ކޮވިޑް-19 އާ ދެކޮޅަށް އުފައްދަން މަސައްކަތްކުރާ ވެކްސިންތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދައި ތަޖްރިބާކުރަމުން ގެންދާ ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިއްޖެ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ބުނެފި އެވެ.
އެޓީމުގެ ފަރާތުން ވާހަކަ ދެއްކެވި ސެއެންޓިސްޓެއް ކަމަށްވާ ޑރ. އެންޑްރޫ ޕޮލާޑް ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ”ChAdOx1 nCoV-19″ގެ ނަމުން ނަންދީފައިވާ އެވެކްސިން ކާމިޔާބުވާނެކަން ގާތްގަނޑަކަށް ކަށަވަރުވެގެން ދިޔައީ އެއީ އިންސާނުންގެ ހަށިގަނޑަށް ދޭން ސޭފް އެއްޗެއްކަން މިހާތަނަށްކުރި ހުރިހާ ތަޖްރިބާތަކުން ވެސް ޔަގީންވެގެން ދިޔުމާއި އަދި އެވެކްސިން ތަޖްރިބާކުރުމުގެ ގޮތުން ޖެހި ވޮލަންޓިއަރުންގެ ހަށިގަނޑުގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފެދުނުކަން ޔަގީން ވުމުންނެވެ.
ޑރ. ޕޮލާޑް ވިދާޅުވި ގޮތުގައި ވެކްސިން ދިން 1077 މީހުންގެ ހަށިގަނޑުންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އާއި ޓީސެލްތައް ވަނީ އުފެދިފަ އެވެ. ދެން އޮތީ މިއީ ކޮވިޑް-19ގެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަނުމާއެކު އެވައިރަސްއަށް ހަމަލާދީ އެވައިރަސް މަރާލުމުގެ ބާރާއި ގާބިލްކަން އެންޓިބޮޑީސް އަށް ލިބިފައިވަނީ ކިހާމިންވަރަކަށް ކަން ދެނެގަތުމުގެ މަސައްކަތެވެ.
އެކަމަށް އަދި މުއްދަތެއް ނަގާނެކަމަށާއި އެކަން ބެލުމަށް ޓަކައި ތަޖްރިބާގައި ބައިވެރިވާ ވޮލަންޓިއަރުންގެ ތެރެއިން 10 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒެއް ދީގެން ދިރާސާތައް ކުރިޔަށް ގެންދާކަމަށް އޭނާ ވިދާޅުވި އެވެ.