އެމްއެމްޕީއާރުސީ މައްސަލައިގައި އެހެން ހުރިހާ މީހުންނާ ދިމާއަށް ވަގަށް ގޮވާފައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި)އާ ދިމާއަށް ވަގަށް ނުގޮވެންވީ ކީއްވެގެންތޯ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ އަޑަރ ސެކްރެޓެރީ އަދި އެމްޑީޕީގައި އިސްދައުރެއް އަދާކުރައްވާފައިވާ ޝުޢައިބު އަލީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިސްލާހު ކުރުމަށް ބާރުއަޅުއްވައި ފަހަކަށް އައިސް ވާހަކަފުޅުދައްކަވަމުން ގެންދަވާ ޝުޢައިބު (ފުރަހަނި) ވިދާޅުވި ގޮތުގައި އޭނާގެ ގާތް އެކުވެރި އަންނިއާ ދިމާއަށް އަނިޔާވެރިއެކޭ ވަގެކޭ ދަންނަވާނީ އޭގެ ތެރޭގައި ސަބަބުތަކެއް އޮތީމައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ މައްސަލާގައި ވަރަށް ގިނަ ބަޔަކާ ދިމާއަށް އިނގިލި ދިއްކޮށް ވަގުންނޭ ވަނީ ގޮވާފައެވެ.
”އަޅުގަނޑުވެސް ގަބޫލުކުރަން އެއްވެސް ލިސްޓެއްގައި އަންނިގެ ނަން ވަގުންގެތެރޭގައި ހިމެނިފައި ނެތްކަން. އެކަމަކު ބޯކޮޅު މައްޗަށް ހުރި ސިކުނޑީގެ ތެތްކަމެއްހުރި މީހަކަށް ވެއްޖެއްޔާމު، އެމްއެމްޕީއާރު ވައްކަމުގެ މައްސަލާގައި އަންނިގެ އަތެއްވާކަން އެއީ ސާފުކޮށް ފެންނަން އޮތްކަމެއް.“ ޝުޢައިބު ވިދާޅުވިއެވެ. ”އަޅުގަނޑު ވަރަށް ސާބިތުކަމާއެކު މިދަންނަވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަންނިގެ އަތެއްވެއޭ. ދެން ޢަލީ ޢާޡިމް ދަބަހަށް އަޅައިގެން އެ އުފުލި ފައިސާ ދިޔާކޮށްގެން ވިޔަސް އަދި ހަރުކޮށްގެން ކަމަށް ވިޔަސް އެޒާތަކަށް އަންނި އެކަހަލަ ކަމެއް ނުކުރައްވާނެކަން އެނގޭ. އެކަމަކު އެމްޑީޕީގެ އެއްވެސް ކަމެއް އަންނި ބޭނުން ނޫން ގޮތަކަށް ކޮށްފިއްޔާމު އެބަޔަކަށް ލިބޭ އަދަބު އެ އޮތީ ފެންނަން ސާފުކޮށް. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި އަންނިގެ އަތެއްވެއޭ. ދެން ކީއްވެގެންތޯ އަންނިއާ ދިމާއަށް ވަގަށް ނުގޮވާންވީ؟“
ޝުޢައިބު ވިދާޅުވި ގޮތުގައި ހުރިހާކަމެއް އެންމެ ގާތުން ފެނުނުނު މީހުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. ”އެމްޑީޕީތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެޖެހި ސަކަރާތް އަޅުގަނޑަށް ވަނީ ފެނިފައި. އޭގެން ކޮންމެ މެންބަރަކުވެސް ވިދާޅުވާނެ ތިމަންނަ ނެގި ފައިސާއެއް ނޯންނާނޭ. ތިމަންނަ ވޯޓުދީފައި ހުންނާނީ ރައީސް ނަޝީދު ނޫނީ އަންނި ބުނި ގޮތަކަށޭ.“ އޭނާ ވިދާޅުވިއެވެ.
ޝުޢައިބު ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ ވިއްކާލާފައި ނައިބު ރައީސަށް ގާނޫނުއަސާސީގައިވާ އުމުރު ހަނގުކުރަން ވެގެން ގާނޫނުއަސާސީއަށް އެގެނައި އިސްލާހު ގެންނަންވެގެން އެމްޑީޕީގެ ތެރެއިން އެ ހިންގި ޖަރީމާގައި އެމްއެމްޕީއާރުސީގެ ވައްކަމުގެ ފައިސާ ވަނީ އިންތިހާއަށް ފެތުރިގެން ގޮސްފައެވެ.
”އެކަން އެހެރީ ހަމަ ޔަގީނުންވެސް ދައުލަތުގެ އެކި ރިޕޯޓުތަކުގައި އެކި ސިފަސިފައިގައި ނަންތަކާ އެކު ހާމަވެފައި.“ އޭނާ ވިދާޅުވިއެވެ. ”އެއްދުވަހު އެއްލިސްޓަށް ނަން އަރާނެ އެއްބައެއްގެ. އަނެއްދުވަހު އެ ލިސްޓުން އެނަންތައް ހަމަ ފޮހެވިގެންދާނެ. މިއީކީ އެއްގޮތަކަށްވެސް ގައުމުގެ މުސްތަގުބަލާ ދޭތެރޭގައި ހައްގަށް ވަކާލާތު ކުރާމީހުން، ތެދުބަހުން ވާހަކަދައްކާ މީހުން ގަބޫލު ކުރާނެ ކަންތައްތަކެއް ނޫން.“
ޝުޢައިބު ވިދާޅުވި ގޮތުގައި އަނިޔާވެރިކަމަކީ އަދި އަނިޔާ ކުރުމަކީ ހަމައެކަނި ޗާބޫކުން ތެޅުމެއްނޫނެވެ. ހަމައެގޮތަށް އަނިޔާ ވެރިކަމަކީ އެކޮޅުކޮޅުން އެންގަލަށް އެލުވާފައި ދަށުން އަލިފާން އެންދުމަށް ކިޔާނަމެއްވެސް ނޫނެވެ.
”އަންނިއާ އެކީގައި އިޚުލާޞްތެރިކަމާއެކު އެމްޑީޕީގައި މަސައްކަތް ކުރި މީހުންނަށް ކިހާ ބޮޑެތި އަނިޔާތަކެއްތޯ ލިބިގެންދިޔައީ. އެހެންވެއްޖިއްޔާމު އެހުރިހާ ކަމެއްގެ ޒިންމާ
ވެސް އެ އަނިޔާގެ ފަހަތުގައި އަންނި ނުވާންވީ ސަބަބެއް އަޅުގަނޑަށް ދައްކަވާދެއްވާ!“ ޝުޢައިބު އިތުރަށް ވިދާޅުވިއެވެ. ”ދެން އޮތީ އަންނިގެ އެކައުންޓުގައި އެހުރި ފައިސާ. އަޅުގަނޑުމެން ކައިރީގައި ކިހާވަރަކަށްތޯ ބުނީ ތިމަންނަ ވެރިކަން ނުކުރާނަމޭ. ބައްލަވާ. ވެރިކަމެއް ނުކުރާނަމޭ ކިޔައިގެން އައިސް އަޅުގަނޑުމެންނަށް އޮޅުވާލައި މަކަރާއި ހީލަތުން އާއިލީ ވެރިކަމެއް، އެމްޑީޕީގެ ނަމުގައި ޕާޓީއެއް ހަދައިގެން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން ދައުލަތުގެ އެންމެ މަތީ މަގާމުތައް ފުރުއްވަމުން ގެންގޮސް އެ މަގާމުތަކުގެ ފައިސާ އަމިއްލަ ފުޅު އެކައުންޓަށް ޖަމާވީމާ އެއަށް ދެން އަޅުގަނޑު ކިޔާނީ އަޅުގަނޑުމެންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ދައުލަތުން މުސާރަ ނަގައިގެން އަމިއްލަފުޅު އެކައުންޓު ބޮޑު ކުރައްވަނީއޭ.“ ޝުޢައިބު އޭނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވިއެވެ. ”އެއީ އަޅުގަނޑުމެންނަށް ކޮށްފައި އޮތް ވަރަށް ބޮޑު ވައްކަމެއް، ޚިޔާނާތެއް. މަކަރެއް ހީލަތެއް. މިހާހިސާބަށް ދިޔައިމާ އަޅުގަނޑުގެ ވިސްނުމަށް އަންނަ އެއްޗަކާ އަޅުގަނޑަށް ފެނުނު މަންޒަރުތަކަށް ރިޢާޔަތްކޮށް އެ ވާހަކަ މިދެންނެވީ.“
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސްގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތަފާތު އެކި މައްސަލަތަކުގައި ފާޑު ކިޔާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ގިނަވާން ފަށާފައެވެ.
”އަޅުގަނޑު ވަރަށް ހިތާމަކުރަން އަންނިއާ ދިމާއަށް ވަގަށް ގޮވަން ޖެހުނީމާވެސް. އަންނިއަކީ އަނިޔާވެރިއެކޭ ބުނަން ޖެހުނީމާވެސް. އެކަމަކު ހަގީގަތް ވާނީ ހަގީގަތަށް. އަޅުގަނޑު މީގެ 17 އަހަރު ކުރިން ދުށް އަންނިއެއްނޫން މިހާރު އަޅުގަނޑަށް ސިފަވެގެން ގޮސްފައި އެހެރީކީއެއް. އެވާހަކަ ވަރަށް ހިތާމައައެކު އަންނި އަރިހުގައި ވެސް އަދި އެހެން ބޭފުޅުންގެ އަރިހުގައި ވެސް ދަންނަވާނީ.“ ޝުޢައިބު ވިދާޅުވިއެވެ.
2 Responses
ކަޑައެޅިގެން ރޯބުހުތާން ދޮގު އެންމެރަގަޅު ވުލޫކޮއްގެން ޚަތިމުގައި އަތްލާ ކަލެއަށް ހުވާކުރަންކެރޭނެތޯ؟؟؟ކަލޭބޭނުންގޮތަކަށް ކަންތައްތައް ނުވީމާ ނަޝީދު ބޮލުގައި ވައްކަން އަޅުވަނީކަންޔަގީން އަންނި ރާބޯފިޔޭ ބުނީމާގަބޅޫލު ކުރެވުނަސް ވަގަށް ރުފިޔާ ނަގާފިޔޭ ބުންޏަސް ބަޔަކުގަބޫލެއްނުކުާނެ!!!!!!!
އެމްޑީޕީ އެތެރޭގެ ހުރިހާކަންތަށްގަޑު ސުއައިބުއަށް ވަރަށްރަނގަޅަށް އެމްމެ އަޑި އެނގިލަށްވާނެ ވަރށްސާފް