ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކުރި އިތުރު މީހެއްގެ ވަނަވަރު ފުލުހުން ހާމަ ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި ހަމަލާއާ ގުޅިގެން އިތުރަށް ހައްޔަރުކުރި މީހަކީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، އެވެ.
ހައިޝަމް ހައްޔަރުކޮށް އޭނާގެ ބަންދަށް ފުލުހުން މިހާރު ވަނީ ދެވަނަ ފަހަރަށް މުއްދަތު ޖަހާފަ އެވެ. އެގޮތުން ދެ ވަނަފަހަރަށް މިދިޔަ އާދިއްތަ ދުވަހު އޭނާގެ މަށްޗަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައެވެ.
ނަޝިދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ފަސްވަނަ މީހަކު ހައްޔަރު ކޮށްފައިވާ ކަން އެންމެ ފުރަތަމަ ހާމަކުރީ މި މަހުގެ ހަވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހު ފުލުހުން ހައިޝަމްގެ ވަނަވަރު އާންމު ކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދަށް މެއި ހައެއްގައި ދިން ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށް، ފުލުހުން މީގެ ކުރިން އާންމުކޮށްފައިވަނީ ހަތަރު މީހުންގެ ވަނަވަރެވެ. އެ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.
ފުލުހުން ބުނީ މުޖާޒު އަހުމަދުއާއި ތަހުމީހު އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދުގެ ބަންދަށް އިތުރު 30 ދުވަހުގެ ބަންދުގެ މުއްދަތު މި މަހު 22 ވަނަ ދުވަހު ޖަހައިދީފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައްޔަރުކުރި އަހުމަދު ފާތިހު ބަންދަށް މިމަހު 20 ވަނަ ދުވަހު 15 ދުވަސް ޖަހައިދިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނާ ގޮތުގައި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފައިވާ ފަސް މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނެވެ.
ނަޝިދަށް ދިން ހަމަލާ އާއި ގުޅިގެން އިތުރު މީހެއްގެ މައްސަލަ ބަލަމުންދާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި އެ އަށް މީހުންގެ ތެރެއިން ހަތަރު މީހަކަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.