ދިވެހި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައަކާ ގުޅިގެން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާ އޭނާ ހައްޔަރުކުރީ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ކުރި ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުންކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު އިނާދު ކިޔާ މީހެކެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މި އިންޒާރާ ގުޅިގެން އިންޑިއަން ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި އަދި އެ ނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ މީހުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.
ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މަށްޗަށް ލާޒިމު ކަމަކަށް ވީއިރު ރާއްޖެ އާއި އަވައްޓެރި ގައުމުތާކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭގޮތަށް ބައެއް އޮންލައިން ނޫސްތަކުން ހަބަރުފަތުރަމުން ދާކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.
“ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭގޮތަށް އެފަދަ ބައެއް ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާ ދިއުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާކަމެކެވެ.“ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ ހައްޔަރުކުރުމާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވެއެވެ.
ފުލުހުން ބުނީ ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް، ތަންތަނަށާއި، މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދިވެސް އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށެވެ.
ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވާގޮތުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ.
ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.