ބަނގްލަދޭޝްގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 52 މީހުން މަރުވި ހާދިސާގައި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ދާދިފަހުން ބަނގްލަދޭޝްގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 52 މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން 49 މީހުން މަރުވެފައި ވަނީ އިމާރާތުގެ އެތެރޭގައި ތާށިވެގެންނެވެ. އަދި 3 މީހުން މަރުވެފައިވަނީ ސަލާމަތްވުމަށްޓަކައި އިމާރާތުން ފުންމާލަން އުޅުމުގެ ތެރޭގައި ކަމުގައި ކަމާބެހޭފަރާތްތަކުން ވަނީ މައުލޫމާތުދީފައެވެ.

މި ހާދިސާ ތަހުގީގު ކުރުމަށްފަހު އެ ގައުމުގެ ފުލުހުން މިހާރު ވަނީ ކާރުހާނާގެ ވެރިމީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެތަނުގައި 11 އަހަރުގެ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާފައިވާ ކަން ތަހުގީގުތަކުން ހާމަވުމާ ގުޅިގެންނެވެ. ކާރުޚާނާގެ ވެރިމީހާގެ އިތުރުން އޭނާގެ ހަތަރު ފިރެހެން ދަރިންވެސް ވަނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކާރުޚާނާހުރި ސްޓޭޓްކަމަށްވާ ނަރަޔަންގަންޖް ގެ ޕޮލިސް ޗީފް، ޖަޔަދުލް ޢާލަމް ކަމާގުޅޭ މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި ހާދިސާ ހިނގާދިޔަ ވަގުތު ކާރުޚާނާގެ ގޭޓު ހުރީ ތަޅުލާފައެވެ. ގިނަ މީހުންނަށް ސަލާމަތް ނުވެވުނީ އެހެންވެގެންނެވެ. މި ހާދިސާއަކީ ގަސްތުގައި އެމީހުން މަރާލުމުގެ ގޮތުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ސިފަ ކުރައްވައި ޕޮލިސް ޗީފް ވަނީ ކާރުޚާނާގެ އެތެރޭގައިވެސް ސަލާމަތީ އެއްވެސް ވަސީލަތެއް ނެތްކަން ވެސް ފާހަގަކުރައްވާފައެވެ.

އަޖްވާޒް ފައުންޑޭޝަން ފޯ ވޯކާޒް ރައިޓްސްގެ ފައުންޑާރ އަދި އެގްޒެކްޓިވް ޑިރެކްޓާރ، ނަޒްމާ އަކްތާރް، އަލް ޖަޒީރާނޫހާއި ހަވާލާދީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައިވެއެވެ. އަދި މި ކުދިން ލައްވާ ކާރުޚާނާގައި މަސައްކަތް ކުރުވާފައިވަނީ ގަވައިދާ ޚިލާފަށް ކަންވެސް އޭނާ ވަނީ ހިތާމައާ އެކު ފާހަގަކުރައްވާފައެވެ.

ބަނގްލަދޭޝްގައި 2013 ވަނަ އަހަރު ހިނގި ހާދިސާއެއްގައި 9 ބުރީގެ އިމާތާތެއް ވެއްޓި 1100 މީހުން މަރުވި މައްސަލައަށްފަހު އެ ގައުމުން ވަނީ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުން މަދުކުރުމުގެ ގޮތުން ގާނޫނެއް ތަންފީޒުކޮށްފައެވެ. މިހާރު އެ ގައުމުގައި އެ ގަވައިދުގެ ދަށުން ކުޑަކުދިންނަށް މަސައްކަތް ކުރެވޭނީ ތިނެއް ނުވަތަ ފަސް ގަޑިއިރު އެކަންޏެވެ. ނަމަވެސް އެ ގައުމުގެ ވަރަށް ގިނަ ކާރުޚާނާތަކުގައި ކުޑަކުދިން ލައްވާ ގަވައިދާ ޚިލާފަށް މަސައްކަތް ކުރުވަމުން ގެންދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް