ކުވައިތުގެ އަމީރު ޝައިޚް ސަބާހުލްއަހްމަދުއްސަބާޙް އަށް ކުރިމަތިވި އާލާސްކަންފުޅަކާ ގުޅިގެން ކުއްލި އޮޕަރޭޝަނެއް ކުރައްވައިފި ކަމަށާ އެއޮޕަރޭޝަން ކާމިޔާބު ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ކުވައިތުގެ އަމީރުގެ އޮފީސް ”ދީވާނުއްޝުއޫނުލްއަމީރީ“ އިން ބުނީ އޮޕަރޭޝަނަށްފަހު އަމީރު ޝައިޚް ސަބާހުލްއަހްމަދުގެ ހާލުކޮޅު ރަނގަނޅުވެ ހަމައަކަށް އެޅިފައިވާ ކަމުގައެވެ. އަމީރުގެ އޮޕަރޭޝަން ކޮށްފައިވަނީ ކުވައިތުގެ ހޮސްޕިޓަލެއްގައި ކަމަށާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ކުވައިތުގެ އާންމު ރައްޔިތުންގެ ފަރާތުން އަމީރަށް ހަމްދަރުދީގެ މެސެޖްތައް ލިބެމުންދާކަމަށް ”ދީވާނުއްޝުއޫނުލްއަމީރީ“ ގެ ފަރާތުން ނެރުނު ބަޔާނެއް ބުނެއެވެ. ނަމަވެސް އަމީރުގެ ބައްޔާބެހޭ އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.
ކުވައިތުގެ ރަސްމީ ނޫސްއެޖެންސީން މިދިޔަ ހޮނިހިރު ދުވަހުވަނީ ރޫޓިން މެޑިކަލް ޗެކްއަޕެއް ހެއްދުމަށްޓަކައި އަމީރު އެގައުމުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަމީރު ހޮސްޕިޓަލްގައި އެނދުމަތި ކުރުމާއެކު އޭނާގެ ވެރިކަމުގެ ބާރުތައް ވަލީއުލްއަހްދު ނުއްވާފުލްއަހްމަދާ ވަގުތީގޮތުން ހަވާލުކޮށްފައިވާކަންވެސް އަމީރުގެ އޮފީސްކަމަށްވާ ”ދީވާނުއްޝުއޫނުލްއަމީރީ“ އާ ހަވާލާދީ ކުވައިތުގެ ރަސްމީ ނޫސްއެޖެންސީން ބުނެފައިވެއެވެ.
އުމުރުފުޅުން 91 އަހަރުގެ ޝައިޚް ސަބާހު އަކީ މުސްކުޅި ބަލީގައި އުޅުއްވާ ބޭފުޅެއްކަމުން ވަރަށް ގިނައިން އޭނާ މެޑިކަލް ޗެކްއަޕްތައް ހައްދަވައެވެ. މިދިޔައަހަރުގެ އޮކްޓޯބަރު މަހު އެމެރިކާއަށް ވަޑައިގެންވެސް އަމީރު ޝައިޚް ސަބާހު މެޑިކަލް ޗެކްއަޕް ތަކެއް ހައްދަވާފައި ވެއެވެ.