އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި މި ފްލައިން ސްކޫލް ހިންގުމަށް އެވިޑްކޮލެޖަށް ދިނުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ދަނީ ކުރަމުންނެވެ. އަދި އެވިޑަށް މި ސްކޫލު ދިނުމަށް ވެވޭ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އައްޑޫ ފްލައިން ސްކޫލު ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތީން ހުޅުވާލިއެވެ.
މި ފްލައިން ސްކޫލް އެވިޑްކޮލެޖުގެ ދަށަށް ބަދަލު ކުރަން ތައްޔާރީތައް ވަމުންއަންނައިރު މި ސުކޫލްގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވުމާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށްނުދިނުމުގެ އިތުރުން ގިނަ މައްސަލަތަކެއް މި ސްކޫލުގައި ހުއްޓެވެ.
މި ސްކޫލުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔަވައިދޭން އެކަށީގެންވާ އަދަދަށް މުދައްރިސުން ނެތުމާއި ޓެކްނިކަލް މައްސަލަތަކެއް ހުރި ދުވަސްވީ ބޯޓު ތަކެއް ހުރުމާއި އަދި ދަރިވަރުންނަށް ބޭނުންވާ ވަރަށް ތަނުގައި ބޯޓު ނެތް މައްސަލަ ވެސް ފާހަގަ ކުރެވެ އެވެ.
މި ސުކޫލުގައި ގިނަމައްސަލަތަކެއް ހުރުމުގެ ސަބަބުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ބާތިލު ކޮށްފަ އެވެ.
170 ދރިވަރުންނާއެކު ކުރިއަށް ގެންދިޔަ އައްޑޫ ފްލައިން ސުކޫލްގައި ހުރި މައްސަލަތައް ބަލައި އެތަނުގެ އިސް ދެ ވެރިޔަކަށް ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މީގެ ކުރިން ވަނީ އަންގަވާފައިވެ އެވެ.
އަދި ސުކޫލް އޮޑިޓްކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މީގެ ކުރިން ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅިގެން ސުކޫލްގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިން ކެޕްޓަން ސުރަންޖަން ޑީ ސިލްވާ އާއި އެކައުންޓެބަލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅު އަޅަން ވެސް ރައީސް ވަނީ އަންގަވާފަ އެވެ.
އަދި ފްލައިން ސުކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި އިހުމާލުވެފައިވާ ނަމަ އިހުމާލުވީ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ އަންގަވާފަ އެވެ.
އަދި މީގެ އިތުރުން ދަރިވަރުން ބީއެމްއެލް އިން ނަގާފައިވާ ލޯންތަކަށް އިންޓަރެސްޓް އަރަމުންދާ މައްސަލައަށް ހައްލެއް ދިނުމަށް ރައީސުލް ޖުމުހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން އެ ލޯނުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.
އައްޑޫ ސިޓީގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި މެދު، ޝަކުވާ ގިނަވެ، އެމައްސަލަ ތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން ވެސް ވަނީ މިދިޔަ ޑިސެމްބަރުގައި އައްޑޫ ސިޓީއަށްޒިޔާރަތްކޮށްފައެވެ.