ހިންދީ ފިލްމީ ދުނިޔޭގެ ލާމަސީލު ތަރިއެއްކަމުގައިވާ ދިލިޕް ކުމާރު މަރުވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔަން، އައިވި އައިނެއް އަޅައިގެން މަޝްހޫރު ފިލްމީތަރި ޝާހު ރުޚް ޚާން ދިއުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފިއެވެ.
ވަރަށް ގިނަ ދުވަސްތަކެއް ވާނދެން ބަލިވެ އުޅުނު ދިލިޕް ކުމާރު މަރުވީ ބުދަ ދުވަހު ހެނދުނު ހަތެއް ޖެހިއިރެވެ. ރަސްމީ އިއްޒަތުގައި އޭނާ ވަޅުލީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ.
ދިލިޕް ކުމާރު މަރުވުމުން ވަރަށް ގިނަ ފިލްމީ ތަރިން އޭނާގެ އަނބިމީހާ ސާއިރާ ބާނޫއަށާއި އާއިލާގެ މީހުންނަށް ތައުޒިޔާކިޔައި މޫނުދެކިލަން ދިޔައެވެ. ގިނަ ތަރިން ދިޔައީ ވަރަށް އާދައިގެ ހެދުމުގައެވެ. ޝާހް ވެސް ދިޔައީ ހުދު ޓީޝާޓަކާއި ނޫ ޖިންސެއް ލައިގެންނެވެ. ނަމަވެސް ނުހަނު ހިތާމަވެރި ރަސްމިއްޔާތަކަށް ޝާހް ރުޚް ޚާން އަވިއައިނެއް އަޅައިގެން ދިއުމުން އެކަން ވަރަށް ގިނަ ބަޔަކަށް ރުހުމުގެ ލޮލަކުން ބަލައިގަނެވޭ ގޮތެއް ނުވިއެވެ. އޭގެ އިތުރަށް ކޮރޯނާ ވައިރަހުން ސަލާމަތްވާން މާސްކު އަޅައިގެން ޝާހު އެ ގެއަށް ދިޔަކަމަށް ވިޔަސް އެ ގޭގައި ގިނަ ވަގުތު އޭނާ ހޭދަކުރީ މާސްކު ނާޅައެވެ. އެކަމާވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ.
އިންޑިއާގެ ނޫހެއްކަމުގައިވާ ”ޓައިމްސް އޮފް އިންޑިއާ“ގައި ބުނެފައިވާ ގޮތުގައި ދިލިޕް ކުމާރުގެ ހުވަފަތް އަނބި މީހާ ސާއިރާ ބާނޫއާ ބައްދަލު ކުރިއިރު ޝާހު ހުރީ މާސްކެއް ނާޅައި އަވިއައިނެއް އަޅައިގެންނެވެ. ޝާހުއާ އެކު އޭނާގެ އަނބިމީހާ ގޯރީ ޚާންވެސް ދިޔައެވެ. ގޯރީ ހުރީ މާސްކު އަޅައިގެންނެވެ.
”އަޅަން ޖެހެނީ މާސްކު، މާސްކު ނާޅައި އުޅުނީ. އަވިއައިނު އަޅާކަށް ނުޖެހޭ، އެކަމަކު އަވިއައިނު އަޅައިގެން އުޅުނީ.“ ވަރަށް ގިނަ ބަޔަކު ޝާހުއަށް ފާޑުކިޔައި ބުނެފައިވެއެވެ.
ސާއިރާ ބާނޫއާ ވާހަކަދައްކަން ވަރަށް ގިނައިރު ޝާހު އިނެވެ. ފަހުން އޭނާ ފެނުނީ އައިނު ނާޅާއިންތަނެވެ. ނަމަވެސް ސާއިރާ މާސްކު އަޅައިގެން އިން އިރު ޝާހު އިނީ މާސްކެއް ނާޅައެވެ.
ސާއިރާއާ ބައްދަލުކޮށް ތައުޒިޔާ ކިޔަން ދިޔަ ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، ރަންބީރު ކަޕޫރު، އަބީޝޭކް ބަޗަންއާއި އޭނާގެ ބައްޕަ އަމީތާބް ފަދަ އެތައް ބަޔަކު ހިމެނެއެވެ.
އިންޑިއާގައި އުފެދުނު އެންމެ މޮޅު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ދިލިޕް ކުމާރު (ޔޫސުފް ޚާން) ފަދައިން ޝާހު ރުޚް ޚާނަކީ ވެސް މުސްލިމެކެވެ.