ސައެންސުގެ ހޯދުންތަކާމެދު ކީރިތިގުރުއާނުގެ އަލީގައި ވިސްނާލުން ކީއްހެއްޔެވެ.؟

777

ސައެންސުގެ ހޯދުންތަކަކީ މައުލޫމާތުގެ ޚަޒާނާއިން އިންސާނުންނަށް ޙާސިލުކުރެވެމުންދާ ވަރަށްބޮޑު ކުރިއެރުމެކެވެ. ބޭސްފަރުވާއާއި ދަތުރުފަތުރާއި މުވާސަލާތު އަދި ކާއިނާތުގެތެރޭގައި ހިނގަމުންދާ ކަންތައްތަކާއި މިހެންގޮސް އެތަށް ބައިވަރު ހޯދުންތަކެވެ. އެހޯދުންތަކުގެ ވަސީލަތުން މުޅިއިންސާނިއްޔަތަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. ހަމަ އެއާއެކު އެ ހޯދުންތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމުން މުޅި އިންސާނިއްޔަތަށް ހަމައެހާމެ ބޮޑުގެއްލުންވެސް ވެއެވެ. މިއިން ކޮންމެ ހޯދުމަކީ ކީރިތިގުރުއާނާއި މާތް ނަބިއްޔާގެ ބަސްފުޅުތަކުން އިސްލާމުންނަށް އިރުޝާދާއި އުފާވެރިކަމާއި އިންޒާރުގެ ޚަބަރު ދީފައިވާކަންތައްތަކެވެ.

ދާދިފަހުން އަޅުގަނޑު ދަސްކުރި ފިލާވަޅެއްގައި ކާއިނާތު ފުޅާވަމުން ދިއުން ސައެންސުގެ އަލީގައި ބަޔާންކުރަން މަސައްކަތް ކޮށްފައިވެއެވެ. އެކަމާ ބެހޭގޮތުން ސައެންސްގެ ވަސީލަތްތަކުން ހޯދިފައިވާ އަދި ހޯދެމުންދާ ބައެއް ކަންތަކާބެހޭގޮތުން ކޮންމެވެސް ވަރަކަށް އަލިއަޅުވާލެވޭތޯ މަސައްކަތްކުރަން ބޭނުމެވެ. އެފިލާވަޅު ފަށައިގަންނަމުން ފާހަގަކޮށްފައިވަނީ ކީރިތި ގުރުއާނުގެ އައްޒާރިޔާތު ސޫރަތުގެ 47 ވަނަ އާޔަތެވެ. ޚުލާސާގޮތެއްގައި ލިޔާނަމަ މާތް ﷲ ކާއިނާތު އުފައްދަވާފައިވާ ގޮތާއި ފުޅާކުރައްވަމުންގެންދަވާކަމެވެ.

މީގެ ސާދަސަތޭކަ އެތައް އަހަރެއްގެކުރިން އަޅުގަނޑުމެންގެ މާތްނަބިއްޔާގެ ދޫފުޅުމެދުވެރިކޮށް އިންސާނިއްޔަތަށް މާތް ﷲ އަންގަވާފައިވާ އެންގެވުމެކެވެ. ހަމަކަށަވަރުންވެސް އެކަން އެންގެވުމުގައި މުހިންމު ސަބަބުތަކެއް ވާނެއެވެ. އެހެނީ މާތް ﷲ ގެ އެންމެހާ ޚަލްގުކުރެއްވުން ތަކާނުލައި އިންސާނިއްޔަތާއި އަދި ކާއިނާތުގެ ތެރޭގައި ހިމެނޭ އެއްވެސް ނިޒާމެއް ފުރިހަމަނުވާނެތީއެވެ. ދަންނަބޭކަލުންގެ ބަސްފުޅުތަކުން އޮޅުންފިލުވާދީފައިވާ ގޮތުގައި މާތް ﷲ ޚަލްގު ކުރައްވާފައިވާ ތަކެއްޗާއި ކަންކަމަކީ ބޭކާރުގޮތުގައި ގޮތުގައި ޚަލްގުކުރައްވާފައިވާ ތަކެއްޗާއި ކަންކަމެއް ނޫނެވެ.

ކާއިނާތުފުޅާވަމުންދާކަން ފުރަތަމަފަހަރަށް ސައެންސުން ހޯދިފައިވަނީ ވިހިވަނަގަރުނުގެ ކުރީކޮޅުގައި ކަމަށްވެއެވެ. އޭގެކުރިން ދުނިޔެދުށް މަޝްހޫރު ސައެންސުވެރިންވެސް ގަބޫލުކުރަމުން ގެންދިޔަކަމަށްވަނީ ކާއިނާތު އުފެދުނީއްސުރެންވެސް އެއީ އެއްވެސް ބަދަލެއްނައިސް އެއްގޮތެއްގައި ވުޖޫދުވެފައިވާ އެއްޗެކެވެ. ކާއިނާތަކީ ފުޅާވަމުންދާއެއްޗެއްކަން ޢިލްމާއި ތަޖްރިބާ ލިބިވަޑައިގެންތިއްބެވި އެއްވެސް ސައެންސް ވެރިއެއްގެ ހިތަށްވެސްނާރައެވެ. ބުނެވޭގޮތުގައި ކާއިނާތު ފުޅާވަމުންދާކަން އެންމެފުރަތަމަ ފާހަގަ ކުރެވުނީ ރަޝިއާގެ ސައެންސުވެރިއެއް ކަމުގައިވާ އެލެގްޒެންޑަރ ފްރީޑްމަން އާއި ބެލްޖިއަމްގެ ސައެންސުވެރިއެއް ކަމުގައިވާ ޖޯޖް ލެމޭޓަރގެ ހޯދުންތަކުންނެވެ. އޭގެފަހުން 1929 ވަނައަހަރު އެޑްވިން ހަބްލްއޭ ކިއުނު އެސްޓްރޯމަރަކު އުފެއްދި ބާރުގަދަ ދުރުމިއަކުން ކާއިނާތު މިންއަޅަން ފުރަތަމަ ފަހަރަށް ބޭނުންކުރެވުނެވެ. މިންއެޅުނުގޮތަކާއި މިންތައް ލިއުމަކީ އަޅުގަނޑުގެ މަގްސަދެއް ނޫނެވެ. ރަނގަޅު އެދުރުބެއެއްގެ އެހީގައިނޫނީ އެކަންތައް އަޅުގަނޑުމެންނަށް އޮޅުމަކުންވެސް ނުފިލާނެއެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ގަރުނެއްހާ ދުވަހުގެތެރޭގައި އެޅުނު މިންތަކުން ދޭހަކުރެވުނީ ކުރިން ހީކުރެވުނުގޮތަކަށް ނޫންކަމަށްވެއެވެ.. އަދި ކިއެއްތަ ! ކާއިނާތު ފުޅާވަމުންދިޔަ ބާރުމިން ކުރިން ހީކުރިވަރަށްވުރެން ތަފާތުކަން އެނގުނެވެ. ސައެންސުވެރިން ގަބޫލުކުރާ ގޮތުގައި މިހެން ދިމާވެފައިވަނީ ދެ ގޮތަކަށް މިންއެޅުމުގެ ސަބަބުންނެވެ. ފުރަތަމަ ގޮތަކީ އަޅުގަނޑުމެންނާއި އެންމެ ކައިރީގައިހުރި މަޑިކިލަނބުތައް އަޅުގަނޑުމެންނާ ދުރަށްދާ މިންވަރުގެ މައްޗަށް ކުރެވުނު ދިރާސާގެ ނަތީޖާއެވެ.

ދެވަނަގޮތަކީ ބިގްބޭންގ އޭ ކިއުނު ޙާދިސާގައި އުފެދުނު ދޯދިތަކުގެ މައްޗަށް ބިނާކޮށް ކުރި އަންދާޒާއެވެ. ސައެންސުވެރިން ބުނާގޮތުގައި މިހާރުވެސް އެދޯދިތައް ފެނެއެވެ. ނަމަވެސް ކާއިނާތު ފުޅާވެގެން ދާލެއްބޮޑުކަމުން މިހާރު އެ ދޯދިތައް ދެނެގަނެވެނީ ރޭޑިއޯ ރާޅުތަކެއްގެ ސިފައިގައެވެ. ކޮންމެއަކަސް މިކަމުގެ އެންމެރަނގަޅު މިސާލެއްގެގޮތުގައި ސައެންވެރިން ފާހަގަކޮށްފައިވަނީ ފުއްޕާހަމެކެވެ. އޭގެ މަތީފަރާތުގައި ފާހަގަތަކެއް ޖެހުމަށްފަހު އެހަން ފުއްޕަމުން ގެންދާނަމަ އެ ފާހަގަތައް އެކަތި އަނެކައްޗާއި ދުރުވަމުންދާގޮތުން މިސާލުނަގައިގެންނެވެ. އެއްވެސްވަރަކަށް ސައެންސް ނޭންގޭތީވެ މި ޖުމުލަ ކިޔާފާއަޅުގަނޑު ހިތަށް އެރީ އެހެންވެއްޖެއްޔާ އިރާއި ހަނދުވެސް އަބަދާއަބަދު އަހަރެމެންގެ ދުނިޔެއާވެސް ދުރައް ދާނެތާއެވެ.

އަދި އޭގެ ބޮޑުމިންވެސް ތަފާތު ވަމުންދާނެތާއެވެ. އެކަމަކު ކުރިންސުރެން ކިޔާދީފާއޮންނަނީ އިރާއި ދުނިޔެއާ ދޭތެރޭ ގާތްގަނޑަކަށް 152 މިލިއަން ކިލޯމީޓަރ ހުންނަކަމަށާއި އަދި އިރުގެ ޑައިމީޓަރަކީ ގާތަގަނޑަކަށް 1.392 މިލިއަން ކިލޯމީޓަރ ކަމަށެވެ. ހަމައެފަދައިން ދުނިޔެއާއި ހަނދާ ދޭތެރޭ ހުންނަނީ ގާތްގަނޑަކަށް 385000 ކިލޯ މީޓަރ ކަމަށާއި ހަނދުގެ ޑައިމީޓަރަކީ ގާތްގަނޑަކަށް 3475 ކިލޯމީޓަރ ކަމަށެވެ. މި މިންތަކަށް ބަދަލު އަންނަމުންދާކަން އެނގިފައެއްނެތެވެ. އެއީ ހަގީގަތްކަމުގައިވެސް ވެދާނެއެވެ. ނޫނީ ކާއިނާތު ފުޅާވަމުންދިއުން އެއީ އެހެންގޮތަކަށްވާ ކަމަކަށްވެސް ވެދާނެތާއެވެ. މިސާލަކަށް އަޅުގަނޑު ދިރިއުޅޭކޮޓަރި ބޮޑުކޮށް ފުޅާކުރުމަކުން ކޮޓަރީގެ ތެރޭގައިހުރި ބޮކިތަކާއި ފަންކާތަށް ދުރަށްދާކަށް ނުވަތަ އެތަކެތީގެ ސައިޒު ބޮޑުވާކަށްވެސް ނުޖެހޭތާއެވެ! ފަހަރެއްގައި ސައެންސްވެރިންގެ ފުއްޕާހަމުގެ މިސާލަކީވެސް އެންމެ ރަނގަޅުމިސާލަށް ނުވެވެސް ހިނގައިދާނެތާއެވެ! އަޅުގަނޑަށް ނޭންގޭތީވެ ސުވާލު އުފެދުނީއެވެ. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި ސުވާލު އުފެދުން އެއީ ރަނގަޅުކަމެކެވެ. އެހެނީ ކޮންމެވެސް ބޭކާރުކަމަކަށް އަޅުގަނޑުކުރާ ފިކުރުތަކާއި ވިސްނުންތަކުން ކޮންމެވެސް މިންވަރެއް މިކަމަށް ހޭދަކުރަން ޖެހުމެވެ. މިލިއުމަކީ އޭގެ ނަތީޖާއެވެ.

ކޮންމެއަކަސް ކާއިނާތުގެ ފުޅާވުމަކީ އަޅާނުލާދޫކޮށްލެވޭ ވަރަށްވުރެން މާ ބޮޑުކަމެއްކަމުގައި ސައެންސްވެރިންނަށް ގަބޫލުކުރެވޭކަން ކަށަވަރެވެ. އެހެންނޫންނަމަ ބާރުގަދަގޮތްގޮތަށް ދުރުމި ހަދައިގެން އެކަންބަލާކަށް ބޭނުމެއްނުވާނެއެވެ. ކަންއޮތީ މިހެންކަމުގައި ވިޔަސް އަޅުގަނޑުމެންނަށް މިކަން ސާދަ ސަތޭކަ އަހަރުކުރިން އެނގުމުންވެސް އިތުރަށް ދެނެގަތުމަށް އަހުރެމެނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މާޒީގައި އިސްލާމީ އިލްމުވެރިންގެ ހޯދުންތައް ހުރިހާ ދާއިރާއެއްގައިވެސް އޮތީ ފުނިޖެހިފައެވެ. ހުޅަނގުގެ ގައުމުތަކުން އެ ހޯދުންތަކުން “ވައްކަންކޮށްގެން” ނަމަވެސް އިންސާނިއްޔަތަށްޓަކައި ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތަކަށް ޝުކުރުވެރި ވުމާއެކު ތަޢުރީފް ޙައްގެވެ.

ހަމައެއާއެކު އެމީހުންގެ ހޯދުންތަކުގެ ބަތާނަފަރާތުގައި އެކުލެވޭ ނުރަނގަޅު ކަންތައްތައް ފަތުރަމުން އެގެންދަނީ އޭގެ ސިހުރުގައި ޖައްސައިގެން މުޅި އިންސާނިއްޔަތު ފަނާކުރަނިވި ގޮތެއްގައޭ ބުނުމަކުން މުޅީން ދޮގަކަށް ނުވާނެއެވެ. އެކަމާއިކ ނުރުހެންވެސް ޖެހެއެވެ. ފައިސާއާއި ތަނަވަސްކަން މިޒަމާނުގައި މުސްލިމް ގައުމުތަކަށް މާތް ﷲ ދެއްވާފައިވަނީ އެހެން އެއްވެސް ބަޔަކަށް ދެއްވާފައި ނުވާ މިންވަރަކަށެވެ. ހަމައެފަދައިން އިލްމު އުނގެނުމުގެ ވަސީލަތްތަކާއި ޙައްގުމަގުވެސް އެއޮތީ ކުރިމަތީގައި އަމާންކަމާއެކު ހުޅުވާދީފައެވެ.

އެހެންނަމަވެސް މިހުރިހާ ވަސީލަތެއް ލިބިތިބެމެ، ހުޅަނގުގެ އިލްމުވެރިންގެ ހޯދުންތަކަށް ” ކީރިތި ގުރުއާނުންނާއި މާތް ނަބިއްޔާގެ ބަސްފުޅުތަކުން މީގެ ސާދަސަތޭކަ އެތައް އަހަރެއްގެކުރިން އަހަރެމެންނަށް ތިޔަކަންތައް އޮތީ އެނގިފައޭ ” ބުނުން ނޫނީ ދެންކުރާކަމެއް ނެތެވެ. މާތް ﷲ މިންވަރު ކޮށްދެއްވާފައިވާ ތަނަވަސްކަމާއި މުއްސަދިކަން ތިމަތިމާމެންގެ މުނިފޫހިފިލުވުން ތަކަށް ހޭދަކުރަމުން ގެންދާއިރު އެކަމާ ސުވާލު ކުރެވޭނެކަންވެސް ގަބޫލުނުކުރާ ކަހަލައެވެ.

އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ހުޅަނގުގެ ހޯދުންތަކުގެ ބަތާނަފަރާތުގައި އެކުލެވޭ ނުރަނގަޅު ކަންތައްތައް ތަޢަރުފްވެގެން މިދަނީ ކަންބޮޑުވެ ދެކޮނޑުގައި އަތް ބާއްވަންޖެހޭ މިންވަރަކަށެވެ. އޭގެ ސިހުރުން ދެން ސަލާމަތެއް ނެތޭވެސް ހިތަށް އަރާހިސާބަށް ކަންތައް ހިނގައްޖެއެވެ. މިކަމަށް ރަނގަޅު ފަރުވާއެއް ލިބިދާނެ ކުޑަވެސް އުންމީދެއް އޮތީ މަދަރުސާތަކުގައި ކިޔަވާދިނުން އިސްލާމީ ގިއުގަނޑަކަށް ފައްތައިގެން ރާވައި ހިންގުމެވެ.

އަޅުގަނޑުގެ އަމާޒަކީ މިހާރުގެ ބަހުރުވައިން ބުނާނަމަ ހައްދުފަހަނަޅާ ދިއުމުގެ ވިސްނުން އަށަގެންނެވުމެއް ނޫނެވެ. އަދި ހުޅަނގާއި އިރުމަތީގެ ރިވެތި ތަހުޒިބާއި ޢިލްމީ ކުރިއެރުންތަކާއި ދިރާސާތައް ބޮލާލާޖަހާ ވާހަކަައެއްވެސް ނޫނެވެ. ކުރިއަރަމުންދާ ގައުމުތަކުގެ ސަފުގައި އަޅުގަނޑުމެންގެ އުންމަތުގެ ފައިތިލަތައް ސާބިތުކުރުމަށްޓަކައި ކުޑައިރުއްސުރެންވެސް ހުޅަނގުގެ ނުރަނގަޅު ތަހުޒީބާއި އިސްލާމީ އާދަކާދަތަކާއި ނުގުޅޭ ފިކުރުތަކާއި މަސްތުވާތަކެތީގެ ވިސްނުން ނޫން އެހެން ހެޔޮލަފާ ވިސްނުމެއް އަށަގެންނެވުމުގެ މުހިންމުކަމެވެ.

މާޒީވެ ދިޔަ އިސްލާމީ ޙަޟާރަތްތަކުގައި ޢިލްމުވެރިން ހޯދައިފައިވާ ޢިލްމީ ކުރިއެރުންތަކާއި ހޯދުންތައް އިތުރަށް ދިރާސާކުރުމުގެ މުހިންމުކަން ކިޔަވާކުދިންގެ ސިކުނޑިތަކަށް ވައްދައި ދީގެންނެވެ. މިކަހަލަ ބަލި ސިކުނޑިއަކުން މިކަމާ ވިސްނަން މަޖުބޫރު ކުރުވިފަދައިން އަޅުގަނޑުމެންގެ ޒުވާނުންގެ ތާޒާ ސިކުނޑިތަކުން މިކަހަލަ ވިސްނުންތަކާއި ފިކުރުތަކުން ޖާގަހޯދަން ފަށައިފިނަމަ ކާމިޔާބު މުސްތަގްބަލަކަށް އުންމީދުގެ ބިންގަލެއް އެޅުނީއެވެ. ވަލްޙަމްދުﷲ.

 

2 ހިޔާލުތައް

  1. ވަރަށް ފުރިހަމަ ޢިލްމީ ދަރުސެއް. މިކަހަލަ ޢިލްމީ ދީނީ ލިއުންތައް ގިނަ ވާނަމަ މިއުންމަތުގެ ގިނަބައެއްގެ ލޯހުޅުވޭނެ ކަން ޔަޤީން. އިންޝާއ الله.
    ތި ޢިލްމު ވެރިޔާ އާއި ވާހަކަ ދައްކާލަން ވަރަށް ބޭނުން ވާތީވެ
    އަޅުގނޑުގެ ފޯނު ނަމްބަރ މިދެއްވީ. 7996079

  2. ލިއުންތެރިޔާއަށް ޝުކުރިއްޔާ….މި ލިއުމުގައި ވަރަށްބޮޑު ދެ ޙަގީގަތެއް ފާހަގަކުރައްވާފައިއެބައޮތެވެ. ފުރަތަމަ ކަމަކީ އެއްޗެއް ލިޔާއިރު ލިއުންތެރިޔާގެ މަަޢުލޫމާތު މަދުވެދާނެކަމެވެ. މިއީ މިޒަމާނުގެ ލިއުންތެރިން އާންމުގޮތެއްގައި އެއްބަސްނުވެދާނެ ހަގީގަތެކެވެ. އެހެންނަމަވެސް ލިއުން ތައްޔާރުކުރުމުގައި މައުލޫމާތު ހޯދި މަސްދަރގެ އުނިކަންވެސް ހުރެދާނެކަން ވިސްނާދީފައި އެބައޮތެވެ. ދެވަނަކަމަކީ މިޒަމާނުގައި އިންސާނުންގެ ދިރިއުޅުމާއި އާދަކާދައަށް އަންނަމުންދާ ނުރަނގަޅު ބަދަލުތައް އިސްލާހުކުރުމަށް ބާރުއަޅާފައިވުމެވެ. ހިތާމައަކީ އެއްވެސް މުޖުތަމާއަކަށް އަށަގަންނުވަމުންމިގެންދާ ނުރަނގަޅުއާދަކާދަތަކަށް ހޭލުންތެރިކަން ނުއުފެއްދުމެވެ. އެއީ އެ އާދަކާދަތައް އަށަގަންނުވަންބޭނުންވާ ފަރާތްތަކުގެ މަގްސަދުވެސް މެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ