ފުރަބަންދާ ހިލާފުވި އެއްވެސް މީހަކަށް ދަައުވާ ނުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ފުރަބަންދުގެ އަމުރާ ހިލާފުވެގެން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންގޮސް، ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގް އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ޕީޖީ ހުސައިން ޝަމީމް ނިންމަވައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިގޮތަށް ނިންމީ ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)، (ށ) އަދި (އ) އިން ބާރު ލިބިގެން ކަމަށެވެ.

އެގޮތުން، ލޮކްޑައުން އާ ހިލާފުވި މައްސަލަތަކުގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް ޕީޖީ ވަނީ ނިންމަވައިފަ އެވެ.

  • ލޮކްޑައުން އަމުރާ ހިލާފުވެގެން ދައުވާކޮށް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަތައް އަނބުރާ ގެނެސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަނބުރާ ފޮނުވާލުން.
  • ލޮކްޑައުން އަމުރާ ހިލާފުވެގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ދައުވާ ނުކުރުމަށް ނިންމައި މައްސަލަތައް އެ ސާވިސްއަށް އަނބުރާ ފޮނުވާލުން.
  • ލޮކްޑައުން އަމުރާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ތަންފީޒުކޮށް އެފައިސާ ހޯއްދެވުމަށް ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމަށް، ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުން.

ޕީޖީ އޮފީހުން ބުނީ މައްސަލަތަކުގައި ދައުވާ ނުކުރަން ޕީޖީ ނިންމެވީ ލޮކްޑައުން އަމުރާ ހިލާފުވެގެން ފިޔަވަޅު އެޅޭ ހުރިހާ މީހުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރުމަކީ ދުސްތޫރީ ގޮތުން ލާޒިމުކަމެއް ކަމަށް ވާތީ އެވެ.

ލޮކްޑައުން އަމުރާ ހިލާފުވި މީހުންގެ ތެރޭގައި، އެކިއެކި ސަބަބުތަކާހުރެ، މާލޭގައި ތާށިވެފައިތިބި މީހުން ތިބިއިރު، އެމީހުން ލޮކްޑައުން އަމުރާ ހިލާފުވާން ޖެހުނު މަގުބޫލު ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އެ ސަބަބުތައް ހުރީތީ، އެކަމުގެ މައްޗަށް ބަލައި، ޖިނާއީ ކުށުގެ ރެކޯޑެއް އުފަން ކުރުމުގައި މުޖްތަމައުގެ އާންމު މަސްލަހަތެއް އޮތްކަމަށް ނުފެންނަ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ލޮކްޑައުން އާ ހިލާފުވި މީހުންނަށް ދައުވާ ނުކުރަން ނިންމި ނަމަވެސް، އަމުރާ ހިލާފުވެގެން ކުރި ޖޫރިމަނާގެ ކަންކަން، ހަރުދަނާކަމާއެކު ހަމަ އެގޮތުގައި ތަންފީޒުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އެންގުމަށް ވެސް ޕީޖީ ވަނީ ނިންމަވައިފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް