ރައީސް އޮފީހުން ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑްގެ ނަންބަރުތަކަށް ބަލައި ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 6:00 ފަތިހު 4:00 އަށް ކުޑަ ކޮށް ވިޔާފާރި ކުރުމުގައި އުޅުމަށް އިތުރު 2 ގަޑި އިރު ލިބޭގޮތަށް ނިންމާފިއެވެ.
އެހެންކަމުން މިހާރު ކާފިއު އޮންނަ ވަގުތުން ދެގަޑިއިރު މިބަދަލުގެ ސަބަބުން މަދުވެގެން ދާނެއެވެ. އަދި ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ކޮންމެ ގެއަކަށް ދޫކޮށްފައިވާ މީޓަރު ހުއްދައާއިއެކު ގެއިން ބޭރަށް ނިކުމެވޭނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މި ގެނެވުނު ބަދަލާއެކު އިތުރު ދެ ގަޑިއިރު ވިޔަފާރި ކުރުމުގައި އުޅެންް ލިބޭނެ ކަމަށެވެ.
”އެހެންވީމަ ހެނދުނު 8:00 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް އެ ލިބޭ ވަގުތުގެ ތެރޭގައި މިހާރެކޭ އެއްގޮތަށް ޕާމިޓާއި އެކީގައި ވިޔަފާރި ކުރުމުގެ ހުއްދަ ލިބޭނެ“.
ކާފިއުގެ ވަގުތު މަދު ކުރި ނަމަވެސް ހެނދުނު 8:00 އިން ކާފިއުގެ ވަގުތާ ހަމައަށް ބޭރުގައި އުޅެވޭނީ ހައުސްހޯލްޑް ޕާމިޓާއެކުގައި ކަމަށާއި މިހާރު ދޫކޮށްފައިވާ ޕާމިޓްތައްވެސް ބޭނުން ކުރެވޭނެ ކަމަށެވެ.