ފޮރިން ސާވިސް ބިލު މަޖިލީހުން ބަލައިގެންފި

Loading

Facebook
Twitter
WhatsApp

 

ދިވެހިރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ފޮރިން ސަރވިސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ، މިބިލު މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ހުށައަޅާފައިވާ ބިލެކެވެ.

މި ބިލުގެ ބަހުސްކުރިއަށް ގެންދެވުމަށްފަހު ބިލު މަޖިލީހުން ބަލައިގެންފައިވަނީ މިކަމައްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

މަޖިލީހުގެ ގިނަ މެންބަރުން މިބިލަށް ތާއީދުކުރައްވާފައިވާއިރު، ބައެއް މެންބަރުންވަނީ ކޮމިޓީ މަރުހަލާގައި ބައެއް އިސްލާހުތައް ބިލަށް ގެންނަން ފެންނަކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޚާރިޖީދާއިރާގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި ރާއްޖެއަށް ހޯއްދަވައިދެއްވާފައިވާ ރީތިނަމާއި ގައުމުތަކާއެކު ގާއިމްކޮށްފައިވާ ގުޅުމުގެ އަގުވަޒަންކޮށް މިނިސްޓަރ ޝާހިދުގެ ނަމާއި ގުޅުވައިގެން ބިލުގެ ނަން ބަދަލުކުރުމަށް ބައެއް މެންބަރުންވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ސަރުކާރެއް ބަދަލުވިނަމަވެސް ފޮރިން ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުން ވަކި ނުކުރެވޭނެގޮތަށް ބިލަށް އިސްލާހު ގެނައުމަށް ފެންނަކަމަށް މެންބަރުންވަނީ ބަހުސް މަރުހަލާގައި ވިދާޅުވެފައެވެ.

ބިލުގައިވާގޮތުން، ”ދިވެހިރާއްޖޭގެ ފޮރިން ސަރވިސް“ގެ ނަމުގައި، ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވޭނެއެވެ. އެ ހިދުމަތް ނުވަތަ ފޮރިން ސަރވިސް އެކުލެވިގެންވާނީ މިނިސްޓްރީއާއި، ދިވެހިރާއްޖޭގެޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށެވެ.

މި ބިލުގައި ވާގޮތުން ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފަކަށް ހުންނަވާނީ ފޮރިން ސެކްރެޓަރީއެވެ. އެގޮތުން ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެސަރވިސްގެ މަގާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންނެވެ. އަދި ފޮރިން ސެކްރެޓަރީ ޖަވާބުދާރީވާނީ މިނިސްޓަރަށެވެ. ފޮރިން ސެކްރެޓަރީގެ މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ބިލުގައިވާ ގޮތުން ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން އައްޔަންކުރެވިދާނެއެވެ. ނަމަވެސް ފޮރިން ސަރވިސްއިން ބޭރުން އައްޔަންކޮށްފައި ތިބޭ ސަފީރުން، ވެރިކަން ބަދަލުވާ ހާލަތެއްގައި، ސަފީރުކަމުގެ ވަޒީފާއިން އިސްތިއުފާދޭންޖެހެއެވެ.

ގާނޫނާއެކު އުފެދޭ ފޮރިން ސަރވިސްގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތަށް އިހްތިރާމުކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި، އަދި އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމާއި، ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއަށް ލިބެންހުރި ފުރުސަތުތައް ދެނެގަނެ، ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތުތައް ކުރިއެރުވޭނެ ގޮތްތައް ހޯދައި ބަލައި، އެކަންކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި އެހީތެރިވެދިނުންވެސް ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް