ނަޝީދަށް ހަމަލާ ދިން ގަޑީގައި އަރިހުގައި ހުރި ބޮޑީގާޑުގެ އޮޕަރޭޝަނެއް ކުރަނީ

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމް ކަނދުރާގެ އޮޕަރޭޝަނެއް މާދަމާ ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތްކުރި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް ސާރ ގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާ ކަމަށެވެ.

އެހެންކަމުން ކަނދުރާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާދަމާ އައިޖީއެމްއެޗްގައި އިލްހާމްގެ އޮޕަރޭޝަނެއް ކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި ނާޒިމް ވަނީ އަވަސް ޝިފާއަކަށް އެދިލައްވާފައެވެ.

ބޮމުގެ ހަމަލާގައި  ބޮން ގޮއްވާލުމާ އެކު ރައީސް ނަޝީދު ނަގައި ކާރަށް އެރުއްވީ އިލްހާމެވެ. މި ހަމަލާގައި އިލްހާމަށް ވެސް ވަނީ ޒަހަމްތަކެއް ވެފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނަށްވެސް ވަނީ ގިނަ އަނިޔާތަކެއް ލިބިފައެވެ. އޭގެ ސަބަބުން އޭޑީކޭގައި ގިނަ އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނު ވިލާތުގައެވެ.

އެ ހަމަލާގައި ނަޝީދުގެ އިތުރުން ބޮޑީގާޑުންނާއި، ބިދޭސީއެއް ހިމެނޭހެން އާންމުންގެ ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ މައުލޫމާތު ފުލުހުން ވަނީ އާންމު ކޮށްފައެވެ.  އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ހާއްސަ މައްސަލެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް