މާލެ ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކެމިކަލް އާއި ކުނި މެނޭޖު ކުރުމަށް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ކެމިކަލްއާއި ކުނި މެނޭޖްކުރުމަށް ފެސިލިޓީއެއް ގާއިމު ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް ބަޔަކާ އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ފިޗްނާއާ އެވެ. އަދި ފިޗްނާގެ ފަރާތުން ސަބް ކޮންސަލްޓަންޓެއްގެ ގޮތުގައި ރިނިއުބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ ކަނޑައަޅައިފަ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. ފިޗްނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އެލެކްސެންޑާ ބޯމް އެވެ.
1.6 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި އެއްބަސް ވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާމިނަތު ޝިއުނާ ވިދާޅުވީ މި ފެސިލިޓީ ގާއިމުކުރުމުގެ މަޝްރޫއަކީ ކުނިމެނޭޖްކުރުމަށް ހައްލެއް ހޯދުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ މާލީ އެހީތެރިކަމާއި އެކު މި މިނިސްޓްރީން ހިންގާ ”އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް“ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މި އެއްބަސް ވުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ފެސިލިޓީ ހިންގޭނެ އިންތިޒާމުތައް ބަލައި ދިރާސާކުރުމާއި، ފެސިލިޓީގެ އިންޖިނިއަރިންގ ޑިޒައިން ތައްޔާރު ކުރުން ހިމެނޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ފެސިލިޓީ ގާއިމު ކުރުމުން ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖްކުރުން ބައިނަލް އަގްވާމީ މިންގަޑުތަކަށް ފެތޭނެކަމަށެވެ.
”ފެސިލީޓީ ގާއިމުކުރުމުން ނުރައްކާތެރި ކުނީގެ ބާވަތްތައް ވަކި ކުރެވި ނުރައްކާތެރި ކުންޏާއި ކެމިކަލްސް މެނޭޖުކުރުމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތިމާވެއްޓަށް ގެއްލުން ކުޑަކޮށް ކެމިކަލްސް އަދި ނުރައްކާތެރި ކުނި މެނޭޖުކުރެވޭ“ މިނިސްޓަރު ވިދާޅުވިއެވެ.
”އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރެ، ރާއްޖޭގެ އިގުތިސާދީ ތަނބު، ރަން ބިސް އަޅާ ކުކުޅު ހިމާޔަތަކޮށް، ދިވެހިންގެ ލޭނާރު ރައްކާތެރިކުރުމަށް އެޅެން އޮތް ކޮންމެ ފިޔަވަޅެއް އަޅާ ފޮރޮޅެން އޮތް އެންމެ ގައުކޮޅެއް ވެސް ނުފޮރޮޅާ ހުރުމީ އެއްވެސް ދިވެއްސަކު އަދި ކިއެއްތަ ދުނިޔޭގެ އެއްވެސް އިންސާނަކު ކޮށްގެން ވާނެ ކަމެއް ނޫން.“ މިނިސްޓަރު ޝިއުނާގެ ވާހަކަފުޅު ނިންމާލަމުން ވިދާޅުވިއެވެ.