މަރުގެދިޔަގެ ގޮތުގައި ނަގައިދޭ އަދަދު އެއް މިލިއަން ރުފިޔާ އަށް ބޮޑުކޮށްފި

Loading

Facebook
Twitter
WhatsApp

 

މަރުގެ މައްސަލަތަކުގައި މަރުގެ ދިޔައިގެ މިންވަރަކީ އެއް މިލިއަން ރުފިޔާ ކަމަށް ސްޕްރީމް ކޯޓުން ކަޑައަޅައިފި އެވެ.

މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް ސުޕްރީމްކޯޓުން އަލަށް އެކުލަވާލި އުސޫލުގައި ބުނެފައިވަނީ މަރެއްގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ކުޑަކޮށް މިންވަރަކީވެސް އެއް މިލިއަން ރުފިޔާކަމަށެވެ.

އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން ކައްފާރާއެއްގެ ގޮތުގައި ހަނދު މަހުން ޖެހިޖެހިގެން ދެމަހު ރޯދަ ހިފަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ.

މަރުގެ ދިޔައަކީ މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ އާއިލާއަށް ގާތިލުގެ އަތުން ނަގައިދޭ ފައިސާއެވެ. ގަސްދު މަރާއި ގަސްދަކާއި ނުލާ މީހަކު މަރާލެވޭ ހާލަތްތަކާއި އިހުމާލެއްގެ ސަބަބުން މީހަކު މަރުވާ ހާލަތްތަކުގައިވެސް ވާރިސުން އެދޭނަމަ މަރުގެ ދިޔަ ނަގައިދޭންޖެހެއެވެ.

މަރުގެ މައްސަލަތަކުގައި މަރުގެ ދިޔައިގެ މިންވަރަކީ އެއް ލައްކަ ރުފިޔާ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ކަނޑައެޅީ 1993 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓްރީން ނެރުނު އިއުލާނަކުންނެވެ. އެއަށްފަހު މިހާތަނަށްވެސް މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގެ ނަގައިދެމުން އައީ އެއް ލައްކަ ރުފިޔާއެވެ.

އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މަރުގެ ދިޔައިގެ ގޮތުގައި ނަގާއިދޭ މިންވަރު މިއަށްވުރެ އިތުރުވެފައި އެބަ ހުއްޓެވެ.

އިސްލާމީ ޝަރީއަތުގައި މަރުގެ ދިޔައިގެ މިންވަރު ކަނޑައަޅަނީ ކޮންމެ ފުރާނައަކަށް 100 ޖަމަލުގެ ނިސްބަތުންނެވެ. ޖަމަލަކީ މި ޒަމާނުގައި ކޮންމެ ގައުމެއްގައި ލިބެން ހުންނަ އެއްޗަކަށް ނުވާތީ ޖަމަލުގެ ބަދަލުގައި އޭގެ އަގަށް ވާ ފައިސާ ދިނުމުގެ ގޮތުން އިސްލާމީ ގިނަ ގައުމުތަކުގައި ވެސް މަރުގެ ދިޔަ ކަނޑައަޅަނީ ފައިސާއިންނެވެ. ބާޒާރުގެ އަގުތަކަށް ބަލައި، ދިޔައިގެ މިންވަރު އެކި ގައުމުތަކުގައި ދޭތެރެ ދޭތެރެއިން މުރާޖާ ވެސް ކުރެ އެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި މިހާރު ޖަމަލުގެ އަގު ހުރި ގޮތުން 100 ޖަމަލުގެ އަގު ދިވެހި ރުފިޔާއިން މިލިއަނަކަށް ވުރެ މައްޗަށް އަރާނެ އެވެ. ސައުދީ އަރަބިއާގައި މަރުގެ ދިޔައަކީ 400،000 ސައުދީ ރިއާލް އެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 1.6 މިލިއަން ރުފިޔާ އެވެ.

ޝަރީއަތުން މަރުގެ ދިޔަ ކަނޑައެޅުމަށްފަހު މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށް އެ ފައިސާ ވަކި މުއްދަތެއްގައި ސިވިލްކޯޓަށް ދެއްކުމަށް ގާތިލްގެ މައްޗަށް އަންގަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގައި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ތިން ކުށްކަމުގައިވާ ޒިނޭކުރުމާއި ގަޒުފުގެ ކުށާއި ބަންގުރާއި ބުއިމުގެ ކުށަށް އުގޫބާތު ކަނޑައަޅާނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ.

ޒިނޭގެ ކުށް ސާބިތުވެއްޖެނަމަ އެމީހެއްގެ މައްޗަށް 100 އެތިފަހަރުން ހައްދު ޖެހުމުގެ އިތުރުން 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

ގަޒުފުގެ އަދަބަކީ 80 އެތި ފަހަރުން ހައްދު ޖެހުމާއި ޤާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބެވެ. ބަނގުރާ ބުއިމުގެ ކުށް ސާބިތިވެއްޖެނަމަ 40 އެތި ފަހަރުން ހައްދު ޖަހާ ގާނޫނުލް އުގުބާތުގައިވާ އަދަބު އެމީހަކަށް ދޭންޖެހޭނެއެވެ.

Top of Form

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް