ކެނެޑާއިން ފެނުނީ ބިރުވެރި ހޯދުމެއް

Loading

Facebook
Twitter
WhatsApp

ދާދި ފަހުން ކެނަޑާއިން ފެނިފައިވާ ބިރުވެރި އަދި ހިތާމަވެރި ހޯދުމުން މުޅި ދުނިޔެ ސިއްސުވާލިއެވެ. ކެނެޑާގެ ހުޅަނގުގެ ސަރަހައްދެއްގައި ކުރިން ހުރި ބޯޑިންގް ސްކޫލްތަކެއް ކައިރިން މިދިޔަ މަހު 182 ގަބުރު ފެނުމާއެކު މުޅިގައުމަށް ވަނީ ނާމާން ކަމާއި ބިރުވެރިކަން ފެތުރިފައެވެ.

1800ގެ އަހަރުތަކުން ފެށިގެން 1990 އާ ހަމަހަޔަށް ކެނެޑާގައި އޮތީ ރެސިޑެންޝަލް ސްކޫލް ސިސްޓަމްއެވެ. މި ސްކޫލުތައް ހިންގުމާއި ހަވާލުވެގެން ތިބީ ރޫމީންގެ ކެތޮލިކް ފައްޅިތަކުގެ ފާދިރީންނެވެ. އެމީހުންގެ ބެލުމުގެ ދަށުން ގާތްގަނޑަކަށް 139 ރެސިޑެންޝަލް ސްކޫލް ހިންގާފައިވާކަން ތާރީޚީ ފަތްފުށްތަކުން އެނގެން އެބަ ހުއްޓެވެ.

އެޒަމާނުގައި ފުލޯކު ވާހަކަތަކެއްގެ ގޮތުގައި ތުންތުން މަތިން މި ސްކޫލުތަކަށް ކިޔަވަންދާ ކުޑަކުދިން މަރުވާ ވާހަކަ ކޮންމެވެސް ވަރަކަށް ދެކެވެމުން ދިޔައެވެ. ނަމަވެސް މި ކަމުގެ ފަހަތުގައި ހަގީގަތެއް ވާކަން ހާމަވެގެން މި ދިޔައީ ދާދި ފަހުން ފެނުނު ބިރުވެރި މަންޒަރަކުންނެވެ. ކުޑަކުދިންގެ ގަބުރުތަކެކެވެ. މަހާނަ ގަލެއް، ނުވަތަ ކޮންއިރަކު މަރުވި، ކާކުކަމެއް ނޭނގޭނެހެން ކުރީގައި މި ދެންނެވުނު ސްކޫލް ހުރި ސަރަހައްދުގައި އެތައް ސަތޭކަ ގަބުރެއް ވަޅުލާފައި ހުރިތަން ވަނީ ފެނިފައެވެ.

ކަމްލޫޕްސް އިންޑިޔަން ރެސިޑެންޝަލް ސްކޫލް ބީ.ސީ ގެ ނަމުން އެ ދުވަސްވަރު މަޝްހޫރުވެފައިވާ ސްކޫލް ހުރި ސަރަހައްދުން ވަނީ 215 ގަބުރު ފެނިފައެވެ. އަދި ސަސްކެޗްވާންގައި ކުރިން ހުރި މަރިއެވަލް އިންޑިޔަން ރެސިޑެންޝަލް ސްކޫލްގެ ސަރަހައްދުން 751 ގަބުރު ފެނިފައިވެއެވެ.

މި ގަބުރު ތަކަކީ އެއްޒަމާނެއްގައި އެ ސްކޫލްތަކަށް ކިޔަވަން ދިޔަ ކުދިން ކަމާމެދު ޝައްކެއްވެސް ނެތެވެ. ތާރީޚް އިލްމުގެ މާހިރުން ދެކޭ ގޮތުގައި މިއީ ކޮލޮނިއަލް ޕްރިޖެކްޓެއްގެ ދަށުން އެ ޒަމާނުގެ ފާދިރީން ކެނަޑާގައި އުޅުނު މެޓިސްއާއި އިނުއިޓް ދަރިފަސްކޮޅުގެ މީހުން ނައްތާލުމުގެ މަގުސަދުގައި ހިންގާފައިވާ ޖަރީމާއެކެވެ.

މި ކަމާ ގުޅިގެން ޕޯޕް ފްރާންސިސް އާއި ފައްޅިތައް ކުށްވެރިކޮށް އެ ގައުމުގެ މިނިސްޓަރުންވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ސްކޫލްތަކާ ގުޅުންހުރި ތާރީޚި ލިޔުންތައް ދެއްކުމަށްވެސް ކެނެޑާގެ މިނިސްޓަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް