ވެކްސިން ޖަހަންވީ ނޫނީ ޖަލަށް ދާންވީ!: ފިލިޕންސްގެ ރައީސް

Loading

Facebook
Twitter
WhatsApp

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަކީ އަމަލާއި ބަސްމަގު ވެސް ވަރަށް ހަރުކަށި ބޭފުޅެކެވެ. ބައެއް ފަހަރަށް އެ ގައުމުގެ ގާނޫނާއި ގަވައިދަކީ އޭނާއަށް އެއިރަކު ފެނިވަޑައިގަންނަވާ ގޮތެކޭވެސް ހީވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ގައުމުން ހުއްޓުވުމަށް އެކަން ކުރާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ގަޔަށް ވެސް ބަޑިޖަހައި މަރަން ވަނީ އަމުރުކުރައްވާފައެވެ.

ރައީސް ޑުޓާޓޭ މިހާރު ވަނީ އެގައުމުގެ ރައްޔިތުން ކޮރޯނާ ވައިރަހުން ސަލާމަތްވާން ވެކްސިން ޖަހަން އިންކާރު ކުރާކަމަށްވާނަމަ ޖަލަށް ލާންޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.

ފިލިޕިންސްގައި ކޮރޯނާވައިރަސްގެ ހާލަތު އުޅެނީ ނުރައްކާތެރި ދަރަޖައެއްގައެވެ. ގައުމުން 1364000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 23 ހާހުން މަތީގައެވެ.

ޓީވީގައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ޖޫން މަހުގެ 21 ވަނަ ދުވަހު ރައީސް ވިދާޅުވިއެވެ. ”ތިޔަ ބޭފުޅުން ވެކްސިން ޖައްސަވާ! ނުވަތަ ޖަލަށް ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވާ!“

ރައީސް އެހެން ވިދާޅުވެ ރައްޔިތުންނަށް އިންޒާރުދެއްވީ ފިލިޕިންސްގެ ވެރިރަށް މެނީލާގެ ވެކްސިން ސެންޓަރތަކަށް ވެކްސިން ޖަހަންދާ މީހުންގެ އަދަދު ވަރަށް މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

ފިލިޕިންސްގެ ހެލްތު މިނިސްޓްރީން އެތައް ފަހަރަކު ވަނީ ކޮވިޑުން ސަލާމަތްވާން ވެކްސިން ޖެހުމަށް ރައްޔިތުންނަށް ގޮވާލުމުގެ އިތުރަށް ކަމާގުޅޭ ހޭލުންތެރިކަން އުފެއްދުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރައީސް ޑުޓާޓޭ ވިދާޅުވި ގޮތުގައި ފިޕޕިންސް ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ. އަދިހަމަ އެޔާއެކު ސަރުކާރުގެ އެންގުންތަކަށް ރައްޔިތުން އަމަލު ނުކުރުމުގެ ސަބަބުން އޭނާ ހުންނެވީ ވަރުބަލިފުޅު ވެފައެވެ.

ފިލިޕިންސްގެ އާބާދީ 108 މިލިއަންގައި އުޅޭއިރު މިހާތަނަށް އެގައުމުން ވެކްސިން ދެވިފައި ވަނީ އެންމެ 21 ލައްކަ އެއްހާ މީހުންނަށެވެ. ވެކްސިން ނެތިގެނެއް ނޫނެވެ. ވެކްސިން ޖެހުމަށް ރައްޔިތުން ދެނީ ވަރަށް ފިނި ތަރުހީބެކެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ 2021 ނިމުމުގެ ކުރިން މަދުވެގެން މިލިއަން މީހުންނަށް ވެކްސިން ޖެހުމަށެވެ. އެ އަމާޒަށް ވާސިލު ވެވޭނޭކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

ކޮރޯނާ ވައިރަހުން ގައުމު ސަލާމަތް ކުރުމަށް ރައީސް ޑުޓާޓޭ އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް ބާރުގަދަ އަދި ހަރުކަށި ރައީސް ގެންދަވަނީ ބަސްނާހާ ރައްޔިތުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވައިގެން ނަމަވެސް ގައުމުން ކޮރޯނާ ވައިރަސް ނައްތާލެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް