ފަލަސްތީނާއި ޔަހޫދީންނާ ގުޅޭ ތާރީޚުން ތަންކޮޅެއް

Loading

Facebook
Twitter
WhatsApp

ޔަހޫދީންގެ ތާރީޚްގައި (އަޅުގަނޑު މިތާނގައި ޔަހޫދީންނޭ މި ބުނީ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅުކަމަށް ނިސްބަތްކޮށް ބުނެއުޅޭ މީހުންނަށެވެ.) ފަނޑިޔާރުންގެ ޒަމާން ފެށުނީ ޔޫޝަޢުގެ ފާނު އަވަހާރަވުމަށް ފަހުގައެވެ.

މިތާނގައި ޔޫޝަޢުގެ ފާނުގެ ކުރު ނަމަވެސް ތަޢާރުފެއް ކިއުންތެރިންނަށް ގެނެސްދެވޭތޯ ބަލާނަމެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ޔޫޝަޢު އިބްނު ނޫނެވެ. އެކަލޭގަފާނަށް ނަންދެއްވީ މޫސާގެފާނެވެ. ބުނެވޭގޮތުގައި ޙުޟުރުގެފާނާއެކު ކުރެއްވި ދަތުރުފުޅުގައި މޫސާފާނާއެކު ބައިވެރިވެ ވަޑައިގެންނެވީ ޔޫޝަޢުގެފާނެވެ. ޔޫސުފްގެފާނަކީ އެކަލޭގެފާނުންގެ މުނިކާފާ ފުޅެވެ. ޔޫޝަޢޫގެފާނަކީ މޫސާގެފާނަށްފަހު ޔަހޫދީންގެގާތަށް ފޮނުއްވުނު ނަބީބޭކަލެކެވެ. ޔަހޫދީންގެ ލަޝްކަރާއެކު ބައިތުލްމަޤްދިސް ފަތަހަކުރެއްވީ ޔޫޝަޢުގެފާނެވެ. އޭގެކުރިން 40 އަހަރުވަންދެން ޔަހޫދީން އުޅެންޖެހުނީ އެތަންމިތާގައެވެ. މާތް ﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިކަން ދެއްކުމުގެ އަޒާބެއްގެ ގޮތުގައެވެ.

ޢިލްމުވެރިންގެ ނަޒަރުގައި 40 އަހަރުވަންދެން އެތަންމިތަނުގައި އެމީހުން އުޅެންޖެހުމުގެ ޙިކްމަތަކީ ގެރިއަށް އަޅުކަންކުރި އެއްވެސް މީހަކު ބައިތުލްމަޤްދިސަށް ވަނުމަށް މާތް ﷲ އިރާދަފުޅު ނުކުރެއްވުމެވެ.

އެ 40 އަހަރުދުވަހުގެ ތެރޭގައި އެމީހުން އެއްކޮށް ނިމިގެން ދިޔައީއެވެ. ދެން އުފެދުނު ދަރިފަސްކޮޅުގެ މުދައްރިސުންނަކީ މޫސާގެފާނާއި ހާރޫނުގެފާނާއި އަދި ޔޫޝަޢުގެފާނެވެ. ޔޫޝަޢުގެފާނު ބައިތުލްމަޤްދިސް ފަތަހަކުރެއްވީ މި އައު ދަރިފަސްކޮޅުގެ މީހުންނާއެކުގައެވެ. މޫސާގެފާނާއި ހާރޫނުގެފާނު އެދުވަސްތަކުގެ ތެރޭގައި އަވަހާރަވުމާގުޅިގެން ޔަހޫދީންގެ ވެރިއަކަށް ހުންނެވީ ޔޫޝަޢުގެފާނެވެ. ބުނެވޭގޮތުގައި ހާރޫނުގެފާނު އަވަހާރަވީ މޫސާގެފާނަށްވުރެން ދެ އަހަރު ކުރިންނެވެ. މޫސާގެފާނު އަވަހާރަވީއިރު އެތަނުގައި ހުރުމުގެ ނަސީބު ޔޫޝަޢުގެފާނަށް ލިބިވަޑައިގަތްކަމުގައިވިއެވެ.

ތާރީޚުން އެނގޭގޮތުގައި ބައިތުލްމަޤްދިސް ފަތަހަކުރުމުގެ ހަނގުރާމައިގައި ކާމިޔާބީއާއެކު ނިމުމާ ހަމަޔަށް ދެވެން އައީ ހުކުރު ދުވަހެއްގެ ހަވީރު ވަގުތުގައެވެ. އެމީހުންގެ ތެރޭގައިވެސް ދުވަސް ފެށޭކަމަށް ބަލަމުންއައީ އިރުއޮއްސުމުންނެވެ. އަދި ޔަހޫދީންނަށް ހޮނިހިރު ދުވަހު މަސައްކަތް ކުރުން އޮތީ މަނާކުރައްވާފައެވެ. އެހެންކަމުން ހަނގުރާމަ ކާމިޔާބު ކުރެވިގެން ނުނިމިދާނެކަމަށް ބިރުފުޅުގަތުމާއެކު އިރަށް އިޝާރާތްކުރައްވައި ޔޫޝަޢުގެފާނު ދުޢާ ފުޅެއްކުރެއްވި ކަމަށާއި އެ ދުޢާފުޅުގައި އަންނަނިވި ޢިބާރާތް ހިމެނޭކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ”އިނބައަކީ ވެސް އަމުރުކުރެވިގެންވާ އެއްޗެކެވެ. އަހުރެންނަކީ ވެސް އަމުރުވެވިގެންވާ ފަރާތަކީމެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހް! އިރުއޮއްސުން ލަސްކޮށްދެއްވާފާނދޭވެ!“

ޔޫޝަޢުގެފާނު 127 އަހަރު ދުނިޔޭގައި ހުންނެވި ކަމަށް ވެއެވެ. އޭގެތެރޭން 27 އަހަރަކީ މޫސާގެފާނު އަވަހާރަ ވުމަށްފަހު ދުނިޔޭގައި ހުންނެވި މުއްދަތެވެ. ޔަހޫދީންގެ ތެރޭގައި ޙާކިމުންގެ ޒަމާން ފެށުނީ ޔޫޝަޢުގެފާނު އަވަހާރަވުމަށްފަހުގައެވެ. އެންމެ ފަހުގެ ޙާކިމަކީ ސަމުއެލްއެވެ. ސަމުއެލްގެ ޒަމާނުގައި އަނެއްކާވެސް ޔަހޫދީން ހައްދުފަހަނަޅައި ހިގައްޖެއެވެ.

މިފަހަރު މާތް ﷲ އެމީހުންނަށް ކޯފާއެއްގެގޮތުގައި ފާޅުކުރެއްވީ ޖާލޫތޭ ކިއުނު ގަދަފަދަ ޖައްބާރު ވެރިއެކެވެ. އޭނާއަކީ އިސްކޮޅުންވެސް ބިޔަ ބޮޑުމީހެކެވެ. ހިތުގައި އެއްވެސް ރަހުމެއް ނުވާ ބޮޑާ އަދި ކިބުރުވެރިއެކެވެ. މުޅި ފަލަސްތީނު ކަހަލަގޮތަކަށް އޭނާގެ ބާރުގެ ދަށަށް ގެނުވިއެވެ. ބައެއް ޔަހޫދީން އަޅުންނަށް ހަދައި އަނެއް ބަޔަކު ބޮޑެތި ޖިޒީ ދައްކަންޖެހި އަދި އެއްބަޔަކު ތޮއްޖެހިގެން ވަރަށް ހަނި ސަރަހައްދެއްގައި އުޅެން ޖެއްސިއެވެ. އަދި ޔަހޫދީންގެ މުގައްދަސް ތާބޫތު އަށް ކަމޭ ނުހިތާކަން ދެއްކުމުގެގޮތުން ކުނިގޮނޑަކަށް އެއްލާލިއެވެ. ތާބޫތަކީ ޔަހޫދީންގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސަލާމަތާއި ރައްކާތެރިކަން އޭގެމައްޗަށް ބިނާވެފައިވާ މުގައްދަސް އެއްޗެކެވެ.

އެހާލަތުގައި ޔަހޫދީންވަނިކޮށް އެމީހުންގެ ތެރޭން ވެރިއެއްގެގޮތުގައި ޠާލޫތު މާތް ﷲ މެދުވެރިކުރެއްވިއެވެ. އޭނާއަކީ އިލްމުވެރިއެކެވެ. ކަންކަމާމެދު ވިސްނަވައި ފިކުރު ކުރައްވާ ބޭކަލެކެވެ. ހަނގުރާމައިގެ ހުނަރާއި ވައްޓަފާޅި ދެނެވަޑައިގެން ހުންނެވި ބޭކަލެކެވެ. ހިންގުންތެރި ވެރިއެއްގެ ސިފައިގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއްގެ ވެރިއެކެވެ. އެކަލޭގެފާނުގެ ކިބައިގައި ނެތީ މުއްސަނދިކަމެވެ. އެކަލޭގެފާނުންގެ އަސްލު ނަންފުޅަކީ އިބްނު ގައިސް ކަމުގައި ބުނެވެއެވެ. ޠާލޫތު ގެ ނަންދެވުނީ އޭނާގެ އިސްކޮޅު ދިގުކަމަށްޓަކައޭ ވެސް ބުނެވެއެވެ.

ޔަހޫދީންގެ އާދައިގެމަތީން މިފަހަރުވެސް ޠާލޫތަކީ އެމީހުންނަށްޓަކައި މާތް ﷲ ޚިޔާރުރައްވާފައިވާ ވެރިމީހާކަން ގަބޫލުކުރަން ދެކޮޅުހެދިއެވެ. އަދި ކަލޭގެފާނަކީ އަހަރެމެންގެ ވެރިއެއްކަމުގައި ގަބޫލު ކުރާނީ ކިހެނެއްހެއްޔޭ މުއްސަދިކަމެއްވެސް ނެތް ނިކަމެއްޗެކޭ ބުނެ ބަސްތައް ރައްދުކުރިއެވެ. އެންމެފަހުން އެކަލޭގެފާނަކީ މާތް ﷲ ޚިޔާރު ކުރައްވާފައިވާ ވެރިއެއްކަމުގެ މުޢުޖިޒާތަކީ ކޮބައިތޯ ސުވާލު ކުރަންފެށި އެވެ. އެއަށް ދެވުނު ރައްދެއްގެ ގޮތުގައި ދާދި އަވަހަށް މުޢުޖިޒާތް ދައްކަވާނެކަމާއި އަދި އެއީ ކަލޭމެންގެ މުގައްދަސް ތާބޫތު އަނބުރާ ލިބުންކަމުގައިވާނެއެވެ.

މާތް ﷲގެ އިރާދަފުޅާ އެއްގޮތަށް ޠާލޫތަށް ރަސްކަން ލިބިވަޑައިގަތުމާއެކު ޠާލޫތުގެ ގައުމަށް ބޮޑުވެގެންވާ ބަލިމަޑުކަމެއް މާތް ﷲ ފާކުރެއްވިއެވެ. ތާބޫތުގެ ކުރިމަތީގައި ކުޑަކަމު ދިޔަމީހުންނަށް ނުރައްކާތެރި ބައްޔެއްޖެއްސެވިއެވެ. އަދި އެ ބަލީގައި އެބައިމީހުންގެ ތެރޭން ގިނަ ބަޔަކު މަރުވެ ދިޔައީއެވެ. އެހިސާބުން އެއީ ތާބޫތަށް އިޙްތިރާމް ނުކުރުމުގެ ސަބަބުބް މެދުވެރިވެފައިވާ ބަލިމަޑުކަމެއްކަން އެނގި ދެ ގެރީގެ މައްޗަށް އަރުވާފައި ތާބޫތު އަނބުރާ ފޮނުވައިފިއެވެ. އެ ދެ ގެރި ތާބޫތު ހިފައިގެންގޮސް ހުއްޓުނީ ޠާލޫތުގެ ގޭގެ ދޮރުމައްޗަށެވެ. އެ ދެ ގެރީގެ މަތިން ޖާލޫތު އެ ތާބޫތު ނެގުމަށްފަހު ގައުމުގެ އަހުލުވެރިންނަށް ދެއްކިއެވެ. އަދި އޭގެފަހުން ތާބޫތު އޮންނަން ކަނޑައެޅިފައިވާ އަސްލު ތަނަށް ރުޖޫޢުކުރިއެވެ. މި ހާދިސާއަށްފަހު ޔަހޫދީން ޠާލޫތުގެ ވެރިކަން ގަބޫލު ކޮށްފިއެވެ.

ޖާލޫތާއި ހަނގުރާމައަށް ތައްޔާރުވުމަށް ޔަހޫދީންނަށް ޠާލޫތު އަމުރުކުރެއްވިއެވެ. އަދި އިސާހިތަކު ބޮޑު ލަޝްކަރެއް ތައްޔާރުވެއްޖެއެވެ. ދާއޫދުގެފާނާއި އެކަލޭގެފާނުންގެ ބައްޕާފުޅާއި ބޭބޭފުޅުންވެސް މިލަޝްކަރުގައި ހިމެނުނެވެ. ދާއޫދުގެފާނަކީ އޭރު އަދި ކުޑަކުއްޖެކެވެ. ލަޝްކަރުގައި ބައިވެރިވަޑައިގަތީ ކައްކާމީހުންނަށާއި ބަލިވާ ސިފައިންނަށް އެހީތެރިވުމަށާއި އަދި ސިފައިންނަށް ފެން ފޯރުކޮށްދީ ހެއްދެވުމުގެ މަގުސަދުގައެވެ.

ދަތުރަށްފެށުމުގެކުރިން ލަޝްކަރާ މުޚާޠަބުކުރައްވައި ޠާލޫތު އިންޒާރެއްދެއްވިއެވެ. މާތް ﷲ އަޅުގަނޑުމެން ކޯރެއްގެ ޒަރީޢާއިން އިމްތިޙާނު ކުރައްވާނެއެވެ. އެކޯރުން ބަނޑުފުރާ ފެންބޮއިފި މީހަކީ އަޅުގަނޑުމެންގެ ތެރޭންވާ މީހެއް ނޫނެވެ. ފެން ނުބޮއި ހުރެއްޖެ މީހަކީ އަޅުގަނޑުމެންގެ ތެރޭންވާ މީހެކެވެ. ފެންބޮވައިގެންފައިވާ މީހާ އަތްގޮށްޓެއްގެ ފެން ބުއިމަކީ ހުއްދަ ކުރެވިފައިވާ ކަމެކެވެ.

ޖާލޫތު ކޯރު ހުރަސްކުރީ ވަރަށްމަދު މީސްކޮޅަކާއެކުގައެވެ. ގިނަބަޔަކު ކޯރުން ފެންބުއިމުގެ ސަބަބުން ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރުކޮށް ކޯރުގެ އަނެއްފަރާތުގައި މަޑުކޮށްގެން ތިބީއެވެ. އަދި އެހެންތިބެފައި އަހަރެމެންނަށް ޖާލޫތާ ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ލިބިގެނެއްނުވެއޭ ހަނގުރާމަނުކޮށް އެނބުރި އަންނާށޭ ގޮވާހެދިއެވެ. އެބައިމީހުންނަށް ކޯރު ހުރަސް ނުކުރެވުނީތީވެ ހަސަދަވެރިވެވުނީއެވެ. އެބައިމީހުންގެ ގޮވުމަށް ލިބުނު ޖަވާބަކީ ކިތައްކިތައް ބޮޑެތި ލަޝްކަރުތައް މަދުމީސްކޮޅެއްގެ ސަބަބުބް ބަލިވެގެން ގޮސްފައިވޭ ހެއްޔެވެ؟

މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ.

ހަނގުރާމައިގެ މައިދާނުގައި ޖާލޫތުގެ ބިޔަ ބޮޑު ލަޝްކަރާ ޠާލޫތުގެ މަދު މީސްކޮޅު ބައްދަލު ކުރިއެވެ. އެހިނދު ޠާލޫތުގެ ލަޝްކަރީން އަތްތައް އުފުލައި އެމީހުންގެ ހިތްވަރު ގަދަކުރެއްވުމަށާއި ކެތްތެރިކަން ދެއްވައި ދިފާޢު ވަރުގަދަކުރެއްވުން އެދި މާތް ﷲއަށް ދުޢާ ކުރަން ފެށިއެވެ.

އެޒަމާނުގެ ހަނގުރާމައިގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން އެންމެ ފުރަތަމަ ޖެހޭނީ ކޮންމެ ލަޝްކަރަކުން އެކަކު އައިސް ހަނގުރާމަ ކުރުމަށެވެ. އެހެންކަމުން ޖާލޫތުގެ ލަޝްކަރުން ނިކުތީ އޭނާއެވެ. އަދި އޭނާގެ ހައިބަތާ ބޮޑާކަމަށް އަމިއްލައަށް ކިބުރުވެފައި ހުރެ ޠާލޫތަށް މުޚާޠަބު ކުރިއެވެ.

އަހަރެމެންގެ މީހުންތައް މެރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކަލޭގެ ލަޝްކަރުން އަހަރެންނާ ހަނގުރާމަކުރަން މީހަކު ނިކުންނާށެވެ. އޭނާއަތުން އަހަރެން ބަލިވެއްޖެނަމަ ކަލޭމެން މޮޅުވީއެވެ. އަހަރެންއަތުން އޭނާ ބަލިވެއްޖެނަމަ އަހަރެމެން މޮޅުވީއެވެ. އެހެންކަމުން ޖާލޫތާ ދިމާކުރަން ނިކުންނާނީ ކާކުތޯ ޠާލޫތު ސުވާލު ކުރިއެވެ. އެކަމަކު ހަމައެކަކުވެސް އެއްބަހެއް ނުވިއެވެ. ކޮންމެ މީހަކުވެސް ޖާލޫތުގެ ބިޔަކަމަށްޓަކައި ޖެހިލުން ވަނީއެވެ. ސިފައިން ފަސްޖެހޭ މަންޒަރު ބައްލަވަން ކުޑަކުޑަ ދާއޫދުގެފާނު ހުންނަވާފައި ކުއްލިއަކަށް އޭ ޖާލޫތުއޭ ކަލެއާ ހަނގުރާމަ ކުރާނީ އަހަރެންނޭ ގޮވާލާފައި މައިދާނަށް ނިކުމެ ވަޑައިގަތެވެ. ދާއޫދުގެފާނު ފެނުމުން ޖާލޫތު ހިނިގަނޑެއްޖަހާފައި އޭ ކުޑަކުޑަ ކުއްޖާއެވެ! ކަލޭ މަރާލާކަށް އަހަރެން ބޭނުމެއްނޫނެވެ. ކޮންމެވެސް ބޮޑުމީހަކު ފޮނުވާށެވެ. އެހެންނަމަވެސް ދާއޫދުގެފާނު އެކަން ގަބޫލެއް ނުކުރެއްވިއެވެ. އަދި ވިދާޅުވަމުން ގެންދެވިއެވެ. ކަލޭގެ ހިތްވަރެއްހުރިއްޔާ ނިކަން މަށަށް ހަމަލާއެއް ދީބަލާށެވެ. ޖާލޫތު ގާތަށް އައިރުޅީގައި މެއްސެއް ޗަސްކޮށްލާފަދައިން ކަލޭ ޗަސްކޮށްލާނަމޭ ގޮވަމުން ދާއޫދުގެފާނަށް ހަމަލާދޭން ފެށިއެވެ.

ދާއޫދުގެފާނަކީ އަމާޒަށް ސާޅަނގަ ޖަހަން ވަރަށް ހުޝިޔާރު ކުއްޖެކެވެ. އެހެންކަމުން ވަގުތަކަށް ބަލަންހުންނަވާފައި މައިދާނުން ހިލައެއް ނަންގަވައި ސާޅަނގައިގައި ލުމަށްފަހު ޖާލޫތުގެ ނިތްކުރިއަށް އަމާޒުކޮށް ދޫކޮށްލިއެވެ. ދާއޫދުގެފާނުގެ އަމާޒުގޮސް ޖާލޫތުގެ ނިތްކުރީގައި ޖެހުމާއެކު ހޭނެތިގެން އޭނާ ވެއްޓިއްޖެއެވެ. ދާއޫދުގެފާނު ދުވެވަޑައިގެންގޮސް ޖާލޫތުމޭމަތީގައި އިށީނދެ ވަޑައިގެން އޭނާގެ ބޯބުރިކޮށްލެއްވިއެވެ. މިތަންފެނިފައި ޖާލޫތުގެ ލަޝްކަރު ދުވެ ފިލައިގެން ދާންފެށިއެވެ. އަވަސްއަރުވާލައިގެން ފިލަންއުޅުމުގެތެރޭގައި އެތައްބަޔަކު ފައިދަށުވެގެން ވެސް މަރުވިއެވެ.

ޖާލޫތު މަރާލުމާ ވިދިގެން ދާއޫދުގެފާނަކީ ގައުމުގެ ހީރޯ އަކަށް ވެއްޖެއެވެ. ނަތީޖާއެއްގެގޮތުން ދާއޫދުގެފާނަށް ޠާލޫތުގެ ގަނޑުވަރުތެރޭގައި ދިރިއުޅުއްވުމުގެ ފުރުސަތު ލިބިވަޑައިގެންފިއެވެ. އަދި ދާއޫދުގެފާނު ބޮޑުފުޅުވުމުން ޠާލޫތުގެ ދަރިކަނބަލުންނާއި ކައިވެނި ކުރުވައިފިއެވެ. އޭގެފަހުން ޠާލޫތު ވަސިއްޔަތާ އެއްގޮތްވާގޮތުގެ މަތިން އޭނާ ނިޔާވުމަށްފަހު ދާއޫދުގެފާނަށް ޔަހޫދީންގެ ރަސްކަން ލިބިވަޑައިގަތުމުން ޔައުގޫބުގެފާނަށް ނިސްބަތްކުރެވޭ ޔަހޫދީންގެ ބާރަ ދަރިފަސްކޮޅުންވެސް ދާއޫދުގެފާނުގެ ވެރިކަން ގަބޫލުކޮށްފިއެވެ. ދުވަސްކޮޅެއްފަހުން މާތް ﷲ ދާއޫދުގެފާނަށް ރަސޫލުކަން ދެއްވައިފިއެވެ.

ދާއޫދުގެފާނަކީ ރަސްކަމާއި ރަސޫލުކަން އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅާކަމުގައި ވެއްޖެއެވެ. ދާއޫދުގެފާނުންގެ ލަޝްކަރު ބޮޑުކުރައްވައި އެހިސާބުގައި ހަރަކާތްތެރިވަމުން ދިޔަ އެންމެހާ ދުޝްމިނުން ބަލިކުރެއްވިއެވެ. ޢަންމާނާއި އައްލެޕޯ ނުސައިބިން އަދި އަރްމީނިއާ ފަދަތަންތަން ފަތަހަކުރެއްވިއެވެ. އަދި ބައިތުލްމަޤްދިސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުއްވިއެވެ.

ދާއޫދުގެފާނުގެ ވެރިކަމުގައި އެއްވެސް މީހަކަށް ފާހަގަނުކުރެވޭ ގޮތަށް ބޭރަށް ނިކުމެވަޑައިގެން ދާއޫދުގެފާނުގެ ވެރިކަމާމެދު ހިތްހަމަޖެހޭތޯ ނުޖެހޭތޯ އާއި ޝަކުވާއަކީ ކޮބައިތޯ މީހުންނާ ސުވާލުކުރައްވައި އިސްލާހު ކުރަން ޖެހިވަޑައިގަންނަވާ ކަންތައްތައް އިސްލާހު ކުރައްވައެވެ. މިގޮތުން އެއްދުވަހަކު މަގުމަތިން ދިމާވި މީހަކާ ސުވާލު ކުރުމުން ދާއޫދުގެފާނު ވެރިކަން ކުރައްވާގޮތް ރަނގަޅޭ އެކަމަކު އޭނާގެ ޢާއިލާގެ ޚަރަދުތަކަށް ދައުލަތުގެ ޚަޒާނާއިން ޚަރަދު ނުކުރައްވައި އަމިއްލަ މަސައްކަތުން ޢާއިލާގެ ޚަރަދުތައް ހަމަޖައްސަވާނަމަ ރަނގަޅޭ އެމީހާ ބުންޏެވެ.

މިއަޑު އިވިވަޑައިގަތުމުން ލަދުން އިސްދަށަށް ޖެއްސެވުނެވެ. ފަހުން އިސް އުފުލައި ބައްލަވާލެއްވިއިރު އެމީހަކު ފެންނާކަށްނެތެވެ. އެހެންކަމުން އެއީ މާތް ﷲ ގެ އިލްހާމެއްކަން އެނގިވަޑައިގެންފިއެވެ.

ދިރިއުޅުމަށް ކުރާނެ މަސައްކަތަކަށް މަގުދެއްކެވުން އެދި ދާއޫދުގެފާނު މާތް ﷲ އަށް ދުޢާ ދަންނަވަން ފެށިއެވެ. މާތް ﷲ ދާއޫދުގެ ފާނަށް ދަގަނޑު ކިޔަމަންތެރިކުރެއްވިއެވެ. އަދި އެއިން ދަހަނާ ހައްދަވައިގެން ވިއްކަވަން ފެއްޓެވިއެވެ. އޭގެފަހުން ދުވަހަކުވެސް ގައުމީ ތިޖޫރީން އެއްވެސް އެއްޗެއް ބޭނުން ނުކުރައްވައެވެ.

 

 

 

Loading

One Response

  1. ކިއުންތެރިންގެ ސަމާލުކަށްޓަކައި ދަންނަވާލަމެވެ. މިލިއުމުގެ 10 ވަނަ ޕެރެގްރާފްގެ ފުރަތަމަ ފޮޅުވަތުގައި “ ތާލޫތުގެ ގައުމަށް ބޮޑުވެގެންވާ ބަލިމަޑުކަމެއް… “ އަދި ހަމަ އެޕެރެގްރާފްގެ ފަސްވަނަ ފޮޅުވަތުގައި “ އެ ދެގެރީގެމަތިން ޖާލޫތު އެ ތާބޫތު ނެގުމަށްފަހު…“ އެއީ ލިއުމުގެ ކުށެކެވެ. ފުރަތަމަ ފޮޅުވަތުގެ ރަނގަޅު ގޮތަކީ “ ޖާލޫތުގެ ގައުމަށް ބޮޑުވެގެންވާ ބަލިމަޑުކަމެއް…. : އަދި ފަސްވަނަ ފޮޅުވަތުގެ ރަނގަޅުގޮތަކީ “ އެ ދެގެރީގެމަތިން ތާލޫތު އެ ތާބޫތު ނެގުމަށްފަހު…“ މިއެވެ. ލިއުމުގެ މި ދެ ކުށަށް ކިއުންތެރިންގެ ކިބައިން މަޢާފް އެދެމެވެ.

Leave a Reply to ޢަލީ އަޙްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް