ބުއްދި އާއި ސިކުނޑި ފޭރުމުގެ ފަންނު

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު އިނގިރޭސިވިލާތުގެ ސަފީރު، އިނގިރޭސި ކޮންސިއުލާއާއެކު އިންޑިޔާގެ ނިއުދިއްލީގެ މަގަކުން ކާރުކޮޅުގައި ވަޑައިގަތެވެ. މަގުމަތިން ފެނުނީ އިންޑިޔާގެ ޔުނިވަރސިޓީ ދަރިވަރަކު ގެރިޔެއްގައި ކޮޅުފައިން ޖެހިތަނެވެ.

ސަފީރު ކުއްލިއަކަށް ޑްރައިވަރަށް އެންގެވީ ކާރު މަޑުކުރުމަށެވެ. ކާރު މަޑުކުރުމުން ސަފީރު ކާރުން ފައިބާވަޑައިގެން ގެރިޔާ ދިމާއަށް ފައިމަގުގައި ހިންގަވާފައި ވަޑައިގަތެވެ. އަދި ގެރީގެ ކައިރީ ހުރި ހިންދީ ޒުވާނާއާ ދިމާއަށް ވަރަށް ކޯފާއިސްކުރައްވައި ހަޅޭއްފުޅު ލައްވައި އޭނާ ދުރަށް ކޮއްޕަވާލެއްވިއެވެ. އަދި ޒުވާނާގެ އަދަބު ކުޑަ ޢަމަލަށްޓަކައި ”މުޤައްދަސް“ ގެރީގެ ކިބައިން މަޢާފަށް އެދިވަޑައިގެން ގެރީގައި އަތްޕުޅު ފިރުމަވަން ފެށްޓެވިއެވެ.

ސަފީރުގެ ހަޅޭއްފުޅުގެ އަޑަށް މަގުހިނގާމީހުންތައް އެތަނަށް އެއްވެއްޖެއެވެ. ދެން ފެނުނީ ގެރީގެ ކުޑަކަމުދާ ނަޖިހުން ސަފީރު ފެންވަރުއްވައި މޫނުފުޅުގައި އުނގުޅުއްވި ތަނެވެ. މަގުމަތީ އެއްވެފައި ތިބި މީސްތަކުންނަށް، އެމީހުންގެ ”ގެރި ކަލާނގެ“އަށް ބީރައްޓެހިން ވެސް މާތްކޮށް ހިތައި އަޅުކަންކުރާ ތަން ފެނުނު ހިނދު، އެންމެން ”ގެރި ކަލާނގެ“އަށް އަދަބުވެރިވެ ސަޖިދަ ކޮށްފިއެވެ. އަދި ގެރީގައި ކޮޅުފައިން ޖެހި ޒުވާނާ، ގެރީގެ ކުރިމައްޗަށް ގެނެސް ތަޅައި އަނިޔާކޮށް ”ގެރިކަލާނގެ“އަށް ނަސްރު ދީފިއެވެ.

އިނގިރޭސި ސަފީރުގެ އިސްތަށިފުޅު ހޭވި، ގަމީހާއި ޓައީ، ގެރީގެ ފަހަރުވައިން ތެމިފޯވެގެން ހުންނެވި ހާލުކޮޅުގައި ކާރަށް އަރާވަޑައިގެން އިށީންނެވުމުން ކޮންސިއުލާ ސުވާލު ކުރެއްވިއެވެ. ”ގެރިއަށް އަޅުކަން ކުރުމަކީ މަނިކުފާނު ވެސް ގަބޫލުކުރައްވައި އީމާންވާ ކަމެއްތޯއެވެ؟“

ސަފީރު ވިދާޅުވިއެވެ. ”މިއީ އެހެން އޮތް ކަމެއް ނޫނެވެ. އެ ޒުވާނާ ގެރީގައި ކޮޅުފައިން ޖެހުން އެއީ އެމީހުންގެ ތެރޭގައި ހޭލުންތެރި ޖީލެއް އުފަންވަމުން އަންނަ ކަމުގެ ނިޝާނެކެވެ. ކޮޅުފައިން އެޖެހީ، އެ މީހުންގެ ތެރޭގައި ބާއްވަން އަހަރެމެން ބޭނުންވާ އަގީދާގައެވެ.“

އިންޑިއާ މީހުން ”ގެރިކަލާނގެ“ ގައިގައި ކޮޅުފައިން ޖަހަން ދޫކޮށްލައިގެން އަހަރެމެން ތިބެއްޖެނަމަ އެމީހުން ތަރައްގީއާއި ތަމައްދުނުގެ މަގުގައި ފަންސާސް އަހަރު ކުރިއަށް ދެމިގަންނާނެއެވެ. އެއީ އަހަރެމެން ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ވެއްޖެނަމަ މި ގައުމުގައި މިގޮތަށް އަހަރެމެންގެ މަސްލަހަތުތައް ހިމާޔަތްކޮށްގެން އަހަރެމެންނަކަށް ނުތިބެވޭނެއެވެ. ވަޒީފާގެ ގޮތުން ވެސް އަހަރެމެންގެ ވާޖިބަކީ އެފަދަ ހޭލުންތެރިކަމެއް އަޔަ ނުދިނުމެވެ. ޖާހިލުކަމާއި ފުލޯކުވާހަކަތަކާއި ދެކޮޅުނުޖެހޭ އަގީދާތަކަކީ، މުޖުތަމަޢުތައް ކިޔަމަންކޮށްގެން ގެންގުޅުމަށް އަހަރެމެން ބޭނުން ކުރާ ލަޝްކަރެވެ.“

ހުޅަނގުން، މުސްލިމް މުޖުތަމަޢުތަކުގެ ތެރޭގައި ވެސް ޝީޢީ މަޒުހަބާއި ސޫފިޒަމް އާއި މިޒާތުގެ ހަރަކާތްތައް އަށަގަންނުވައި ފެތުރުމަށް ބާރުއަޅައި ހިތްވަރުދީ ހަދައެވެ. މިއީ އަޅުގަނޑުމެން ވިސްނައި އިބުރަތް ލިބިގަންނަންޖެހޭ ކަމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް