ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

19

 

 

ލޯކަލް ކައުންސިލްތަކަށް އަލަށް އުފެއްދި ސެކެރެޓަރީ ޖެނަރަލުން( އެސްޖީ) ގެ މަގާމަށް މުއައްޒަފުން އައްޔަންކުރުމަށް ހުޅުވާލުމުން އެމަގާމަށް އެދި 500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ.

އެސްޖީ  އަކީ ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ.

މި މަގާމަށް މުއައްޒަފުން ހޯދަން ކުރި އިއުލާން މުއްދަތު ހޯމަދުވަހަށް ހަމަވެފައިވާއިރު މި މަގާމަށް އެދި 511 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކުރެއެވެ.

އެކޮމިޝަނުން ވަނީ  200 ސެކެރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފައިވެއެވެ.  އެއީ ރަށުކައުންސިލް އަށާއި އޮތޮޅު ކައުންސިލް އާއި ސިޓީކައުންސިލް ހިމެނޭގޮތަށެވެ.
މީގެތެރޭގަ ހިމެނެނީ ރާއްޖޭގެ 178 ރަށުގެ ރަށު ކައުންސިލާއި 18 އަތޮޅު ކައުންސިލެއްގެ އިތުރުން 4 ސިޓީ ކައުންސިލަށް ނަގާ ސެކްރެޓަރީ ޖެނެރަލުންނެވެ.

ސިވިލްސާވިސްކޮމިޝަނުން ބުނީ 4 ސިޓީ ކައުންސިލްގެ އެސްޖީކަމަށް ކުރިމަތިލި 54 މީހަކު ކުރިމަތި ލާފައިވާއިރު، 18 އަތޮޅުކައުންސިލްތަކަށް 86 މީހެއް ކުރިމަތިލައިފައިވާ ކަމަށެވެ. އަދި  178 ރަށު ކައުންސިލަށް 371 މިހަކު ކުރިމަތަލިލާފައިވާ ކަމަށްވެސް އެކޮމިޝަނުން ހާމަކުރެއެވެ.

މި މަގާމަށް އައްޔަންކުރާ މީހެއްގެ މަގާމުގެ މުއްދަތަކީ 5 އަހަރެވެ.

ސިޓީ ކައުންސިލްގެ އެސްޖީ އަށް މަހެއްގެ މައްޗަށް 35،500 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،500 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ 15،000 ރުފިޔާއެވެ.

އަތޮޅު ކައުންސިލްގެ އެސްޖީގެ މުސާރައަކީ 12،130 ރުފިޔާއެވެ. މީގެއިތުރުން އަތޮޅު ކައުންސިލްގެ އެސްޖީއަކަށްވެސް އެގްޒެކްޓިވް އެލަވަންސުގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ.

ރަށު ކައުންސިލްގެ ސެކެރެޓަރީ ޖެނަރަލްގެ މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާއާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ.

ކައުންސިލްތަކުގެ އެސްޖީއަށް ކުރިމަތިލީ މީހުންނާ ސިވިލް ސާވިސް ކޮމިޝަނުން އިންޓަވިއު ކުުރުމަށް ފަހު  އެ މީހަކު މަގާމަށް އައްޔަންކުރާނީ ކައުންސިލްގެ ލަފަޔާއެކުއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ