އަޅުގަނޑަކީ ސީރިޔާ އަށް މީހުން ފޮނުވާ މީހެއްނޫން: އަލީ ރަމީޒު

Loading

Facebook
Twitter
WhatsApp

އޭނާ އަކީ ހަރުކަށިފިކުރު ފަތުރާ މީހުން ރެކްރޫޓްކޮށް ސީރިޔާއަށް ޖިހާދުވުމަށް މީހުން ފޮނުވާމީހެއް ނޫންކަމަށާ، ކުރާ ކަމަކީ ދީނީގޮތުން މީހުން ހޭލުންތެރިކުރުވުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ރަމީޒުވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު އެ ޖަމިއްޔާއިން ގެނެސްދިން ޕްރޮގްރާމެއްގައިވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހަރުކަށި ފިކުރު ފަތުރައި މީހުން ރެކްރޫޓްކޮށް ފަންޑު ހޯދައި ސީރިޔާ އާއި އެހެން ގައުމުތަކަށް މީހުން ފޮނުވާ ކަމަށް ބުނެ އޭނާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެއް ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

”އަޅުގަނޑަކީ ދުވަހަކުވެސް މިހާތަނަށް އައިރު ސީރިޔާ އަށް މީހުން ފޮނުވައި ޖިހާދުކުރަން މީހުން ފޮނުވައި ދުވަހަކުވެސް މިކަހަލަ ކަމެއް ކުރި މީހެއް ނޫން، އަޅުގަނޑުމެންގެ މަސައްކަތް އެހެރީ ފެންނަން އަޅުގަނޑުގެ އަމިއްލަ ޔޫޓިއުބް ޗެނަލް އެއްވެސް އެބައިން ސަލަފުގެވެސް އެބައިން މިއީ އަޅުގަނޑުމެން ސައުވީސް ގަޑިއިރު ކުރާ މަސައްކަތް ދައުވަތުގެ މައިދާނަށް ފުންމާލީސް ސުރެ އަޅުގަނޑު ކުރާ މަސައްކަތަކީ މިއީ މި މަސައްކަތް“ އަލީ ރަމީޒު ވިދާޅުވިއެވެ.

އަދި ދުވަހަކުވެސް އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އަލީ ރަމީޒު ވަނީ މާތް ﷲ ގަންދީ އެކަން ނުކުރަށްވާކަމަށް ހުވާކުރައްވާފައެވެ.

އަލީ ރަމީޒު ވިދާޅުވީ އޭނާ މީހުން ރެކްރޫޓްކޮށް ސީރިޔާއަށް ނުފޮނުވާކަން އެންމެ ރަނގަޅަށް އެގޭނީ، ރާއްޖެ އާއި އެމެރިކާގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ޖާސޫސީ އިދާރާ ތަކަށް ކަމަށެވެ.

“ އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ އެގޮތަށް ކަންތައް ނުކުރާ ބައެއްކަން އެންމެ ރަނގަޅަށް އެންމެ ބޮޑަށް ސާފުވާނީ ދިވެހިރާއްޖެއާއި އެމެރިކާއާއި ދުނިޔޭގައި ހުރި އެންމެ ބޮޑެތި ޖާސޫސީ އިދާރާތަކަށް. އަޅުގަނޑުމެން އެކަން ނުކުރާކަން.“ އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒު ވަނީ ޖަމިއްޔަތުއްސަލަފަކީ މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ފަންޑުކުރާ ޖަމިއްޔާއެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ދޮގުކޮށްފައެވެ.
”އަޅުގަނޑަށް ވެސް ޖަމިއްޔަތުލް ސަލަފަށް ވެސް ސަން ސިޔާމް މިވަގުތާ ހަމަޔަށް އެންމެ ލާރިއެއް ވެސް ދީފައެއް ނޯއްނާނެ، އެހެން ވާހަކަ ދެކެވޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭގޭ. ބައެއްގެ އިމޭޖް ހަޑިކޮށްލަން ވަރަށް ފަސޭހަ ޒަމާނެއް މިޒަމާނަކީ“ އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީރަމީޒަކީ ސީރިޔާ އަށް ޖިހާދުވުމަށް މީހުން ފޮނުވާ ފަރާތެއްކަމަށް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ތުހުމަތުކޮށް ބަހުގެ ހަމަލާތަށް އެނާ އަށް ދެމުން ދެއެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީރަމީޒު ލަވަކިއުން ހުއްޓާލައިލުމަށް ފަހު، ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުވުގެ ގިނަ ހަރަކާތްތަކެއް އޭނާ އިސްވެ ހުންނަވައިގެން އަންނަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް