ސީމޭނުންގެ ދުވަހުގެ މަރުޙަބާ!

Loading

Facebook
Twitter
WhatsApp

ކޮންމެ އަހަރެއްގެ ޖޫންމަހުގެ 25 ވަނަދުވަހަކީ ބައިނަލް އަގްވާމީގޮތުން ފާހަގަކުރާ ސީމޭނުންގެ ދުވަހެވެ. މި ދުވަހުގެ ތަހްނިޔާ ދިވެހިރާއްޖޭގެ ހުރިހާ ސީމޭނުންނަށް ސަންދާނުގެ ނަމުގައި އަރިސްކުރަމެވެ. ސަންދާނުގެ ލިއުންތެރިންނަކީ އަބަދުވެސް ސީމޭނުންނާ ވަރަށް ގުޅުންބޮޑު ބައެކެވެ. ސަންދާނު އަހަންމައިދީ ނަޒާކީ ޒަކީ އަދި އަލީ އަޙްމަދު ފަދަ ސަންދާނުގެ ލިއުންތެރިން ހިމެނެނީ ދިވެހި ފަޚްރުވެރި ސީމޭނުންގެތެރޭގައެވެެ. އެބޭފުޅުންގެ ދިރިއުޅުން ފެއްޓެވީ ކަނޑުމަތީގައޭ ބުނުމަކީ ހަގީގަތެވެ. ރާއްޖޭގެ ބޯޓުފަހަރު ދުއްވުމާއި ސީމޭނުންގެ ވަޒީފާތަކުގެ ތަރި މެދު އުޑުގައި ފިޔަޖަހަމުން ދިޔަޒަމާނުގައެވެ. 1980 އިން 1990 ގެ އަހަރުތަކުގައެވެ.

ބައިނަލް އަގްވާމީ ސީމޭނުންގެ ދުވަހުގައި ދިވެހިރާއްޖޭގައި ސީމޭނުންގެ ވަޒީފާ ތަޢާރުފްވެގެންދިޔަގޮތަށް ބަލާލުން ބޭނުންތެރިކަމަށްދެކެމެވެ. ގަބޫލުކުރަމެވެ. ދިވެހިންނަކީ މާޒީގެ އުދަރެސް ކިރިޔާފެންނަ ހިސާބުންފެށިގެންވެސް އެ ޒަމާނަކާގުޅޭގޮތުން ބޭރުގައުމުތަކަށް ދަތުރުކޮށް އުޅުނު ބައެކެވެ. އަސޭ ކަރައާއި ބަންގާޅާއި އުތުރުކަރައާއި އޮޅުދޫ ކަރައަށްވެ. އެނޫންގައުމުތަކަށްވެސް ދަތުރުކޮށްފާހުރުމަކީވަރަށް ގާތްކަމެކެވެ. އެހެނަސް ބައިނަލއ އަގްވާމީ ގޮތުން ފާހަކުރާ ދުވަހެއްގައި ބައިނަލް އަގްވާމީ ފެންވަރުގައި ދިވެހިރާއްޖޭގައި ސީމޭނުން އުފެދި ކުރިއަރައިގެންދާންފެށީ 1970 ގެ އަހަރުތަކުގެތެރޭގައެވެ.

1970 ގެ އަހަރުތައް ފެށުނު ދުވަަސްވަރަކީ ދިވެހިރާއްޖޭގައި ގައުމީ ޝިޕިންގ ލައިނެއް ފެށިގެން ހިގާގަތް ދުވަސްވަރެވެ. މި ދެންނެވީ އޭގެ ކުރީގައި ދެތިން ބޯޓެއް ނެތް ވާހައެއްނޫނެވެ. އެދުވަސްވަރު ދިވެހިންގެ ބޯޓުފަހަރުގައި އޮފިސަރުންނާއި އިންޖިނޭރުންގެ މަގާމުތަކުގައިތިބީ މުޅިންވެސް ބިދޭސީންނެވެ. ފަޅުވެރިންގެ ގޮތުގައި ކޮންމެވެސް ވަރަކަށް ދިވެހިން ވަޒީފާއަދާކުރަމުންގެންދިޔައެވެ. އިންޖީނުގެ ފަޅުވެރިންގެ ވަޒީފާތަކުގައި މުޅިންވެސް ބަންގާޅީންނެވެ. ދިވެހިރާއްޖޭގެ ބޯޓުފަހަރު ގިނަ ވާންފެށުމުން 1970 ގެ ކުރީކޮޅުންފެށިގެން ފަޅުވެރިންގެގޮތުގައި ދިވެހިންނަށް ފުރުސަތު ހުޅުވިގެން ދިޔައެވެ. އެދުވަސްވަރަކީ ބޯޓުދަތުރުމުގެ ބައިނަލްއަގްވާމީ މިންގަނޑުތަކެއް އެކުލަވާލެވިފައިއޮތް ޒަމާނަކަށްނުވާތީ ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ބޯޓުފަހަރު ދުއްވުމާއި ވަޒީފާއަދާކުރާމީހުންނަށް އޮންނަނީ ތަމްރީނުކުރުމުގެ އަމިއްލަ މިންގަނޑެކެވެ. އެގޮތުން ބޯޓުދަތުރުކުރަންދާ ފަޅުވެރިން ރާއްޖޭގައި ތަމްރީނުކުރެވެނީ އެމީހަގެ ކޮނޑަށް ލެވޭ ހަނޑޫ ބަސްތާ ހިފައިގެންގޮސް ކާޑުގުދަނުގައި އެ ބަސްތާ ޖައްސަންޖެހޭ ތަނެއްގައި ބޭއްވުމެވެ. އެހިސާބުން އޭނާ ދަތުރުކުރަން ދިއުމުގެ ޝަރުތު ފުރިހަމަވީއެވެ.

ބޯޓުދަތުރުކުރާމީހުން ތަމްރީންކުރުމާބެހޭ ބައިނަލް އަގްވާމީ މިންގަނޑުތަކެއް ކަނޑައެޅި ފާސްކުރެވުނީ 1978 ގައެވެ. އޭގެ ފަހުން އެ މިންގަނޑަށް ބޯޓުދަތުރުކުރާމީހުން ތަމްރީނު ކުރުން ތަންފީޒުވެގެން ދާންފަށައިފިއެވެ. ނަތީޖާއެއްގެގޮތުން ދިވެހިރާއްޖެއިންވެސް 1983 ހިސާބުގައި އެ ގަވައިދު ބަލާގަނެފިއެވެ. އަދި އެ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ބޯޓުދަތުރުކުރާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިގަތެވެ. އެންމެ ފުރަތަމަ ފަށައިގަތީ ފަޅުވެރިން ތަމްރީނުކުރުމަށެވެ.

ބޯޓުދަތުރުކުރުމުގެ ކަންތައް މިހާހިސާބަށްދިޔައިރު ދިވެހިރާއްޖޭގެ ބޯޓުފަހަރުގައި ފަޅުވެރިންގެ ވަޒީފައި މުޅިންހެންތިބީ ދިވެހިންނެވެ. ބޯޓުފަހަރުގައި ގިނައަހަރުތަކެއްގައި މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިހުރުމާއެކު ބައިނަލް އަގްވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑަށް ދިވެހިންތަމްރީނުކުރުމަކީ އުދަނގޫކަމަކަށްނުވިއެވެ. އަދި ދިވެހިންގެ ބޯޓުފަހަރުގައި އޮފިސަރުންގެ މަގާމުގައިތިބި ބިދޭސީންނަށް ފެނުނީ ދިވެހިންގެ މަސައްކަތްކުރުމުގެ ގޮތްގަނޑާއި އިޚްލާސްތެރިކަން އެމީހުން މަސައްކަތްކުރި އެހެންގައުމުތަކުގެ މީހުންނަށްވުރެން މާރަނގަޅުކަމުގައެވެ. މިހެންކަމުން ބޭރުގައުމުތަކުގެ ބޯޓުފަހަރުން ދިވެހި ފަޅުވެރިންނަށް ގިނަފުރުސަތުތަކެއް ހުޅުވިގެން ހިގައްޖެއެވެ. ނަތީޖާއެއްގެގޮތުން ދިވެހިބޯޓުފަހަރުގެ އިތުރުން ބޭރު ގައުމުތަކުގެ ބޯޓުފަހަރުގައިވެސް ދިވެހިން މަސައްކަތްކުރަން ފަށައިގަތެވެ. ކުޑަދުވަސްކޮޅެއްގެތެރޭގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ދިވެހިފަޅުވެރިންނަށް މަޝްހޫރުކަން ލިބިއްޖެއެވެ.

1980 ކެ ކުރީކޮޅަށް އައި އިރު ދިވެހިރާއްޖޭގެ ބޯޓުފަހުރައިވެސް ދިވެހިން އޮފިސަރުންގެ މަގާމުތައް ފުރަންފަށައިފިއެވެ. އަދި ފަހުން ބައިނަލްއަގްވާމީ މުޢާހަދާގެފެންވަރަށްވެސް ދިވެހިން ތަމްރީނުވާންފަށައިފިއެވެ. ބޯޓުދަތުރުކުރުމަކީ ރަނގޅު އާމްދަނީއެއްލިބޭ އަދި ވަޒީފާގެ ފުރުސަތުވެސް ހުޅުވިފާ އޮތް ދާއިރާއެއްކަމުން ވަރަށްގިނަ ދިވެހިން ބޯޓުދަތުރުކުރުމުގެ ވަޒީފާ ޚިޔާރުކުރަންފެށިއެވެ.

1990 ވަނައަހަރަށް އަޅާގަތްއިރު ދިވެހި ބޯޓުފަހަރުގެ އިތުރުން ބޭރުގެ އެތައް ގައުމެއްގެ ބޯޓުފަހަރުގައި ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުންގެންދިޔައެވެ. ޓްރާންސްޕޯރޓްމިނިސްޓްރީގެ ތަފާސްހިސާބުތަކުން ދެއްކިގޮތުގައި 1990 ގެ ކުރީކޮޅުގެ އަހަރުތަކަށް ފެށިގެންއައިއިރު ގާތްގަނޑަކަށް 3500 ދިވެހިން ބޯޓުފަހަރުގައި ވަޒީފާއަދާކުރަމުން ގެންދިޔައެވެ. އަދި އެމީހުންގެ މުސާރައަށް އަހަރަކު ވިއްސަކަށް މިލިއަން ޑޮލަރ ލިބެމުންދިޔައެެވެ. ބީސީސީއައި ގެ މައްސަލައާގުޅިގެން ބައެއްބޯޓުފަހަރު ހުއްޓުމަކަށް އައެވެ. އެހެންކަމުން އެކުންފުނިތަކުގެ ބޯޓުފަހަރުގައި މަސައްކަތްކުރަމުން ގެންދިޔަ ދިވެހިންގެ ވަޒީފާއަށް ކޮނެމެވެސް ވަރެއްގެ ވަގުތީ ހީނަރުކަމެއް ލިބުނެވެ.

ދިވެހި ސީމޭނުންގެ އަދަދާއި ލިބެމުންދިޔަ މުސާރަ އޭރުގެ ރައީސް މައުމޫނަށް އެނގިވަޑައިގަތުމާއެކު ދިވެހި ސީމޭނުން ތަމްރީނުކުރާނެ މަރުކަޒެއް ގާއިމުކުރުމަށްޓަކައި ވިލިނގިލިން ސަރުކާރުގެ ބިމެއް ދެއްވިއެވެ. ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން އޭރުގެ ވަޒީރު އަހްމަދު ޒާހިރު ކުރެއްވީ ވަރަށްފުރިހަމައަށެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެބިމުގައި ސީމެނުން ތަމްރީނުކުރާނެ އިމާރާތެއް ހައްދަވައި އޭގެކުރިން މާލޭގެ އަމިއްލަ މީސްމީހުންގެ ގެއިން ތަންކޮޅެއް ކުއްޔަށްހިފައިގެން ކުރިޔަށް ގެންދިޔަ ތަމްރީނުތައް ވިލިނގިލީ މަރުކަޒަށްބަދަލުކުރައްވައި ތަމްރީންޕްރޮގްރާމްތައް މެކުހަށް ޖެއްސެވިއެވެ. އެދުވަސްވަރު ބޯޓުފަހަރުން ޗުއްޓީއަށް އަންނަ އޮފިސަރުންނާއި އިންޖިނޭރުން ބޭނުން ކުރައްވައިގެންނެވެ. މިބުނެވުނު އޮފިސަރުންނާއި އިންޖިނޭރުންވެސް އެކަމަށް ވަގުތުހުސްކޮށްދެއްވަމުންގެންދެވީ އަމިއްލަ ކަމަކަށްވެސް ވަގުތުނުދެއްވާފަދައިންނެވެ. އަދި އެއިން އެއްވެސް ބޭފުޅަކު އުޖޫރައެއް ގަބޫލުފުޅު ނުކުރައްވައެވެ. އެބޭފުޅުންނަށް އިންތިހާގެ ޝުކުރާއި ތަޢުރީފް ޙައްގެވެ. ދިވެހި ސީމޭނުންގެ ނަސީބު ރަނގަޅުކަމުން 1990 އިން 2000 ވަނައަހަރާ ހަމަޔަށް އެ މިނިސްޓްރީގެ ވަޒީރުކަންކުރެއްވީވެސް ދިވެހިރާއްޖޭގައި ހިންގުންތެރިކަމުގެގޮތުން ފާހަގަކުރެވޭ ތިން ވަޒީރެކެވެ. އެބޭފުޅުންގެ ހިންގުންތެރިކަމަށް ސާބަސްދެމުން 1998 ވަނައަހަރު ސެޕްޓެމްބަރމަހު ފާހަގަކުރެވުނު މެރިޓައިމްޑޭ ގެ އިޙްތިފާލުގައި އޭރު ދިވެހިރާއްޖޭގެ ދިދަނެގި އެއްވެސް ބޯޓެއްގެ އެއްވެސް މަގާމެއްގައި ބިދޭސީއަކު ނެތްކަމުގައި ރައީސް މައުމޫނަށް ދެންނެވުނެވެ. އަދި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ޑެޑްލައިން 1999 ވަނައަހަރު ޖުލައިމަހުގެ 31 ވަނަދުވަހުގެކުރިން ޝަރުތުތަކަކާއެކުގައި ނަމަވެސް އެ ޖަމްޢިއްޔާގެ ވައިޓްލިސްޓްގައި ދިވެހިރާއްޖެ ހިމެނުނެވެ. އެ ޝަރުތުތައް ފުރިހަމަކުރަން 5 އަހަރުދުވަހުގެ މުއްދަތެއް ލިބުނެވެ. އެހެނަސް ދެންވީ ހިކެނެއްތޯއެވެ ؟ މިހާރުގެ ޙާލަތިކީ ކޮބާހެއްޔެވެ ؟ ވައިޓްލިސްޓް ކިޔާއެއްޗެއް އޮތްކަންވެސް އެނގޭ ހެއްޔެވެ ؟ ތައްޔާރުކުރަންޖެހެނީ ކޮންއެއްޗެއްކަން އެނގެނީ ކާކަށް ހެއްޔެވެ ؟ ތައްޔާރު ނުކުރީމާ ވާނީ ކިއެއްހެއްޔެވެ ؟ ކިތައް ދިވެހިން ބޯޓުފަހަރުގައި މިހާރު މަސައްކަތް ކުރޭ ހެއްޔެވެ ؟

ކުރަންހުރީ ހުސް ސުވާލެވެ. 20 އަހަރު ފާއިތުވެގެންދިޔައިރު ދިވެހި ސީމޭނުންގެ ވަޒީފާ ގެއްލިގެން ދިޔައީ ކީއްވެގެންކަން ކިހާވަރަކަށްކަން ފާހަގަ ކުރެވިފާ އެބައޮތް ހެއްޔެވެ. އެހެންކަމަށްވާނަމަ މިއަދު ތިބި ދިވެހި ސީމޭނުންގެ އަދަދު ކަނާތުގެ ފަސްއިނގިލިން ގުނާލެވޭވަރަށް މަދުވީ ސަބަބަކީ ކޮބައިކަން ދެނެގަނެވިފައި އޮތީ ކިހާވަރަކަށް ހެއްޔެވެ. މި ސުވާލުތަކުގެ ޖަވާބަކަށް ކޮންމެ ސީމޭނަކުވެސް އިންތިޒާރުކުރާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ މިސަރުކާރުން އަލުން އުފައްދަވައި އޮނަރަބްލް ގާސިމް އިބްރާހިމަށް ދެއްވައި ކަމެއްކުރާން ނުޖެހޭ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިކަހަލައެވެ. މިއަދު މިވަނީ ޑްރައިވިން ލައިސަން ގަނޑެއްވެސް ލިބިދެވޭ ވަރުގެ ހަކަތަނެއް ބޮޑު މިނިސްޓްރީއަކަށް އެތަންވެފައެވެ.

 

Loading

One Response

  1. ދިވެހިރާއްޖެއަށް ޑިމޮކްރެސީ ގެނައުމުގެ މަސައްކަތް ފެށުނުފަހުން އެހެންކޮންމެކަމަކަށް ދެވުނުތަން ފެނުނީ ކޮންމެވެސް ވަރެއްގެ ބީރުކަންފަތެކެވެ. އެތައް ދިވެހިންނެއް މަސައްކަތްކުރަމުންދިޔަ ބޯޓުދަތުރުކުރުންވެސް ފެނުނީ ބޮޏޑުނަގުލަށް ވެގެން ދިޔަތަނެވެ. ދޭތެރެއަކުން ކަމާބެހޭ މިނިސްޓްރީ ނެތިގެންވެސް ދިޔަތަންފެނުނެވެ. އަދި އެއޮއްބޮޑު ޝިޕިންގ ލައިންވެސް ނިމިގެންދިޔައީ އެވެ. އަލުންފަށާގަންނަން ބައިވަރު މަސައްކަތްތައް ކުރަން އެބަހުްޓެވެ. މިހާރުގެ މިނިސްޓަރ ވިދާޅުވެފައި އެވަނީ ސީމޭނުންގެ ހައްގުގައި އެކަމަނާ ފަސްޖެހިވަޑައިނުގަންނަވާނެކަމަށްތާއެވެ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް