ބޮޑުފިނޮޅުން ބިދޭސީން ބާލުވަން އުޅޭ ކަމަށް ޕީއައިއެލްސީ އިން ބުނެފި

Loading

Facebook
Twitter
WhatsApp

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީން ރަށުން ބާލުވަން، އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސްއިން ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެމުން އަންނަ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީއައިއެލްސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރު، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުންނާ ގުޅޭ މައްސަލައެއް މިދިޔަ ހަފުތާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ އާއި އިނާޔަތްތައް އެއްފަހަރާ ދިނުމާއި އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަކިގޮތެއް ކަނޑައަޅަންދެން، ރިޒް ކުންފުންޏާއި އެ ކުންފުނީގެ ދެ ޑިރެކްޓަރުން، މަސައްކަތްތެރިންނަށް ކެއުންބުއިމާއި ސިއްހީ ފަރުވާ އާއި އެންމެހާ ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތް ހަމަޖައްސާފައި ބޭއްވުމަށް އެދިފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

”މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 18 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ވެސް ޒިންމާއެއްކަން މި ފުރުސަތުގައި ފާހަގަކޮށް، އެ ބިދޭސީ މަސައްކަތްތެރިންނަށް މި ވަގުތަށް ލިބިފައިވާ ބޯހިޔާވަހިކަމުން މަހުރޫމް ކުރުމާއި އެ ފަރާތްތަކަށް ކެއުމާއި ބުއިމާއި ސިއްހީ ފަރުވާ އާއި އެންމެހާ ޒަރޫރީ ބޭނުންތައް ނުފުއްދޭނެ ފަދަ ހާލަތްތައް މެދުވެރިކުރުވުމަކީ އެ ފަރާތްތަކުގެ އިންސާނީ ހައްގުތަކާ ގުޅޭ ކަމެއް ކަމުގައިވާތީ، ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެންގެވުމުގައި މި މައްސަލަ ބައްލަވައި އަވަސް ފިޔަވަޅުތައް އެޅުއްވުމަށް މި ޖަމިއްޔާގެ ފަރާތުން އެ އިދާރާތަކަށް އިލްތިމާސްކުރަމެވެ،“ ޕީއައިއެލްސީގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ޒަރޫރީ ބޭނުންތަކެއް ފުއްދުމަށްޓަކައި ބޮޑުފިނޮޅުން ފޭބި ހަތަރު ބިދޭސީއަކު އެ ރަށަށް އަނބުރާ އެރުމުގެ ހުއްދަ ފުލުހުންނާއި ސީލް މޯލްޑިވްސް އިން ނުދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ބާކީ ތިބި ބިދޭސީން ރަށުން ބޭލުވުމުގެ މަސައްކަތް ސީލް މޯލްޑިވްސް އިން މިއަދު ކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ވެސް ބުންޏެވެ.

މުސާރަ ނުދިނުމުން އެރަށުގައި ތިބި ބިދޭސީން ވަނީ މިމަހުގެ ކުރީކޮޅު ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި އެރަށުގައި ހުރި ބައެއް މުދަލަށް ގެއްލުން ދީފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

ބޮޑުފިނޮޅުގައި ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މި މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ވަނީ އިއްޔެ އެކުންފުންޏަށް އަންގައިފައެވެ. އަދި އެ އެންގުމާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އަންގާފައިވެއެވެ.

ސީލް މޯލްޑިވްސް އިން ބުނާ ގޮތުގައި ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ އެ ރަށް ތަރައްގީކުރަން ހަވާލުކުރި ރިޒް ކުންފުނިން ގެންދިޔަ މީހުންނެވެ. ނަމަވެސް ރިޒް ކުންފުނިން ބުނީ އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.

ބޮޑުފިނޮޅުން ބިދޭސީން ބާލުވަން، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން ވެސް އަމުރު ނެރެފައިވެއެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް އެ އަމުރު ތަންފީޒުކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް