ރާއްޖޭގައި މުޒާހަރާ ތަކުގައި ބައިވެރިވި ބައެއް ފަރާތްތަކަށާއި ސަރުކާރަށް ފާޑު ކިޔައިހެދި ބައެއް މީހުންނަށާއި ސަރުކާރުގެ އަނިޔާވެރި ޚުދު މުޚުތާރު ޢަމަލުތަކުގެ ވާހަކަ ނޫސްތަކުގައާއި މަޖައްލާ ތަކުގައި ޝާއިޢު ކުރި ފަރާތްތައް ޖަލަށްލައި ޖިސްމާނީގޮތުންނާއި މާއްދީގޮތުން ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. އޭގެ ސަބަބުން ޢާއިލާތައް ރޫޅި ދިރިއުޅުމަށްޓަކާ ކުރަމުން ދިޔަ މަސައްކަތް ބަރުބާދު ވެފައިވެއެވެ. އިގުތިސާދީ ގޮތުންނާއި އިޖްތިމާޢީގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން ”ހުކުރު“ މަޖައްލާ، ”ސަންދާނު“ މަޖައްލާ، ”މިނިވަން“ ނޫހުގެ ވަރަށް ގިނަ ލިއުންތެރިން ނަށް ސަރުކާރުން ކޮށްފައިވާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގެ ބަދަލު ލިބެން ޖެހެއެވެ.
އިންތިގާލީ އިންސާފުގެ ބިލް ތަސްދީގު ކުރުމުން އަނިޔާ ލިބުނު މީހުންނަށް ބަދަލު ލިބޭނެ ކަމަށް އުންމީދު ކުރެވުނެވެ. އެހެނަސް ކަން ކަން ހިނގަމުން މިއަންނަނީ ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އިޙުތިރާމެއް ކުރާ ރާގަކަށް ނޫންކަމުން ކިތަންމެ އުންމީދެއް ކުރިއަސް ވާނެ ފައިދާ އެއް ނޯންނާނެތީ ހަނުހުރުން ނޫން ގޮތެއް މިއަދަކު ނެތެވެ.
ރައްޔިތު އެންމެން ފެށި އިންސާފު ގެ ދަތުރު ގަދަ ވަޔާއި ވިއްސާރައިގައި ނުހަނު ބިރުން ތިއްބާ ﷲ ގެ ހެޔޮރަޙުމަތުން މަންޒިލާ ހަމައަށް އާދެވި މިވަނީ ބަނދަރު ކޮށްފައެވެ. މިފަދަ ނާމާން ދަތުރެއް އަދި މިހާތަނަށް ރައްޔިތުން ކޮށްފައެއް ނުވެއެވެ. ކަން މިހެން ހުރި ނަމަވެސް މީރު ބަހުރު ނަވަށް އަރައި މާލިމީ އާ ނަވުގެ ބޮޑުން ގަނެލައި ގައުމު އިހު އޮތް ޙާލަތަށް އެދަނީ ބަދަލު ކުރަމުންނެވެ. ފަޅުވެރީން ތިބީ ހައިރާންވެ ކަންކަން ބަދަލުވެގެން މިދާގޮތާމެދު ބުނާނެ އެއްޗެއް ނޭނގިފައެވެ.
ގައުމަށް ކުރިމަތިވެފައިވާ ބިރުވެރިކަން އިހުނަށްވުރެ މާބޮޑެވެ. އެއްވެސް ރައްޔިތަކަށް ފުރާނައިގެ ރައްކާތެރިކަމެއްވެސް ނެތެވެ. ވަލު ޖަނަވާރުންނަށް ވުރެ ނުބައި ނުލަފާ ޖައްލާދުން އަޑީގައި ފިލާ ތިބެ ގައުމުގެ މިސްރާބު ބަދަލު ކޮށް، ބިރުވެތިކަމާއި ނާމާންކަމުގެ ތެރެއަށް ގައުމު ވައްޓާލަނީ އެވެ. ރައްޔިތުން ގެ ބިރު ފިލައި ކުރިން ބުނި ބިރަކާ ނުލައި އުޅެން ކުރި އުންމީދުތައް ވަނީ ފުނޑުފުނޑުވެ ގޮސްފައެވެ.
އިހު އެވޭލާ ޒަމާނުގައި ވައްކަން ކުރަނީ ރަށުތެރެއަށް ފުރޭތައެއް އަރާ ވާހަކަ ދައްކައި ގެއިން ނުކުންނަން ބިރުން ގޭގައި ތިއްބައެވެ. މިހާރު ވައްކަން ކުރަނީ އެފަދަ ވާހަކަ ދައްކާމީހާ މަރާލައިގެންނެވެ. ޒަމާން ބަދަލު ވީއެވެ. ތަރައްގީ ވީއެވެ. ވައްކަން ކުރުމާއި ޖިންސީ ގޯނާ ކުރުން އޮތީ ބޮޑުންނަށް ހުއްދަ ކަމެއްގެ ގޮތުގައެވެ. ތަހުގީގެއް ކުރަން ބަލާއިރު ރޭޕްކުރަނިކޮށް ފެނުނު މީހާ ތަހުގީގު ގައި ބުނަނީ އެދެމީހުން ބަޣަލްގީރު ކުރިތަން ފެނުނު ކަމުގައެވެ. ބަޣަލްގީރު ކުރުމަކީ ކަރާއި ކަރު ޖައްސައިގެން ކުރާ ޢަރަބި ސަލާމެކެވެ. މީ ވެސް އިންސާފު ތާއެވެ.
ދެން އޮތީ ތާހިރު ދިރިއުޅުމެއް ބޭނުން ވެގެން ރައްޔިތުން އުޅޭ ވާހަކައެވެ. ކޯވިޑު ގެ ޢާލަމީ މުސީބާތާ ގުޅިގެން ރައްޔިތުން ފުނޑިފައި ތިއްބާ، ކަރަންޓް ބިލާއި ފެން ބިލާއި ގޭކުލި ނުދެއްކި ރައްޔިތުން ހަނާވަމުން ދާ މި ދަނޑިވަޅު ފެނާއި ކަރަންޓް ބިލް ނުދައްކައިފިނަމަ، މި ހުރިހާ ޚިދުމަތުން ރައްޔިތު މީހާ މަޙުރޫމް ކޮއްލާނެ ކަމުގެ އިންޒާރުތައް އެދަނީ ދެމުންނެވެ. މިދެންނެވި ބިލް ތަކުން %40 އިންސައްތަ އުނި ކޮށްދެއްވައިފި އެވެ. އެހެނަސް ރައްޔިތުމީހާ ހުރި ޙާލެއް ސަރުކާރަކަށް ރޭކާވެސް ނުލައެވެ. ބައެއް ރައްޔިތުން ތިބީ އެއްއިރު ކައިގެން އެހެން ވަގުތު ތަކުގައި ބަނޑަށް ހޫނު ކޮށްގެންނެވެ. މިކަންކަން ދެނެ ހުރި ވެރިޔަކު ނެތެވެ. މައާފު ކުރައްވާށެވެ. ރައްޔިތުމީހާގެ ހައްގުގެ ވާހަކަ ދައްކަން ޖެހުމުން މިހާ ހިސާބަށް ދާން ޖެހުނީ އެވެ. ދަންނަވަން މި އުޅެނީ އަނިޔާގެ ވާހަކަ އަޑުއަހާނެ ފަރާތެއް ނެތް ވާހަކައެވެ. ސަރުކާރުން ރައްޔިތުންގެ މަށްޗަށް ހިންގާފައިވާ އަނިޔާތަކާ ދީފައިވާ ގެއްލުމުގެ ބަދަލު ނުލިބިގެން ޝަކުވާ ކުރާ އެތަކެއް ރައްޔިތުން ގެ އަޑު އައްސަވާނެ މުއައްސަސާއެއް ނެތް ވާހަކައެވެ.
ކުރީގެ ސަރުކާރުތަކުން ނޫސް ވެރިންނަށާއި މުޒާހަރާތަކުގެ ބައިވެރިންނަށް ކޮށްފައިވާ އަނިޔާތަކާއި އޭގެ ސަބަބުން އާއިލާތަކަށް ލިބިގެންދިޔަ ފޫނުބެއްދޭ ވަރުގެ ގެއްލުމުގެ ބަދަލު ނަގައި ދޭނެ ފަރާތެއް ނެތިގެން ރައްޔަތުން ކުރާ ޝަކުވާއަށް ނިމުން އަންނާނެ ދުވަހެއް ނުފެނި ގެން ރައްޔިތުން ކުރާ އިންތިޒާރު ގެ ވާހަކައެވެ. އިންތިގާލީ އިންސާފުގެ ގާނޫނުން ރައްކާތެރިކަން ބޭނުންވެގެން އަނިޔާ ލިބުނު ފަރާތް ތަކުން ރޮއި ނަގަނީއެވެ. އިންސާފާއި ބަދަލު ލިބޭނީ ކޮން ދުވަހަކުން ބާވައެވެ!
މިހާރު ފެންނަނީ އިންސާފު ހޯދައި ދިނުމުގެ ބޮޑު ވައުދާއެކު އައި މީހުން އާރާއި ބާރައެކު ތިބެ އެމީހުންނަށް އިންސާފު ނުލިބިގެން ޝަކުވާކޮށް ރޮއި ހޭރެމުންދާ މަންޒަރެވެ. ދެން ރައްޔިތުންގެ ވާހަކަދައްކައި ރައްޔިތުންނަށް ހައްގު ހޯދައި ދޭން އުޅޭނީ ކޮންބައެއް ހެއްޔެވެ؟
One Response
މި މެރުމުގެ ވާހަކަވެސް މިހާރަކު ލާދީނީ ކުދިންކޮޅު ނުވަތަ ޑިމޮކްރެސީ ކުދިންކޮޅު ހަނދާނެއް ނެތް. އެކުދިންގެ ކަލްޓް އަށް ލިބުނު އަނިޔާއެކަނި މިގައުމުގައި އަނިޔާއެއް މީހަކަށް އެވީ ދޯ. މިހެން ބުންޏަސް އެ ކަލްޓް އަށް ވެސް ޙަމަލަ ދީގެން ނުވާނެވެސް މެއެވެ. އެހެނަސް ތިބުނާހެން އިންސާފު އެންމެނަށް ހަމަ ހަމަކޮށް ލިބިދޭންޖެހޭނެއެވެ.