ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަގާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
ޕީޖީ އޮފީހުން ބުނަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ.
ޕީޖީ އޮފީހުން އިއުތިރާޒުކުރުމުން ވެސް މައްސަލަ ބައްވަލާ ގާޒީ ހަސަން ސައީދު ވަނީ އޮންލައިންކޮށް އެ ޝަރީއަތް ކުރިއަށްގެންދަން ނިންމާފަ އެވެ. އަލީ ވަހީދަށް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމާފައިވަނީ އިސްގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދު މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.
އޭގެ ފަހުން އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެދި ހުއްދައަށް އެދިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް މިދިޔަ ފެބްރުއަރީ މަހު ދޫކުރީ ޕީޖީ އޮފީހުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫނުކޮށް ޓްރެވެލް ޑޮކިއުމެންޓްއެއްގެ ދަށުން އަލީ ވަހީދު ފުރަން ހުއްދަ ދިނުމަށް ކޯޓުގައި އެދިފައި ވަނިކޮށެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ހަތަރު މަސް ފަހުން އޭނާ ރާއްޖެ ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވައި، ޖާމިނު އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވުމުންނެވެ.
މި މަހުގެ ނުވަ ވަނަ ދުވަހަށް އެ މުއްދަތު ވަނީ ހަމަވަނީ ހަމަވެފައެވެ.
އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.
މިހާރު ދައުލަތުން އަނެއްކާވެސް ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދިފަ އެވެ.
One Response
މުޅޯ!! އެގެން އުނދަގޫ ކުރި ކުދިންތައްވެސް ދެން ކުރެވޭނެ އިތުރު ކަމެއްނެތިފަ. އެތަނުން ދެކުދިން މިހާރު ބޭނުންވަނީ މުޅޯ ދޭންބުނާ އަދައު ނަގައިފަ ދެން އެމައްސަލަތަކައިގެން ކުރިއަށް ނުދާށޯ. އަސްލު އެއީ ގުޑް އައިޑިއާއެއް. އޭރުން ކޮންމެވެސް މަންފާއެއް ވެއްޖެތާއެވެ.