އިންޑިޔާ: 12 މިނިސްޓަރުން މަގާމުން ވަކިކޮށް އައު މިނިސްޓަރުން އައްޔަނުކޮށްފި

243

ކޮވިޑް-19 ގެ ބަލިމަޑުކަމާއި އިންޑިޔާ ސަރުކާރުން ކުރިމަތިލީ ގޮތާ ދޭތެރޭ ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. މިކަމާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވަނީ ސިއްހީ ދާއިރާއާއި، އައި.ޓީ، އަދި ތެލުގެ ދާއިރާތަކާއި ގުޅުން ހުރި މިނިސްޓަރުންގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރައްވާފައެވެ.

އިންޑިޔާގެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ހާޝް ވަރްދާން މަގާމުން ވަކިކުރައްވައި އެ މަގާމަށް މޯދީ ވަނީ މަންސޫކް ލަކްސްމޭން މަންޑަވިޔާ އައްޔަން ކުރައްވާފައެވެ. އަދި އައި.ޓީ މިނިސްޓަރގެ މަގާމުގައި ކުރިން ހުންނެވި ރަވީ ޝަންކަރ ޕްރަޝާންދްގެ ބަދަލުގައި އެ މަގާމަށް ވަނީ އަޝްވިނީ ވައިޝްނާރ އައްޔަން ކުރައްވާފައެވެ.

އިންޑިއާއިން އެތައް ލައްކަ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހި އެ ގައުމުން 400،000 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ބޮޑު ވަޒީރު މޯދީގެ ސަރުކާރަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ހެލްތު އިކޮނޮމިސްޓެއް އަދި ރާޖަގިރީ ކޮލެޖް އޮފް ސޯސަލް ސައެންސްގެ ޕްރޮފެސަރެއް ކަމުގައިވާ ރިޖޯ އެމް. ޖޯން މިކަމާ ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައި ކޮވިޑް-19 ގެ ހާލަތު އިންޑިޔާގައި އެހާ ގޯސްވެފައި ވަނީ ހަމައެކަނި މިނިސްޓަރ ވަރްދާންގެ ސަބަބުންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި މި ކަމުގައި އެންމެ ބޮޑަށް އިހުމާލު ވެފައިވާ ފަރާތަކީ ބޮޑު ވަޒީރު މޯދީ ކަމުގައިވެސް އޭނާގެ މި ޓްވީޓްގައި ލިޔެފައި ވެއެވެ.

ޖުމްލަ 15 މިނިސްޓަރުންނާއި 28 ޖޫނިއާ މިނިސްޓަރުން ބުދަ ދުވަހު މަގާމާއި ހަވާލުވެވަޑައިގަތީ ރިޔާސީ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ