އިއްފަތް ފޭރުން އާންމު ވެއްޖެ ނަމަ، އެކަމުގެ ހައްލަކީ، ގާނޫނީ ގޮތުން އެކަން ހުއްދަ ކުރުން ހެއްޔެވެ؟

171
News

މިހާރުގެ އެންމެ ހޫނު ޚަބަރަކީ ބިދޭސީން ދޭސީންނަށް ހެދުމުގެ ވާހަކައެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބޭރު، ބިދޭސީން، ދިވެހި ދޭސީ ރައްޔިތުންނަށް ހެދުމުގެ ވާހަކައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް އެޅުވުމުގެ ހައްލަކީ އެމީހުންނަކީ ތަނުގެ މުވާތިނުންކަމުގައި ހަދައި ދިވެހިރާއްޖޭގެ މީހުންނަށް ހެދުމެވެ. މިކަން ކުރެވޭނީ ފާސްކުރެވޭ އާ ގާނޫނެއްގެ ދަށުންނެވެ. މިއީ ގައުމީ މުހިއްމު މައްސަލައަކަށް ވިޔަސް، މިކަން ކުރަން ޖެހިއްޖެކަން އިއުލާނުކުރެއްވީ ގައުމުގެ ރައީސެއް ނޫނެވެ. ގައުމުގެ މަހާރާޖާއެވެ. އާދެ، ވެރިންގެ ވެރިޔާއެވެ. ހުރިހާ ރައީސުންގެ ރައީސެވެ. ހުރިހާ ބާރުތަކެއްހެން، އެ ބޭކަލެއްގެ އަތް ދަށުގައި އޮންނަ ކަމަށް ބެލެވޭ ގައުމުގެ މަހާރާޖާއެވެ.

އިއްޒަތްތެރި މަހާ ރާޖާ ދެކިލައްވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އެންމެ ރަނގަޅު ހައްލަކީ އެމީހުންނަށް ދިވެހި ރަށްވެހިންކަމުގައި ހެދުމެވެ. ދިވެހި ދައުލަތުން ރިއާޔަތް ލިބެން ޖެހޭ ދިވެހި ރައްޔިތުންނަށް ވުމެވެ. ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހައްގުތައް ލިބިދީފައިވާ މުވާތިނުންނަށް އެމީހުން ހެދުމެވެ. މިކަން ތަބުރީރުކުރެއްވުމުގެ ގޮތުން، މިކަމަކީ އޮތް އެންމެ ރަނގަޅު ހައްލުކަމުގައި ދެއްކެވުމުގެ ގޮތުން، ވެސް ދެތިން ކަމެއް، މަހާރާޖާ ފާހަގަކުރެއްވިއެވެ. އެމީހުން އަތުގައި، އެމީހުންނަކީ ކޮންބައެއްކަން އަންގައިދޭ ލިޔެކިޔުން ނެތުމެވެ. އާދެ، ޕާސްޕޯޓާއި އައި.ޑީ. ފަދަ ލިޔެކިޔުމެވެ. އެހެންވެ، އެމީހުންގެ އެމްބަސީއިން އެމީހުންނާ ހަވާލުވެވެން ނެތުމެވެ. އެމީހުންގެ ނުރުހުމުގައި، ބާރުގެ ބޭނުންކޮށްގެން، ގަދަކަމުން، އެމީހުން ފޮނުވާލުމަކީ އިންސާނީ ހައްގުތަކާ ޚިލާފު އަމަލަކަށް ވުމެވެ. ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ކަންތައްކުރާ ގޮތަކީމީ ކަމަށްވެސް ދައުވާ ކުރެއްވުމެވެ. މިސަބަބުތަކައްޓަކައި، މި މައްސަލައިގެ ހައްލަކީ އެމީހުންނަށް ރާއްޖޭގައި، ގާނޫނީ ސިފަ ލިބިގެން ތިބެވޭގޮތް ހެދުންކަން، މަހާރާޖާ ވިދާޅުވިއެވެ. އާދެ، މައްސަލައިގެ ހައްލަކީ އެމީހުން ދިވެހި ރައްޔިތުންކަމުގައި ހެދުމެވެ. ސުއާލަކީ މިއީ ހަމަ މިކަމުގެ ހައްލު ހެއްޔެވެ؟

މިއީ މިކަމުގެ ހައްލުތޯ ބަލާލަން ކޮށްލަން ޖެހޭ ސުއާލެއް އެބައޮތެވެ. މިފަދައިން، ގިނަ އަދަދެއްގެ މީހުން ދިވެހި ރައްޔިތުންނަށް ހެދުމުގެ މާލީ ގާބިލުކަން، ދިވެހި ދައުލަތަށް ލިބިގެންވޭ ހެއްޔެވެ؟ މިކަން ކުރުމުގެ ފައިސާގެ ދިވެހި ދައުލަތަށް ލިބިގެންވޭ ހެއްޔެވެ؟ ކުރީ ސުއާލުގެ ޖަވާބު ހޯދުމައްޓަކައި މިސުއާލުގެ ޖަވާބު ލިބޭތޯ ބަލާލަމާ ހެއްޔެވެ؟

އެންމެ ފުރަތަމަ، ދޭސީންނަށް ހަދާލަން ބޭނުންވާ މީހުންގެ އަދަދަށް ބަލާލަމާ ހެއްޔެވެ؟ މިއަދަދުގެ ބަރާބަރު ހިސާބު ލިބޭ ގޮތެއް އަދި ނުވެއެވެ. ނަމަވެސް، ދައުރުވަމުންދާ ޚަބަރުތަކަށް ބަލާލާއިރު، ގަވާއިދާ ޚިލާފަށް، މަދުވެގެން، 70 ހާސް ބިދޭސީން ރާއްޖޭގައި އުޅޭކަމަށް ބެލެވެއެވެ. ގިނަވެގެން، މިއަދަދު، އެއްލަކައަށް ވުރެ މައްޗަށް އަރާކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން، މިފަދަ މީހުންނަށް މި ދޮރު ހުޅުވާލައިފި ނަމަ، ގަވާއިދުގެ ދަށުން އުޅޭ ބިދޭސީން ވެސް، މި އަދަދުތަކުގެ ތެރެއަށް އިތުރުވުމުގެ އެކަށޭނަކަން އެބަ އޮތެވެ. އެފަދަ މީހުންވެސް، ތިމަންމެން އަތަކު، ތިމަންމެންމީ ކޮން ބަޔެއްކަން އަންގައިދޭ ލިޔެކިޔުމެއް ނެތޭ ބުނުމުން، އެމީހުން ވެސް، ދިވެހި ދޭސީންނަށް ވުމުގެ ހައްގު ލިބުނީއެވެ. ކޮންމެ އަކަސް، އެންމެ ކުޑަ އަދަދު ކަމުގައިވާ 70 ހާހުގެ މައްޗަށް ބަލައި، މިމީހުން ދިވެހި ދޭސީންނަށް ހަދާލުމުގައި ހިނގާނޭ ޚަރަދުތަކަށް ބަލާލަމާ ހެއްޔެވެ؟

70 ހާސް މީހުން ރައްޔިތުންނަން ހެދުމުން، އެމީހުންނަށް ދިރި އުޅެވޭނޭ ގޮތްވެސް ހޯދައިދޭން ޖެހެއެވެ. އެމީހުން، އަނބި ފިރިންނަށް ވެސް ބޭނުންވާނެ ނޫން ހެއްޔެވެ؟ ހީވާ ގޮތުގައި، މީގެ ތެރެއިން ގިނަ ބަޔަކު ތިބީ، އެމީހުންގެ އަނބިން ނުވަތަ ފިރިން ތިބި ނަމަ، އެމީހުންނާ ވަކިންނެވެ. އެމީހުން ދިވެހި ރައްޔިތުންނަށް ވުމުން، އެމީހުންގެ ހަޔާތުގެ ބައިވެރިން ތިބި ނަމަ، އެމީހުންގެ ކައިރިއަށް، އެބަޔަކު ތިބި ތާކުން، ގެންނަން ޖެހޭނެ ނޫން ހެއްޔެވެ؟ އެވެސް ވާނީ އެމީހުންގެ ހައްގަކަށް ނޫން ހެއްޔެވެ؟ މިސާލަކަށް ދިވެއްސަކު ބޭރު މީހަކާ ކައިވެނީގެ ގޮތުން ގުޅިއްޖެ ނަމަ، ބޭރު މީހާއަށް ރާއްޖޭގައި އުޅުމުގެ ހުއްދަ ލިބޭ ނޫން ހެއްޔެވެ؟ އެހެންވެ، މި 70 ހާސް މީހުން، ދިވެހި ރައްޔިތުންނަށް ވުމުން، އެ ރައްޔިތުންނަށް ވެސް އެ އެމީހުންގެ އަނބި ފިރިންނާ ދަރިން ވެސް ރާއްޖެ ގެނެސް، އަދި އެމީހުންނަށް ވެސް، ދިވެހި ރައްޔތުންނަށް ވުމުގެ ހައްގު ލިބިދޭން ޖެހޭނެ ނޫން ހެއްޔެވެ؟ މީގެ މާނައަކީ 70 ހާހުގެ އަދަދު، މަދުވެގެން، ލައްކައަށް ވުރެ މައްޗަށް އަރައިގެން ދިޔުމެވެ. އަދި، ގަވާއިދާޚިލާފަށް އުޅޭ މީހުންގެ އަދަދަކީ ހަގިގަތުގައި، ލައްކަ ކަމަށް ބެލެވިއްޖެ ނަމަ، މަދުވެގެން ދޮޅު ލައްކަ މީހުން، ދިވެހި ރައްޔިތުންނަށް ހަދާލާން ޖެހުމެވެ. އޭދެ، މިހާރުގެ ރާއްޖޭގެ އާބާދީގެ ފަސްލައްކައަށް، އޭގެ ފަސްބައި ކުޅަ އެއްބައި، ގާނޫނެއްގެ ސަބަބުން، އެއްދުވަހުން ކަހަލަ ގޮތަކަށް، އިތުރުވެގެންދާނެއެވެ.

ދެންތޯއެވެ؟ މިއެންމެންނަށް ގެދޮރު ހޯދައި ދޭން ޖެހޭނެ ނޫން ހެއްޔެވެ؟ މިހާރު ވެސް ރާއްޖޭގައި ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުގެ މައްސަލައެވެ. އެއްލަކަ ނުވަތަ އެއަށް ވުރެ ވެސް ގިނަ އާއިލާ އިތުރުކޮށްލެވުމުން، މި މައްސަލަ އިތުރަށް ބޮޑުވެގެން ދާނެއެވެ. ވިއްސަކަށް ހާސް މީހުންނަށް ގެދޮރުގެ ކަންތައް ހަމަ ނުޖެއްސިގެން އުޅޭއިރު، އިތުރު ލައްކައެއްހާ މީހުންނަށް ގޯތި ގެދޮރު ހޯދައި ދޭނީ ކިހިނެއް ހެއްޔެވެ؟ އެމީހުން އުޅެން އޮންނާނީ ޕާކުތަކާއި މަގުތަކާއި އަދި ޖަންގަލި އޮތް ރަށްރަށުގެ ޖަންގަލިތަކުގައި ހެއްޔެވެ؟

އަދި ވެސް، އެހެން މައްސަލައެކެވެ. މިއާލާތަކުގައި ވެސް ކުދިން ތިބޭނެތާއެވެ. އެއްލަކަ އާއިލާގައި މަދުވެގެން ކިތައް ކުދިން ތިބެދާނެ ހެއްޔެވެ؟ މަދުވެގެން، އަށްޑިހަހާސް ކުދިން ތިބޭނެކަމަށް ބެލެވެއެވެ. މިހުރިހާ ކުދިންނަށް ކިޔެވުމުގެ ފުރުސަތުވެސް ލިބެން ޖެހޭނެ ނޫން ހެއްޔެވެ؟ އަޅުގަނޑުމެންގެ އިސްކޫލުތަކުގައި މި އަދަދަށް ކުދިން ބަލައިގަނެ، އެކުދިންނަށް ކިޔަވައިދޭނޭ ފުރުސަތު ދިނުމުގެ އެކަށޭނަކަން އެބަ އޮތް ހެއްޔެވެ؟ މީގެ މާނައަކީ އަޅުގަނޑުމެންގެ އިސްކޫލުތަކުގައި އެކުދިންނަށް ޖާގަދީ ކިޔަވައިދޭނެ ޓީޗަރުން އެބަ ތިބި ހެއްޔެވެ؟ ދިވެހި ބަހަކީ ގައުމީ ބަސް ކަމަށް ވެފައި އޮވެއްޖެ ނަމަ، އާރައްޔަތިންނަށާއި އެމީހުންގެ އަނބި ފިރިންނަށާއި އެމީހުންގެ ކުދިންނަށް ވެސް ދިވެހި ވެސް ކިޔަވައިދޭން ޖެހޭނެތާއެވެ. މީގެ އިތުރުން، އެކުދިންގެ މައިންބަފައިން އެދެފި ނަމަ، އެމީހުންގެ އަމިއްލަ ބަސްވެސް އެކުދިންނަށް ކިޔެވުމުގެ ފުރުސަތު، ދެވެން ޖެހި، އެކަން ކުރުމުގެ އެކަށޭނަކަން ވެސް އަޅުގަނޑުމެންގެ އިސްކޫލުތަކަށް ލިބިފައި އޮންނަން ޖެހެއެވެ. ޝައްކެއްނެތް ގޮތުގައި ބޮޑެތި ބޮޑެތި ޚަރަދުތައް ހިނގާނޭ ކަންކަމެކެވެ.

އިންސަނީ ތަބީއަތު، ގިނަ ފަހަރު، ނިޔާކުރަނީ އިންސާނުން ދީނަކަށް ވެސް އުޅުމެވެ. އެހެންވީމާ، ދިވެހި ރައްޔިތުން ކަމަށް ހަދަން ބޭނުންވާ މި ލައްކަ އެއްހާ މީހުންގެ ތެރެއިން ގިނަ މީހުންގެ ދީނެއް ވެސް އޮންނާނެ ކަމަށް ލަފާކުރެވެއެވެ. މި އެންމެނަކީ މުސްލިމުންނަށް ނުވެ ވެސް ހިނގައިދާނެއެވެ. މީގެ މާނައަކީ އެމީހުންގެ ތެރޭގައި ހިންދީންނާއި ބުޑިސްޓުންނާއި ނަސާރާ ދީނުގެ މީހުންނާއި އަދި މިނޫން ދީނުގެ މީހުން ވެސް ތިބުމުގެ އެކަށޭނަކަން އޮތުމެވެ. އެހެން ވެއްޖެ ނަމަ، ރާއްޖޭގައި އެމީހުންގެ ދީނީ ހައްގު ފުރިހަމަ ކުރެވޭނޭ ގޮތްތައް ހަމަޖެއްސިފައި އޮންނަން ޖެހޭނެތާއެވެ؟ އެހެން ރައްޔިތުންނަށް މިސްކިތްތައް އަޅާދޭ ފަދައިން، އެމީހުން އަޅުކަން ކުރަން ބޭނުންވާ ތަންތަން، ދިވެހި ދައުލަތުން އަޅައި ދޭން ޖެހޭނެ ނޫން ހެއްޔެވެ؟ އަނެއްކާވެސް އިތުރު ޚަރަދެކެވެ. އަދި، މިކަމުގައި ކުރިމަތިވެދާނޭ އިޖުތިމާއީ ހަމަ ނުޖެހުންތައް ހަމަޖައްސަން އިތުރު ޚަރަދު ކުރަން ޖެހޭނެކަމަށް ވެސް ފެނެއެވެ. އެކި ދީންތަކުގެ ފައްޅި އެޅުން، އެހެން މީހުން ގަބޫލުކުރުވަން ހިންގަން ޖެހޭ ޕުރޮގްރާމުތަކަށް ކުރަން ޖެހޭ ޚަރަދުތަކެވެ.

މިހުރިހާ ޚަރަދުތަކުގެ އިތުރުން، އާބާދީއަށް އިތުރުވާ ލައްކައެއްހާ އިތުރު ރައްޔިތުންނަށް، އެހެން ރައްޔިތުންނެކޭ އެއްފަދައިން، ސިއްހީ ޚިދުމަތްތައް ވެސް ފޯރުކޮށްދޭން ޖެހޭނެތާއެވެ. މީގެ މާނައަކީ ސިއްހީ އިންޝުއަރެންސު ޕުރޮގުރާމެއް، އެހެން ރައްޔިތުންނަށް ލިބެން އޮތް ނަމަ، އެކަން ވެސް އަލަށް ރައްޔިތުންނާވާ ލައްކައެއްހާ މީހުންނަށް ވެސް ލިބިދޭން ޖެހޭނެކަމެވެ. އާދެ، އަނެއްކާވެސް އިތުރު ޚަރަދެވެ.

އަދިވެސް، މީގެ އިތުރުން، އެމީހުން، ރައްޔިތުންނަށް ވުމުން، ފުރިހަމަ ރައްޔިތުންގެ ގޮތުގައި ދިވެހި ވަޒީފާގެ ބާޒާރަށް ނިކުތުމުގެ ހައްގު އެމީހުންނަށް ލިބިދޭންޖެހެއެވެ. މީގެ މާނައަކީ، ކޮންމެ ވަޒީފާއަކީ ވެސް، އެކަމުގެ ގާބިލުކަން ހުރި ނަމަ، އެމީހުންނަށް ވެސް ލިބޭ ގޮތަށް އޮންނަން ޖެހޭނޭ ވަޒީފާއެކެވެ.  އެމީހުންގެ މުސާރައާއި އަދި އިނާޔަތްތައް ވެސް އެހެން އެންމެންނެކޭ އެއްގޮތަށް ހަމަ ޖެހިފައި އޮންނަން ޖެހޭނެއެވެ. ޝައްކެއްނެތް ގޮތުގައި އަނެއްކާވެސް ކުރަންޖެހޭނޭ އިތުރު ޚަރަދެވެ. އަދި، އާންމުންނަށް، މިހާރު، ވަޒީފާ ލިބުން ދަތިވެފައި އޮތްވަރަށް ވުރެ ވެސް ބޮޑަށް، އެ ދަތިކަން، ހަމަ ގައިމުވެސް، އިތުރުވެގެންދާނެއެވެ. ދެގުނައަށް ނުވަތަ ތިން ގުނުއަށް ބޮޑުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިނަންގަތް ކަންކަމުގެ އިތުރުން ވެސް ޚަރަދުތައް ހުރެދާނެއެވެ. ނަމަވެސް، މި ނަންގަތް ކަންކަމުގެ ހަރަދުތަކަށް ވިސްނާލަނިކޮށް މިވަގުތު ޖަވާބު ހޯދަން ބޭނުން ސުއާލުގެ ޖަވާބު ހޯދަން ފަސޭހަވާނެއެވެ. އާދެ، ލައްކައެއްހާ ބިދޭސީން ރާއްޖޭގެ ރައްޔިތުންނަށް ހެދުމުން، ރާއްޖޭގައި އެމީހުން ވަޒަންވެރިކުރުވަން ހިނގާނޭ ޚަރަދުތަކެވެ. އެމީހުންނަށް ގޯތި ގެދޮރު ހޯދައިދުނުމުގެ ޚަރަދެވެ. އެމީހުންނަށް ދީނީ، ތައުލީމީ، ސިއްހީ އަދި ވަޒީފީ ޚިދުމަތްތައް ދިނުމަށްޓަކައި ކުރަންޖެހޭނޭ ޚަރަދުތަކެވެ. މިޚަރަދު ތަކުގެ އަގު އެތަކެއް ސަތޭކަ މިލިޔަނަށް އަރާނޭ ކަމީ ވަރަށް ވެސް ގާތް ކަމެކެވެ. ތަނުގެ ރައްޔިތުންގެ ގޯތި ގެދޮރު މައްސަލަ ހައްލު ނުކޮށް، ތަނުގެ ތައުލީމީ، ސިއްހީ އަދި ވަޒީފީ މައްސަލަތައް ހައްލު ނުކޮން، ތަނުގެ ތަރައްގީއަށް ޚަރަދުކުރާނޭ ފައިސާ ނެތްކަމުގައި ސަރުކާރުގެ ރަސްމީ ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މަދުރަސީ ހެނދުނު ނާސްތާ ޕުރޮގުރާމެއް ހިންގާލާނޭ ފައިސާ ނެތް އިރު، ތަނުގެ އާބާދީއަށް ލައްކައެއްހާ މީހުން އިތުރުކޮށްލައި އެކަމަށް ކުރަންޖެހޭނޭ ޚަރަދުތައް ކުރުމުގެ އެކަށޭނަކަން، ދިވެހި ދައުލަތަށް ލިބިފައި އޮންނާނޭ ބުނެވިދާނޭ ހެއްޔެވެ؟ ދުނިޔޭގައި ކުރިއަރައި، އަދި މާލީ ތަނަވަސްކަން، ރާއްޖެއަށް ވުރެ، އެތައް ގުނައަށް އިތުރު، ޔޫރަޕު ނޫނީ ޔޫ.އެސް. ނޫނީ އޮސްޓުރޭލިޔާ ނޫނީ ނިޔޫޒީލަންޑު ފަދަ ގައުމުތަކުންވެސް، ގަވާއިދާ ޚިލާފަށް އެތަންތަނުގައި ބަޔަކު އުޅޭ ނަމަ، އެފަދަ މީހުން ވަޒަންވެރިކުރުމަށް އެ ގައުމުތަކުގެ ބަޖެޓު ތަނެއް ނުދޭނެއެވެ. މިސާލަކަށް، ކަޑުމަގުން، ބޯޓު ފަހަރުގައި، ގަވާއިދާ ޚިލާފަށް އޮސްޓުރޭލިޔާއަށް އަންނަ މީހުން، ބައިތިއްބަނީ ކައިރީ އެހެން ގައުމުތަކުގައެވެ. އެފަދަ މީހުން އެ ގައުމުތަކުގައި އެތައް އަހަރުތަކެއް، ހޭދަކުރާއިރު ވެސް، ތަނުގެ ރަށްވެހިންނަކަށް ނުވެވެއެވެ. އެމީހުންނަށް ދޭންޖެހޭ ތައުލީމީ، ވަޒީފީ ޚިދުމަތެއް އޮންނަކަމަށް ނުވެއެވެ. އެމީހުން ތިބެނީ ޖަލު ބަންދެއްގައި ތިބޭ ފަދައިން ބޭރު ގައުމެއްގައި ބަންދުވެފައިވާ ކަހަލަ ގޮތަކަށެވެ.

މިނަންގަތް ކަންކަމުގެ މައްޗަށް ބަލާލައި، ޕާޓީގެ ކުލަތަކުންނާއި މަސްއައިނުގެ ވިސްނުމުން (ލީޑަރު ބުނީމާ، މަސް އައިން ހަރަކާތްކުރާ ގޮތަށް، އަމިއްލަ ވިސްނުން ބޭނުން، އޭނާ ފަހަތުން ދުވުން، ހާޑް މެންޓަލިޓީއިން)  އެއްކިބާވެ ހުރެ، ހަމަ ބުއްދީގެ ނަޒަރެއް، ހިންގާލައި ފިނަމަ ރާއްޖޭގައި ގަވާއިދާ ޚިލާފަށް  70ހާހެއް މީހުންނާއި މިކަން ލާޒިމުކުރާ އެމީހުންގެ އާއިލާތަށް، ރާއްޖޭގައި ވަޒަން ކުރުމުގެ މާލީ ތަނަވަސްކަން ދިވެހި ދައުލަތް ލިބިގެން ނުވާކަން ވިސްނޭނެއެވެ. ދެން ބަލާލަން ބޭނުން ވަނީ، މިފަދަ ފިޔަވަޅުތައް އަޅަން ގަސްދުކުރާއިރު، އެކަން ކުރަނީ އެކަމާ ދޭތެރޭ ރަނގަޅަށް ވިސްނާފަބާވެއެވެ؟ އަދި، ގައުމީ މަސްލަހަތު އިސްކޮށްގެން ބާވައެވެ؟

ޝައްކެއްނެތް ގޮތުގައި ރާއްޖޭގައި ގަވާއިދަށް އުޅޭ ބޭރު މީހުން، ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ ގޮތުން އަޅަން އުޅޭ ފިޔަވަޅަކީ އެކަމާ ދޭތެރޭ މާލީ ގޮތުން ކުރެވިދާނޭ ކަމެއްތޯ ބަލާފައި ކުރާ ކަމެއް ކަމަކަށް ނުފެނެއެވެ. ދައުލަތުގެ މުއްސަނދިކަމާއި ފައިސާއަކީ ރައްޔިތުންގެ އެއްޗެއް ކަމުގައި ދެކި، އެއާ މެދު އަމާނާތްތެރިވެ، އަދި، ޚުދް، ރައްޔިތުނަށް ހެޔޮ އެދި، ގައުމީ މަސްލަހަތަށް ރިއާޔަތް ކުރާ ނަމަ، ދައުލަތައް ތަހައްމުލު ނުކުރެވޭ، މިފަދަ ބޮޑު ޚަރެދެއް ހިނގާފާނޭ ކަމެއް ނުކުރާނެއެވެ. މީގެ އިތުރުން، މިކަން މެދުވެރިކުރުވަފާނެ ދީނީ އަދި އިޖުތިމާއީ މައްސަލަތަކާ ކުރިމަތިލުމުގެ ހޭލުންތެރިކަމާ އެކަންކަމަށް ބޭނުންވާ ގަވާއިދުތަކާއި ގާނޫނުތައް ނެތް އިރު، މިފަދަ ކަމެއް ކުރަން ހެޔޮވާނެ ހެއްޔެވެ؟ މީގެ އިތުރުން، މިމައްސަލައާ ބެހޭ ޚަބަރުތަކާ ގުޅޭ އާންމުންގެ ޚިޔާލުތަކަށް ބަލާލުމުން، އެނގެނީ 99% މީހުން މިކަމާ ދިމާ އިދިކޮޅު ކަމެވެ. މިހެން ކަމަށްވާނަ މިފިޔަވަޅު އެޅެން އުޅެނީ އެކަމާ ބެހޭ ދިރާސަތުތައް ހަދައި، ގައުމީ އަދި އާންމު މަސްލަހަތަށް ރިއާޔަތް ކޮށްގެން، އަދި ޑިމޮކުރަޓިކު އުސޫލުތަކުގެ އަލީގައްޔޭ ބުނެވޭނެ ޖާގައެއް ނެތެވެ.

އެހެން ކަމަށްވާ އިރު، ދެންވެސް، މިކަން ކުރަން އުޅުމުގެ ހަގީގީ ބޭނުމަކީ ކޮބައިބާ ވައެވެ؟ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުން ވަޒަން ވެރިކުރުމަކީ އެކަމަށް އޮތް ހައްލު ހެއްޔެވެ؟ ގާނޫނެއް ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގަވާއިދަށް އަޅުވައި އެކަމަށް ހައްލު ގެނެވޭނެ ނަމަ، ގަވާއިދާ ޚިލާފު އެހެން ކަންތައްތަކަށް ވެސް، ގާނޫނަކުން ހައްލު ގެނެވޭނެއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ގަނެވިއްކުމުގެ ހައްލުވެސް، ގާނޫނެއް ފާސްކޮށް އެކަން ހުއްދަކުރުމުން ހައްލުވާނެއެވެ. އަންހެނުންގެ އިއްފަތް ފޭރުން އާންމުވުމުން، އެކަން ވެސް، ގާނޫނަކުން ހުއްދަކޮށް، އެކަން ހައްލުވާނެއެވެ. ވައްކަމާއި ފަސާދައިގެ އަމަލުތައް ގިނަވުމުން، އެއީވެސް ކުށެއް ނޫންކަމުގައި ނިންމައި ގާނޫނެއް ފާސްކުރުމުން އެކަންކަން ހައްލުވާނެއެވެ! ގަވާއިދާ ގާނޫނާ އަދި އަޚުލާގީ ހަމަތަކާ ވެސް ޚިލާފު މިފަދަ ކަންތައްތައް ގާނޫނެއް ފާސްކޮށްގެން އެކަންކަމަށް ހައްލު ނުލިބޭނޭ ފަދައިން، އެކަމުގެ މާލީ ތަނަވަސްކަން ނެތް އިރު، ގާނޫނެއް ފާސްކޮށް، ނުގަވާއިދަށް އުޅޭ މީހުން، ރައްޔިތުންނަށް ހަދައި، ތަނުގައި ވަޒަންވެރިކުރުމަކުން މައްސަލަ ހައްލެއް ނުވާނެއެވެ. ނަމަވެސް، ބޭރު މީހުން ވަޒަންކުރުވަން އުޅުމުގެ އަސްލު ސަބަބު ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް، އެކަމާ މެދު ހީވާ ގޮތެއްެ ވާހަކަ ބުނެވިދާނެއެވެ.

އަމިއްލަ މާލީ ތަނަވަސް ކަމެއް ނެތް އިރު، އަދި ގައުމީ މަސްލަހަތާއި ތަނުގެ އާންމު ރައުޔާ (ޕަބްލިކް އޮޕީނިޔަންއާ) ދެކޮޅަށް، ބޭރު ބަޔަކު ތަނުގެ ރައްޔިތުންނަށް ހެދުމުގެ އެހެން ބޭނުމެއް އޮވެދާނެއެވެ. އެއީ، އާންމުންގެ ނުރުހުމުގައި ވިޔަސް، ތަނުގައި ހިންގާލަން ބޭނުންވާ ބައެއް ކަހަލަ ކަންތައް ކުރުމަށް ބޭނުންވާނޭ ތާއީދާ ވޯޓު ހޯދުމެވެ. މިސާލަކަށް، ތަނުގައި ބޭރު ބައެއްގެ އަސްކަރީ ބާރު ހިންގުމަށް ވޯޓަކާ ހަމައަށް ދާން ޖެހިއްޖެ ނަމަ، މިފަދަ، ބައެއްގެ ވޯޓު، ރާއްޖޭގެ، މިހާރުގެ އާދަ ކާދައިގެ މަތިން، ގަނެގެން ނަމަވެސް، ލިބުމުގެ ޔަގީންކަން އޮންނާނެއެވެ. އަދި، ބޭރުގެ ބާރެއް ތަނަށް ވަދެގަނެ، ވޯޓު ބޭނުންކޮށްގެން އެކަމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްކަމުގައި ބެލެވި، އެކަމުގެ ޝަރުއީ ސިފަ (ލީގަލެޓީ) ލިބޭ ނެއެވެ. އިރުމަތީ ޕާކިސްތާނުގެ މައްސަލައިގެ ތެރެއަށް އިންޑިޔާ ވަދެ، އިރުމަތީ ޕާކިސްތާނުގެ މީހުންގެ ތާއިދު އިންޑިޔާ ހޯދައި، ދާޚިލީ އެ ހަނގުރާމައިގައި އިންޑިޔާ ބައިވެރިވެ، އިރުމަތީ ޕާކިސްތާނަށް ކާމިޔާބު ލިބި، 1971ގައި ބަންގުލާދޭޝް އުފަންވީ ވެސް މިފަދަ ގޮތެއްގައެވެ. މި ވާހަކަ ނަންގަންނައިރު، ހުޅަނގު ޕާކިސްތާނުން، އިރުމަތީ ޕާކިސްތާނުގައި އަދުލު އިންސާފާ ޚިލާފަށް ކުރި ކަންތައްތައް ހަނދާން ނައްތައެއްނުލަމެވެ. ނަމަވެސް، މިތަނުގައި ފާހަގަކޮށްލަން ބޭނުންވީ، ބައެއްގެ ތާއީދު ލިބުމުން، ބޭރު ބަޔަކަށް އެތަނަށް އަސްކަރީ ގޮތުން ވަދެ، އެކަމަށް ޝަރުއީ ސިފަ ލިބުނު ކަމެވެ.

މީގެ އިތުރުން ވެސް، ސަގާފީގޮތުންނާއި އާދަކާދައިގެ ގޮތުން މިފަދަ ބޮޑު ޖަމާއަތެއް، ތަނުގެ އާބާދީއަށް އިތުރުކޮށްލުމުން، ތަނުގެ އަސްލު މީހުންގެ އިހުސާސުތަކާ އިދިކޮޅުވާ ކަހަލަ އެތައް ކަންތައްތަކެއް ހިންގާލުމުގެ މަގު، ތަނުގެ އާބާދީއަށް އިތުރުކޮށްލެވޭ، މި ނަންގަތް، ތަފާތު އެހެން ޖަމާއަތެއްގެ ތާއީދު ލިބުމުން، އެކަންކަމަށް ޝަރުއީ ސިފަ ލިބިގެން އެކަންކަން ހިންގާލުން ފަސޭހަވާނެއެވެ. މިނަންގަތް ކަންކަމީ، މިހާރުވެސް، ރާއްޖޭގައި ‘ލާދީނީ’ ލައްގަނޑު ޖެހިފައިވާ ބައެއް އަމިއްލަ ޖަމާއަތްތަކުން، ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތަކާ ދެކޮޅަށް، ރާއްޖޭގައި ހިންގާލަން ބޭނުންވާ ކަންތައްތަކެވެ. މިފަދަ ޖަމާއަތްތަކުން ނެރެފައިވާ ރިޕޯޓުތަކުގައި މިއީ ކޮންކޮން ކަމެއްކަން ފާހަގަކުރެވިފައި ވެއެވެ. މިކަމާ ބެހޭ ތަފްސީލު، އެ ރިޕޯޓުތައް ބަލާލުމުން އެނގޭނެއެވެ.

ދެން އޮތް ސުއާލަކީ މިކަމުގެ ހައްލަކީ ކޮބައި ހެއްޔެވެ؟ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟ ގާނޫނާއި ގަވާއިދުތަކާ ޚިލާފު އެހެން ކަންތައްތައް މީހުން ކުރުމުން އެކަން ވެސް ހައްލު ކުރާ ގޮތަށެވެ. އެފަދަ މީހުންގެ މައްޗަށް ގާނޫނުތައް ހިންގައި ގެންނެވެ. އެފަދަ ބޭރޫ މީސްމީހުން، ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ގޮތުން، ބަންދުކުރެވި، އެމީހުން ރަށުން ބޭރުކުރެވިގެންނެވެ. ވައްކަން ކުރުން ހުއްޓުވޭނީ، ކުރިން ވެސް ބުނި ފަދައި ވައްކަން ކުރުން ހުއްދަކުރެވިގެންނެއް ނޫނެވެ. އަންހެންނުންގެ އިއްފަތް ފޭރުން ހުއްޓުވޭނީ، އެކަން ހުއްދަކުރެވިގެންނެއް ނޫނެވެ. އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންނާ މެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅިގެންނެވެ.

ދެން އޮތް ސުވާލަކީ، މިފަދަ މައްސަލަތަކާ ބެހޭ ގޮތުން، އާންމުނަށް ހެޔޮ މަގު ދައްކަން ހުންނެވި ގާނޫނީ ރައީސް ކޮބައި ހެއްޔެވެ؟ މިކަމުގައި ވެސް، އަދި މިފަދަ އެހެން ކަންކަމުގައި ވެސް، އެ މަނިކުފާނުގެ ބަހެއް ނުލިބެނީ ކީއްވެ ހެއްޔެވެ؟ އާންމު ރައްޔިތުން އިންތިޚާބުކޮށް، ދައުލަތުން، އާންމު ރައްޔިތުންގެ ފައިސާއިން، ބޮޑު މުސާރަދީ، ރައީސްކަމުގެ މަގާމު ހަވާލުކުރެވިފައިވާ އިރު، މިފަދަ ގައުމީ މައްސަލަތަކާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވަނީ ކީކޭ ބާވައެވެ؟ މިކަމާ ބެހޭ ގޮތުން، ރައްޔިތުންގެ އާންމު ރައުޔަށް ރިއާޔަތް ކޮށް އެއްޗެއް ވިދާޅުނުވުމުން، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެވުނީ ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ އެމަނިކުފާނުގެ މައްޗަށް އަމުރު ހިންގޭ ގޮތަށް ކަންތައްތައް ކުރެވެނީ ކީއްވެ ބާވައެވެ؟ ހައްތަހާ ވެސް އުފެދޭ ސުއާލެވެ! ޖަވާބަކީ އަނެއްކާ ކާރަށް އަރާ ތިބި މަކުނުތައް ފެންނަ ފޮޓޯއިން ލިބޭ ޖަވާބު ބާވައެވެ.

ދެން، އެންމެ ފަހު ސުވާލެވެ! މިކަމުގައި ރައްޔިތުންގެ މަސްއޫލިއްޔަތަކީ ކޮބާ ހެއްޔެވެ؟ ގާނޫނު ތަންދޭ ގޮތެއްގެ މަތިން، އެމީހުންގެ ޚިޔާލު ފާޅުކުރުމެވެ. މިވާހަކަތައް ދެއްކައި ލިޔުމެވެ. އެމީހުން ދެކޭ ގޮތް، އެމީހުން ތަމްސީލުކޮށް ގައުމީ މަސްލަހަތު ދިފާއުކުރަން މާތްކަލާނގެ ގަންދީ ހުވާކޮށްގެން ތިބި މަޖުލީހުގެ މެމްބަރުން ގާތުގައެވެ. ރައްޓެހިން ގާތުގައެވެ. އަޑު އަހަން ކަންފަތްދިން ކޮންމެ މީހެއްގެ ކަންފަތްކައިރީގައެވެ. އެކިއެކި އެއްވުންތަކުގައެވެ. ހޮޓާތަކުގައެވެ. އަތިރިމަތީގެ ނުވަތަ ޕާކުތަކުގެ ފިނި މައިޒާންތަކުގައެވެ. ކުޅިވަރު މައިދާންތަކުގައެވެ. މިސްކިތްތަކުގައެވެ. ނަމާދަށް ފަހު، ގައުމުގެ ރައްކާތެރިކަމަށް އެދިއާއި ގައުމަށް ޣައްދާރުވެރިވާ ޚިޔާނަތްތެރިންގެ ޚަދަރުންނާއި ޚިޔާނަތުން ސަލާމަތަށް އެދި އެންމެން ދުއާކުރަންވީއެވެ. ސިއްރުންނާއި އަޑުހަރުކޮށްނެވެ. މީގެ އިތުރުން، ރައްޔިތުންނާއި ގައުމަށް މަގުދައްކަން މީހުން އިންތިޚާބުކުރުމުގައި ޚާއިނުން ނުހޮވަންވީއެވެ. މީސްމީހުންގެ ގާބިލުކަމުގެ މައްޗަށް ބަލައި، އެކަން ހޯދައި، މީހާގެ ތެދުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ރިއާޔަތްކޮށް، ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ތަމްސީލުކުރާ މީހުން ހޮވައި އިންތިޚާބުކުރަންވީއެވެ. ވަގުތީ މާއްދީ ފައިދާއެއްގެ އެދުމުގައި ތިމާގެ ވޯޓު ވިއްކާ ނުލަން ހިތުގެ އަޑިން އަޒުމުކަނޑައަޅައި އެގޮތުގައި ދެމިހުންނަންވީއެވެ. މީހަކު އެއްޗެއް ބުނުމުން، މަސްއައިނުގެ ކަނު ވިސްނުން ބޭނުން ނުކޮށް، އެބުނާ އެއްޗެއްގެ ހަގީގަތާ މެދު ސުއާލުކޮށް އެ ހަގީގަތް ހޯދުމައްޓަކައި ތިމާގެ އަމިއްލަ ވިސްނުން ބޭނުންކުރަންވީއެވެ. ހަމަ ނުޖެހޭ، ކަނޑުކޮސް ވާހަކަ ދެއްކުމުން، ވާހަކަ ދައްކާ މީހާގެ މޫނަށް ބަލައިފައި އަތްތިލަ ބަޑިޖަހައި ލީޑަރު ތަސްބީހަ ކިޔުން ދޫކޮށްލާށެވެ. އެއީ ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް ވާނަމަ، އެއީ އެފަދަ ވާހަކަތަކެކޭ ބުނަންވީއެވެ. އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި އަދި މިނޫންވެސް މާތް އަޚުލާގީ ސިފަތަކާއި އަގުތަކަކީ ދީން ފަދަ، ނުގުޑާނޭ، ވަރުގަދަ އަސާސެއްގެ މަތީ ގާއިމު ކުރެވޭ އެއްޗެއްކަމާއި ، އެފަދަ އަސާސެއް ނެތް ނަމަ، މި ދެންނެވި ސިފަތައް ގުޅޭނީ އަމިއްލަ މަސްލަހަތުތަކާކަން، ދެނެގަންނަންވީއެވެ. ތިމާމެން ތަމްސީލު ކުރާ މީހުން ހޮވުމުގެ މީޒާނުގައި، ގާބިލުކަމުގެ އިތުރުން މިވެސް ބަލަން ޖެހޭނޭ ކަމެއްކަން ދެނެގަންނަންވީއެވެ. އެހެން ނޫންނަމަ އަމިއްލަ ސިޔާދަތާއި މިނިވަންކަން ގެއްލި ނެތިހިނގައިދާނެއެވެ. އާދެ،

ވިސްނުމެއް ނެތި ކޮށްފި ކަމަކުން އެންމެ ފަހަރަކު، ދޭހުގައި

ގިސްލަމުން ހިތި ކަރުނަތައް އޮހޮރަން ޖެހިދެޔޭ އުމުރަށް މުޅިން

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ