ރަހީނުކޮށް ކުއްޖާ މަރާލުން: ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

Loading

Facebook
Twitter
WhatsApp

 

ރަހީނުކޮށް މަރާލުމަށްފަހު އެއްލާލި އުމުރުން 13 އަހަރުގެ ފިހެންކުއްޖާގެ ހަށިގަނޑު ރޭ ވަޅުލައިފި އެވެ.

މިކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަންހުރިއިރު އެ ކުއްޖާ ވަޅުލާފައިވަނީ މަރުގެ ހަގީގަތްހޯދުމަށް އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސް އެވެ.

މި މަހު ފަސް ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރެވެންޑަމަށް ފުނުވުމަށް ފަހު އަނބުރާ ގެނައީ އިއްޔެގައެވެ.

ކުއްޖާ ވަޅުލާފައިވާއިރު ޕޯސްޓްމޯޓަމް ގެ ރިޕޯޓު ލިބޭނެ ސީދާ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

މި ކުއްޖާ މަރާލާފައި އޮތްވާ ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދަށް އެއްލާލާފައިވާ ފޮށްޓެއްގެ ތެރެއިންނެވެ. މި ކުއްޖާ ފެނިފައިވަނީ ރަހީނުކުރި މައްސަލައިގައި އެ ކުއްޖާ ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު، 27، އާއި 17 އަހަރުގެ ކުއްޖެކެވެ. ޒިހާނުގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.

ބޮޑެތި ކުށް ކަމަށް ކަނޑައަޅާފައިވާ ހަތަރު ކުށެއްގެ ތުހުމަތު ޒިހާނުގެ މައްޗަށް ކުރާއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމަރު ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ދެން ހައްޔަރުކުރި  17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.

މިމައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިން ކަމަށް މައުުލޫމާތު ލިބެއެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް