މިރޭ ފަތިހު ކޮޕާ އެމެރިކާ ފައިނަލް: ބްރެޒިލްއާއި އާޖެންޓީނާ އަދި މެސީއާއި ނޭމާގެ ބައްދަލުވުމެއް

Loading

Facebook
Twitter
WhatsApp

ކޮޕަ އެމެރިކާ ފައިނަލްގައި މިރޭ ފަތިހު ބައްދަލުކުރާނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެބާރު ކަމަށްވާ ބްރެޒިލްއާއި އާޖެންޓީނާއެވެ. ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅޭ ވަރުގަދަ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިރޭ ފަތިހު 5.00ގައެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ދެ ތަރިން ތިބީ އާޖެންޓީނާއާއި ބްރެޒިލްގައެވެ. އެއީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ބްރެޒިލްގެ ނޭމާއެވެ.

ބްރެޒިލްއަކީ އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަން އަދި އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގެ ވެސް ޗެމްޕިއަނުންނެވެ.

އާޖެންޓީނާ މުބާރާތެއްގެ ފައިނަލް ނުކުޅޭތާ 8 އަހަރު ވެއްޖެއެވެ.

މެސީއާއި ނޭމާއަކީ އެއްދުވަސްވަރެއްގައި އެއްޓީމަކަށް ކުޅެފައިވާ ދެ އެކުވެރިންނެވެ. އެ ދެ މީހުން ބާސެލޯނާއަށް ކުޅުނު ދުވަސްވަރަކީ ބާސެލޯނާގެ ފޯވާޑު ލައިން އެންމެ ނުރައްކާތެރި އެއްދުވަސްވަރެވެ. މިރޭ ފަތިހު އެ ދެމީހުން ކުޅޭނީ ފުޓުބޯޅައިގައި އިންތިހާއަށް ވާދަވެރި ދެ ގައުމަށެވެ. ދެ ޓީމަށެވެ. އެމީހެއްގެ ގައުމަށް ކޮޕާ އެމެރިކާ ހޯދައިދިނުމަށެވެ. އެންމެ ގިނަ ހަމަލާދީ ބިމަށް ތިރިކުރާނީ ވެސް މި ދެކުޅުންތެރިންނެވެ. އަދި އެންމެ މޮޅަށް ކޮއްޓައި ބޯޅައާއިގެން ދުވާނީ ވެސް މި ދެކުޅުންތެރިންނެވެ. އަދި އެންމެ ގިނަ ބައެއްގެ، އެތައް މިލިއަން ބައެއްގެ ނަޒަރު އަމާޒުވާނީ ވެސް އެ ދެކުޅުންތެރިންގެ ހަރަކާތްތަކަށެވެ.

މެސީ އާޖެންޓީނާއަށް ކުޅޭއިރަށްވުރެ ބޮޑަށް މޮޅީ ބާސެލޯނާއަށް ކުޅޭއިރު

އެއްފަހަރަކު އާޖެންޓީނާ ކޮޕާ އެމެރިކާގައި ކުޅުނު މެޗެއް އެއްވަރުވެ ނަތީޖާ ނެރެން ޕެނަލްޓީ ޖަހަމުން ގޮސް މެސީއާ ޖެހުމުން އޭނާ ޖެހި ޕެނަލްޓީ ދިއައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެކަމާ ގުޅިގެން މެސީއަށް އާޖެންޓީނާ މީހުން ވަރަށް ބޮޑަށް ފާޑުކިޔައި ޖެއްސުންކޮށްހެދިއެވެ. އެކަމުގެ ހިތާމަޔާއި ކަންބޮޑުވުމުގެތެރޭގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލަން މެސީ ނިންމައި އެކަން އިއުލާންކުރިއެވެ. ނަމަވެސް ފަހުން އޭނާގެ ނިންމުން ބަދަލުކޮށް ގައުމީ ޓީމަށް އަލުން ކުޅެން ފެށީ އެތައް މިލިއަން ބައެއްގެ އެދުމާއި އާދޭހަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މެސީ ކްލަބް ލެވެލްގައި ބާސާއަށް ކުޅޭ އިރު ދައްކާ ފަދަ މޮޅު ކުޅުމެއް ގައުމީ ޓީމަށް ކުޅޭއިރު ދެއްކޭގޮތް ނުވުމެވެ. އެކަމާހެދި އޭނާއަށް އަބަދުވެސް މީޑިއާއާއި ބެލުންތެރީންގެ ފާޑުކިއުންތައް އަމާޒުވެއެވެ. އުމުރުން 34 އަހަރުގެ މެސީގެ ހަޔާތުގައި އޭނާއަށް ކޮޕާ އެމެރިކާގެ މުބާރާތެއްގައި ކުޅެވޭނެ އެންމެ ފަހު ފަހަރަކީ ފަތިހު ކުޅޭ މެޗު ކަމަށް ވުމަކީ ވެސް އެކަށީގެންވަ ކަމެކެވެ. އެހެންވެ ތާރީޚީ ކުޅުމެއް ކުޅެ އާޖެންޓީނާއަށް ތަށި ހޯދައިދޭން މެސީ ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އެއީ އޭނާގެ ހަޔާތުގައި ގައުމީ ޓީމަށް ކޮށްދެވޭ ވަރަށް ބޮޑު ޚިދުމަތަކަށް ވެސް ވާނެއެވެ.

މެސީ ވަނީ މި އަހަރުގެ ކޮޕާ އެމެރިކާގައި ފައިނަލަށް ދަތުރުކުރި މަގުމަތީގައި މޮޅުކުޅުމެއް ދައްކާފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ މެސީ މި ފަހަރު ކޮޕާ އެމެރިކާގައި ލަނޑު ޖަހައި ލަނޑު ޖެހުމަށް އެހީތެރިވެފައި ވެއެވެ.

މެސީ ފިޔަވައި ޓީމުގައި ތިބި އެންމެ މަޝްހޫރު ދެކުޅުންތެރީންކަމަށްވާ ސާޖިއޯ އަގްއޭރޯ އާއި ޑި މާރިއާ ގަދަ 11 ގައި ހިމެނިގެން ދަނޑަށް އެރުމުގެ ބަދަލުގައި އިށީދެ ތިބެނީ ދަނޑު ބޭރުގައި ކޮޅުފިލާ ގޮނޑީގައެވެ. ޓީމުން ފެންނަނީ ތާޒާ އައު މޫނު ތަކެކެވެ. އެއީ އަހަރު ދުވަސް ފަހުން ފެށޭ ވޯލްޑްކަމަށް ވަރުގަދަ ޒުވާން ޓީމެއް އުފެއްދުމުގެ ގޮތުން ކޯޗު ގެންގުޅޭ ހިކުމަތެއްކަމަށް ފެނެއެވެ. އުމުރުން ގިނަ ދުވަސްވީ ތަރިންގެ ވިދުން ފަނޑުވާނެއެވެ. ނެރެވޭ ހިތްވަރު ދަށްވާނެއެވެ. ސްޕީޑުވެސް ދަށްވާނެއެވެ.

މެސީ މިހާރު ކުޅެމުންދަނީ އަމިއްލަ އެދުމަށްވުރެ ޓީމަށް ފައިދާ ހުރި ކުޅުމެއް

މެސީއާ އަޅައި ކިޔާއިރު އުމުރުން 29 އަހަރު ވީ ނޭމާއަށް ފުޓުބޯޅައިން ބްރެޒިލްއަށް ކާމިޔާބީ ތަކެއް ހޯދައިދޭން އަދި ވަގުތު އެބައޮތެވެ. ގައުމީ ޓީމަށް ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދާ ހަމަކުރަން ނޭމާ ޖަހަން ޖެހެނީ އެންމެ ފަސް ލަނޑެވެ. އެ ރެކޯޑު އޭނާއަށް މުގުރާލެވޭނެ ކަމާމެދު ޝައްކެއް ނެތެވެ. ލަނޑު ޖެހުމުގައި އިންތިހާއަށް އަމިއްލަ އެދުން ބޮޑު ނޭމާ މިފަހަރު ކޮޕާ އެމެރިކާގައި ކުޅެމުންދަނީ އަމިއްލަ އެދުމެއްނެތި ޓީމު މޮޅުކޮށް ދިނުމަށެވެ.

ނޭމާ އެންމެ ފަހުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނީ ވޯލްޑްކަޕް ކޮލިފައިންގައި 2016 ގައެވެ. އެ މެޗުގައި އޭނާ ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. ލަނޑެއް ޖަހައި ލަނޑެއް ޖެހުމަށް އޭނާ އެހީތެރިވިއެވެ. އާޖެންޓީނާއާ ދެކޮޅަށް ނޭމާ ކުޅުނު 10 މެޗުގައި އޭނާ ތިން ލަނޑުޖަހައި ހަތަރު ލަނޑު ޖެހުމަށް އެހީތެރިވެފައިވެއެވެ.

ބްރެޒިލް ކޮޕާ އެމެރިކާގައި އެންމެ ފަހު ފަހަރެކޭ އެއް ގޮތަށް މި ފަހަރުވެސް ދައްކަމުންދަނީ ގުޅިގެން ކުޅޭ ހަލުއި މޮޅު ކުޅުމެކެވެ. ކޮޕާ އެމެރިކާގައި ބްރެޒިލް މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ހަނި ތަފާތަކުން ނަމަވެސް މޮޅުވެ ގައުމުގެ މީހުންގެ ތަރުހީބާއި ކުޅުންތެރީންގެ ހިތްވަރާއެކު ތަށި ގައުމުގައި ބެހެއްޓުމުގެ އުއްމީދު ވަރަށް ބޮޑެވެ.

ކޮޕަ އެމެރިކާގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗު ޕެރޫއާ ބައްދަލުކޮށް ކޮލަމްބިއާ ރޭ ފަތިހު ކާމިޔަބު ކުރީ 2-3 ލަނޑުންނެވެ.

މިރޭ ފަތިހު ކޮޕާ އެމެރިކާގެ ފައިލް މެޗެވެ. މާދަމާރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗެވެ. މިއީ ބެލުންތެރިންނަށް މި އަހަރު ފެންނާނެ އެންމެ މޮޅު ދެމެޗަށް ވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް