފައިވާ ކަމަށް ބުނާ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި އެއާ އެއްކޮށްފައިވާ މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފައެވެ. އަދި ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

މި މައްސަލައިގައި ކުރިން ވެސް އަޑުއެހުންތަކެއް ބާއްވާފައިވެ އެވެ. ނަމަވެސް، އަދި ކުރިއަށް ގެންދަނީ ޝަރީއަތް ފެށުމުގެ ކުރިން އޮންނަ އިބްތިދާއީ މަރުހަލާ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ