ބްރިޖް މަސައްކަތް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖް ހުސްކުރަން އަންގައިފި

Loading

Facebook
Twitter
WhatsApp

 

މާލޭއާއި ވިލިމާލެ އަދި ތިލަތުށީގެ އިތުރުން ގުޅީފަޅު ގުޅުވާދޭ ބުރިޖްގެ މަސައްކަތްތައް ފެށުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބިންތައް ހުސްކުރަން ޕްލޭނިން މިނިސްޓްރީން އަންގައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އިންޑަސްޓްރިއަލް ވިލެޖުގައި ވަގުތީ ގޮތުން އެކި ކަންކަމަށް ދޫކޮށްފައިވާ ބިންތައް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަކި ފަރާތަކާ ހަވާލުކޮށްފައިނުވާ ބިންތަކަކީ ބުރިޖުގެ މަސައްކަތަށް އެކަށައަޅާފައިވާ ބިންތަކެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ ބިންތަކާއި އިންޑަސްޓްރިއަލް ވިލެޖުގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި ބައެއް ފަރާތްތަކުން ވެހިކަލް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވޭތީ އެ ވެހިކަލްތައް ނަގައި އެތަން ހުސްކުރަން ވެސް ވަނީ އަންގައިފަ އެވެ. މި ވެހިކަލްތައް ނަގަން ދީފައިވާ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ ނިޔަލެވެ.

އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ވެހިކަލްތައް މިނިސްޓްރީގެ ބެލުމުގެ ދަށުން ނަގާ ބިން ހުސްކުރާނެކަމަށާއި މި މަސައްކަތުގައި ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއް ޒިންމާ މިނިސްޓްރީން ނުނަގާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ  މާލެއާއި ވިލިމާލެއާއި ތިލަފުއްޓާއި ގުޅިފަޅާއި ގުޅުވާލުމުގެ ގޮތުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ބުރިޖު ގުޅާލެވެނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށްކަމަށެވެ. އެހެންކަމުން ބުރިޖުގެ އަމަލީ މަސައްކަތް ކުރާއިރު ވާކްސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖްކަމުން އެ ސަރަހައްދުގެ ބޮޑުބައެއް މި މަސައްކަތަށް ބޭނުންކުރަން ހަމަޖެހިފައިވާކަމަށެވެ.

މި  މަޝްރޫއުގައި، މާލެ އިން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ގާއިމްކުރާނެ އެވެ.
މި ބްރިޖަކީ އިންޑީއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރާއި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖެކެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ހިންގަން ހަމަޖެހުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމި ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު ބޭނުން ކުރެވެން ފެށުމުން، މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ މި ބުރިޖު، ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނެއްގެ ގޮތުގައިކަމަށް ބެލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް