ފަސް ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ރަށްރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަސްރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުމަށް 66 މިލިއަންޑޮލަރު ( 1.016 ބިލިއަން ރިފިޔާ) ހަރަދުކުރަން ނިންމައިފިއެވެ.

މިމަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ފަސް ރަށެއްގެ އިތުރުން އައްޑޫސިޓީ މީދޫ ގޮޑުދޮށެވެ. މި މަޝްރޫއުގެ ދަށުން ލ އަތޮޅުން ހިމާޔަތްކުރަން ހަމަޖެހިފައިވަނީ އެ އަތޮޅު މާމެންދޫ، ފޮނަދޫ، ގަން، އަދި އިސްދޫ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއަށް ސަރުކާރުން 5.5 މިލިއަން ޑޮލަރު (84.1 މިލިއަން ރުފިޔާ) ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޖައިކާއިން 35.4 މިލިއަން ޑޮލަރު ( 545.86 މިލިއަން ރުފިޔާ) ހިލޭ އެހީއެއް ދީފައިވާއިރު، ’ގްރީން ކްލައިމެޓް ފަންޑު’ން 25.1 މިލިއަން ޑޮލަރު ( 387 މިލިއަން ރުފިޔާ) ދޭން ނިންމާފައިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫއުތަކަށް އެހީދޭ ބައިނަލްއަގުވާމީ ފަންޑެއް ކަމަށްވާ ޖީސީއެފް އިން ފައިސާގެ އެހީ ދިނުމަށް ނިންމީ  މިހާރު ކުރިއަށްދާ 29 ވަނަ ބޯޑު ޖަލްސާއިން މިއަދު ފާސްކޮށްގެން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމީ ކާރިސާތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށެވެ.

މިގޮތުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައިސީޒެޑްއެމް) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ހާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައިސީޒެޑްއެމް ޕްލޭންތައް ތައްޔާރުކުރުމަށް ވަނީ ރޭވައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫތު ދޭ ގޮތުގައި ގުދުރަތީ ކާރިސާތަކުގެ އިންޒާރާއި މައުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ނިޒާމެއް ގާއިމުކުރުމާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމަށް ބޭނުންވާ އާލާތްތަކާއި މިފަދަ މައުލޫމާތު ދިރާސާކުރުން ހަރުދަނާކުރުމަށް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރާނެ ކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް