ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދެ މީހަކަށް ދައުވާކުރަނީ

17

 

ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ދެ  މީހެއްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލް އޮފީހުން ބުނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އެމީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލާގައި ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި، ހަމަ އެރަށު ސެޓެލައިޓް، މުހައްމަދު އާދަމްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.

މި ދެ މީހުންގެ މަށްޗަށް ދައުވާ ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނިވީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

މިދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާއިރު މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކޮށްފައެވެ.

ޕީޖީން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވުނު ހަތަރު މީހެއްގެ މައްޗަށް ޖިނާއ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ ބައި އަނބުރާ ފުލުހުންނަށް ފޮނުވާލަން ނިންމާފައިވާކަމަށެވެ.

ރަހީނުކޮށް ޒަހަމް ކުރުމަށްފަހު އެއްލާލާފައިވަނީ އުމުރުން 29 އަހަރުގެ ހަސަން އިބްރާހިމެވެ. އެ މާރާމާރީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަނީ ހަސަން ހިފަހައްޓައި ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ދީފަ އެވެ. މި މައްސަލައާ ގުޅިގެން ހަސަން އެރުވި ކަމަށް ބެލެވޭ ކާރުވެސް ފުލުހުންގެ ބެލުމުގެ ގެންގޮސް ތަހުގީގު ކޮށްފައިވެއެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިންގޮތުން މޫނުނިވާކޮށްގެން ތިބި މީހުން ހަސަނު ރަހީނުކޮށްގެން ގެންދިޔައީ އެރަށުގެ އެއަރޕޯޓާއި ދިމާލުން ފުއްޓަރު ފަރާތަށެވެ. އެތަނުގައި ދަގަނޑު ބުރިފަދައެއްޗެހިން އަނިޔާކުރުމަށްފަހު މީހުން ފިލީއެވެ.

އެމީހާ ސަލާމަތްވީ ޒަހަމްވެފައިހުރި ހާލު މީހުންދިރިއުޅޭ ހިސާބަށްގޮސް އެހީއަށް އެދި ގެއެއްގައި ދޮރުގައި ޓަކިޖެހުމުން އެގޭމީހުން އޭނައަށް އެހީވުމުންނެވެ.

 

މާރާމާރީގައި ހަސަންގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި ވަނީ ކޮށްފަ އެވެ. އޭނާއަށް އަދިވެސް ދަނީ ފަރުވާދެމުންނެވެ.

އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުން ހަސަންއަކީ ވައްކަމުގެ ގިނަ ތުހުމަތު ތަކެއް ކުރެވިފައިވާ މީހެކެވެ. އަދި އެރަށު ބައެއް މީހުން ގަބޫލް ކުރާ ގޮތުގައި މި މާރާމާރީ އަކީ ވައްކަމާ ގުޅިގެން ހިންގާފައިވާ މާރާމާރީއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ