ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ މެދު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ހިޔާ މަޝްރޫގެ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާންމުކޮށްފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމުގެ ޑްރާފްޓެއް ކުރިއާލައި އާންމު ކުރީ ވަގުތު ސަލާމަތްކުރަން ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ހިޔާ މަޝްރޫއުގެ ދަށުން 6720 ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާއިރު ވަރަށްގިނަ ވަގުތު ނަގާނެކަމަށާ ދުރާލާ މި އެއްބަސްވުން ކިޔުމަށްފަހު ސޮއިކުރާނަމަ ވަރަށްގިނަ ވަގުތު ސަލާމަތް ވާނެކަމަށެވެ.

ހުޅުމާލޭ ހިޔާގެ ފްލެޓްތައް ލިބޭ ފަރާތްތަކާއި އެޗްޑީސީއާ ދެމެދު ހަދާ އެގްރިމެންޓްތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ހުރަވީ ސުކޫލުގެ ހޯލުގައެވެ.

ދުވާލަކު 300 އާއި 350 އާ ދެމެދުގެ އަދަދެއްގެ ފްލެޓް އެގްރިމެންޓްގައި ސޮއިކުރުމަށް އަމާޒުކޮށް އެ ކަމަށް އެ ސްކޫލްގައި 25 މޭޒު ބަހައްޓާ، އެއްފަހަރާ 25 މީހުންނާއެކު ސޮއި ކުރުމުގެ އިންތިޒާމެއް ރާވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާފްލެޓްތަކުގެ އެގްރިމަންޓްގެ ޑްރާފްޓެއް އާންމުކޮށް ސޮއިކުރުމުގެ އެއްމެހާ އިންތިޒާމެއް ހަމަޖައްސަމުންދާއިރު މި ފްލެޓްތައް ލިބުނު ފަރާތްތަކުން އަންނަނީ މި ފްލެޓްތަކުގެ އަގުބޮޑުކަމަށް ބުނެ ޝަކުވާކުރަމުންނެވެ. ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ގޮތުން ހިޔާފްލެޓްތަކުގެ ކުއްޔަކީ 8500 ރުފިޔާއެވެ. އެއީ ފްލެޓްތަކުގެ އިންސްޓޯލްމަންޓްގެ ގޮތުގައި 7500ރ އާއި މެއިންޓަނެންސް ފީގެ ގޮތުގައި ކޮންމެ މަހަކު ނަގަން ހަމަޖައްސާފައިވާ 1000ރުފިޔާ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ބޮޑުކަމަށް ގިނަ ބަޔަކު ޝަކުވާ ކުރުމާގުޅިގެން 6،000 ރުފިޔާއަށް ވުރެ ކުޑަކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައެވެ.  އަދި ފިނިޝިން މަސައްކަތް ނިންމަން ނުވަ މަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން ރައީސުލް ޖުމުހޫރިއްޔާގެ އޮފީހަށާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ( އެޗްޑީސީ)ގައި އެދިފައިވާނެ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް