ހިޔާ ފްލެޓްގެ އަގު ކުޑަކުރާނަމަ ސަރުކާރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހޭނެ: ރައީސް

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އަގު އިތުރަށް ކުޑަކުރަންވެއްޖެނަމ ދައުލަތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށާ މިހާރުގެ އަގަށް އިތުރު ބަދަލެއް ގެނެވިދާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނީސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަރަށް ބޮޑުތަން ކުޑަކޮށްދީފައިވާ ކަމަށެވެ.

”މިއަށްވުރެ ކުޑަކުރާކަމަށްވަންޏާ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަންޖެހޭނެ. މިހާރުވެސް ސަރުކާރުން ގާތްގަނޑަކަށް ލޯނުދައްކާ ނިންމަން ފްލެޓްތަކަށް ފައިސާދައްކާ މީހުންގެ އިތުރަށް ސަރުކާރުގެ ބަޖެޓުން އެބަދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ. މިއީ ސަރުކާރަށް އެކި ގޮތްގޮތުން ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާއިން ހަމައެކަނި މި ފްލެޓްތަކަށް އަޅުގަނޑުމެން ހޭދަކުރަންޖެހޭ ވަރު. އެހެންވީމަ މިހާރު މިއޮތީ ވަރަށް ބޮޑުތަން ކުޑަކުރެވިފައި. މީގެ އިތުރަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ މީގެން މާބޮޑުތަނެއް ކުޑަކުރެވިދާނެކަމަކަށް“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ މަހު ފީ އެއްގެ ގޮތުގައި މިސަރުކާރުން ހަމަޖައްސާފައިވަނީ މަހަކު 8،500 ރުފިޔާ އެވެ.
ރައީސް ވިދާޅުވީ، ހިޔާ މަޝްރޫއު ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ސަރުކާރުން އަށް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި 20 އަހަރުން ދައްކާގޮތަށް ކޮމަރޝަލް ލޯނެއް ނަގައިގެންކަމަށެވެ.

އަދި އޭރު ފްލެޓްތައް އަގުކޮށްފައިވާގޮތުން ފްލެޓަކަށް 1.2 މިލިއަން ރުފިޔާ ޖެހޭކަމަށާއި، 20 އަހަރުން ދައްކާނަމަ، މަހު ކުލީގެ ގޮތުގައި 10،419 ރުފިޔާ ޖެހޭކަމަށް ވެސް ރައީސް ވިދާޅުވެއެވެ.

”އަޅުގަނޑުމެން އަލުން އެ ރިވިއުކޮށް، އަގުތަކަށް ބަދަލު މިވަނީ ގެނެސްފައި. އެގޮތުން ބިމުގެ އަގު ކަނޑާ، އަދިވެސް އެހެން މެނޭޖްމަންޓް ފީތަކާއި އެއްޗެތި ކަނޑާލީމަ ފްލެޓެއްގެ އަގު މިޖެހެނީ އެއް މިލިއަން އަށްޑިހަ ތިން ހާސް ބާވީސް ރުފިޔާ. އެއީ އަޅުގަނޑުމެން އަލުން ހިސާބުކުރި އަގަކީ. އަދި އިންޓްރެސްޓް ރޭޓް 6.78 ޕަސެންޓަށް މިއޮތީ ކުޑަކޮށްފައި. އަދި 25 އަހަރުން ދައްކާ ނިންމާގޮތަށް ހެދީމަ 7500 ރުފިޔާއަށް މި ޖެހެނީ. އެހެންވީމަ ކުރިން އޮތް އަގުން މިވަނީ މި ބަދަލާއެކީގައި ވަރަށް ބޮޑު ޢަދަދެއް ކުޑަކުރެވިފައި“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުގެ އަގަށް އިތުރު ބަދަލެއް ގެނެވިދާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށާ،  ނަމަވެސް މިއީ ވަރަށް ގިނަ ބައެއްގެ މަސްލަޙަތާގުޅިފައިވާ ކަމެއްކަމުން، އަދިވެސް އިތުރަށް ސަރުކާރުން މިކަން ބައްލަވާނެ ކަމަށެވެ.

ހިޔާމަޝްރޫގެ ދަށުން ހުޅުމާލޭގައި ދޫކޮށްފައިވާ ފްލެޓްތަކުގެ އަގު ބޮޑުކަމުގެ ޝަކުވާ ފްލެޓްތައް ލިބުނުފަރާތްތަކުން އަންނަނީ ކުރަމުންނެވެ. މި ފްލެޓްތަކުގެ އަގު ކުޑަކޮށްދިނުމަށް އެދި ގޭގޭގައި ތިބެގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ޝުއޫރު ފާޅުކުރުމުގެ ހަރަކާތްތަކެއްވެސް ފްލެޓް ލިބުނު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

 

މިއަގު ތަނާ އެކަށީގެން ނުވާކަމުގެ ޝަކުވާ ބޮޑުވެ، މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ކުލީގެ އަދަދު 5،500 ރުފިޔާ އަށް ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި އެދިފައެވެ. އަދި ފިނިޝިން މަސަައްކަތް ކުރުމަށް ސަރުކާރުން ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތުވެސް އިތުރުކުރުމަށް ވެސް މާލެ ސިޓީކައުންސިލުން ވަނީ ރައީސް އޮފީހުގައި އެދިފައެވެ.

ހިޔާ ފްލެޓްތަކުގެ މިހާރު ކުރިއަށްދަނީ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ދެއްކުމުގެ މަރުހަލާއެވެ. ވެރިފަރާތާއެކު އެގްރީމެންޓްތަކުގައި ސޮއިކުރުން އަންނަމަހު 14 ގައި ފަށާނެކަމަށްސަރުކާރުންބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް