ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓްތައް ލިބުނު ފަރާތްތަކުން އެގްރިމެންޓްގައި ސޮއި ކުރާ ދުވަހު ފްލެޓްގެ ތަޅުދަނޑި ވެސް ހަވާލު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.
ހުޅުމާލޭ ހިޔާގެ ފްލެޓްތައް ލިބޭ ފަރާތްތަކާއި އެޗްޑީސީއާ ދެމެދު ހަދާ އެގްރިމެންޓްތަކުގައި ސޮއި ކުރުން ކުރިޔަށް ގެންދަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެނެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާ މެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސަނީ ހުރަވީ ސުކޫލުގެ ހޯލުގައި ކަމަށެވެ.
ދުވާލަކު 300 އާއި 350 އާ ދެމެދުގެ އަދަދެއްގެ ފްލެޓް އެގްރިމެންޓްގައި ސޮއިކުރުމަށް އަމާޒުކޮށް އެ ކަމަށް އެ ސްކޫލްގައި 25 މޭޒު ބަހައްޓާ، އެއްފަހަރާ 25 މީހުންނާއެކު ސޮއި ކުރުމުގެ އިންތިޒާމެއް ރާވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހިޔާ ފްލެޓްތައް ލިބޭ ފަރާތްތަކަށް ފެލްޓް ދެއްކުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ވެސް އެޗްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ.
ފްލެޓް ދެއްކުން އޮންނާނީ ކޮންމެ ދުވަހަކުވެސް ހަތަރު ދަންފަޅިއަކަށަށެވެ. ބަލަން ޔުނިޓަކަށް ވަދެވޭނީ ދެ މީހުނަށެވެ.
ފްލެޓްތައް ދައްކާ ދުވަހު ނުދެވޭ ފަރާތްތަކަށް ސޮއި ކުރުމަށްފަހު ފްލެޓް ބަލަން ފުރުސަތު ދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ސުހައިލް ވިދާޅުވީ ފްލެޓް ބެލުމަށް ފަހު ރަނގަޅު ކުރަން ޖެހޭ ކަމެއް ފާހަގަވެއްޖެނަމަ އެކަމަށް ހާއްސަ ފޯމެއް ފުރަން ފުރުސަތު އޮންނާނެ ކަމަށާއި އެކަން ވަގުތުން ހަމަޖައްސައިދިނުމާއެކު އެތަނުން ތަޅުދަނޑި ވެސް ހަވާލުކުރާނެ ކަމަށެވެ.
ފްލެޓް ލިބުނު ފަރާތްތަކާ މެދު ވެވޭ އެގްރިމެންޓްގެ ޑްރާފްޓެއް އެޗްޑީސީން ވަނީ ވެބްސައިޓުގައި އާންމު ކޮށްފަ އެވެ.
ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ޓަވަރުތަކުން 6720 ފަރާތަކަށް ފްލެޓް ހަވާލުކުރުމަށްވަނީ ނިންމާފައެވެ.