އިންޑިޔާގެ ފިނޭންސް މިނިސްޓަރ، ނިރްމާލާ ސީތަރާމަން މިދިޔަ ހޯމަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ކޮވިޑް-19ގެ ވަބާއަށް ފަހު ގައުމުގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން ހަދާފައިވާ ރިކަވެރީ ސްޓިމިއުލަސްގެ ދަށުން އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ހަދާފައިވާ ޕްލޭން ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން އިންޑިޔާއަށް ދާ ފަތުރުވެރިންނަށް ވިސާ ހިލޭކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ޚަބަރު އޭނާ ވަނީ ދެއްވާފައެވެ.
މި ސްކީމުގެ ދަށުން ވިސާ ދޫކުރުން ކުރިޔަށްދާނި 2022 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސްކީމަށް އިންޑިޔާއިން އަދި އަމަލުކުރަން ފަށާފައެއް ނުވެއެވެ. ވަރަށް އަވަހަކަށް މި ޕްރޮޖެކްޓު ފައްޓަވާނެކަމަށް ފިނޭންސް މިނިސްޓަރ ވަނީ މައުލޫމާތު ދެއްވާފައެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 500000 ވިސާ ހިލޭ ދޫކުރުމަށް ފަހު ދެން ވިސާ ބޭނުންވާ ފަރާތްތަކުން ޖެހޭނީ ވިސާ ގަންނާށެވެ. މި ގޮތަށް އަމަލުކުރުމުން ސަރުކާރަށް ވިސާ ވިއްކައިގެން އެއްބިލިޔަނެއްހާ ރުފިޔާގެ ފައިދާ ވާނެކަމަށް ކަމާބެހޭ މާހިރުން ލަފާ ކުރައްވައެވެ.
މީގެ އިތުރުން ސަރުކާރުން ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީ ވުމުގެ ގޮތުން ލޯނު ދޫކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.