ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް މީހުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”ސްކިލް ފޮރ ރިޒިލިއަންޓް ވަރކް ފޯސް“ ޕްރޮގްރާމް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ސަރުކާރުން ފަށާފައިވާ ”ސްކިލް ފޮރ ރިޒިލިއަންޓް ވަރކް ފޯސް“ ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީއާއެކު މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ.
އަމިއްލަ އިންސްޓިޓިއުޝްތަކުގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 12 ކޯހެއް ހިންގުމަށް ފަސް ފަރާތަކާއެކު މިހާރުވެސް އެ މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބުރުގައި ތިން ކޯހެއް ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ. އެއީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދެ ކޯހަކާއި، އިޖުތިމާއީ ދާއިރާގެ ކޯހެކެވެ.
މީގެތެރޭގައި ހިމެނެނީ
- ނޭޝަނަލް ސެޓިފިކެޓް 3 އިން ޕްރޮގްރާމިން
- ނޭޝަނަލް ސެޓިފިކެޓް 3 އިން އައިޓީ ޓެކްނީޝަން
- ނޭޝަނަލް ސެޓިފިކެޓް 3 އިން ސުވަރޭޖްސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ކޯސްތަށް ހިންގުމުގެ ފުރުސަތު ވީހާވެސް ގިނަ ޕްރައިވެޓް ޓްރޭނިން ޕްރޮވައިޑަރުންނަށް ލިބިގެންދިއުމަކީ މިނިސްޓްރީއިގެ އަމާޒުކަމަށެވެ.
އެ މިނިސްޓްރީން ބުނީ މިހާރުވެސް 12ފަރާތަކާ ހަވާލުކޮށްގެން 15 ކޯހެއް ހިންގަމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި 460 ދަރިވަރުންނަށް ތަމްރީންވުމުގެ ފުރުސަތު މީގެ ސަބަބުން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރުގަ މުހިންމު ދާއިރާތަކާއި ދިވެހިން އިތުރުކުރަން ބޭނުންވާ ދާއިރާތަކުގެ ސަރވޭއެއްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ކުރިއަށްގެންގޮސްފައެވެ. 2019ވަނަ އަހަރު ކުރިއަށްގެންދިޔަ މި ސަރވޭއަށް ބަލާއިރު ރާއްޖެއަށް މީހުން ބިނާކުރުން މިވަގުތު އެންމެ މުހިންމު ދާއިރާތަކަކީ ޓުއަރިޒަމާއި ކޮންސްޓްރަކްޝަނާއި އައިސީޓީގެ ދާއިރާއެވެ.