އިސްލާމީ ތާރީޚުގެ ތެރެއިން ސްޕޭން ފަތަޙަ ކުރެއްވުން:

Loading

Facebook
Twitter
WhatsApp

711 ( އޭ.ޑީ. ) ގައި އޭރު އުތުރު އެފަރިކާގެ ގަވަރނަރަކަށް ހުންނެވި އިސްލާމުންގެ މަޝްހޫރު މިލިޓަރީ ކޮމާންޑަރ މޫސާ އިބްނު ނުސަޔިރުގެ ފަރާތުން ސްޕޭން ފަތަޙަ ކުރެއްވުމުގެ މަގްސަދުގައި އިސްލާމީ ލަޝްކަރެއް ފޮނުވިއެވެ. ތާރީޚުން އެނގޭގޮތުގައި އެ ލަޝްކަރުގައި 12 ހާހާއި 17 ހާހާއި ދެމެދުގެ އަދަދަކަށް ސިފައިން ހިމެނުނެއެވެ. ލަޝްކަރުގެ ވެރިއަކަށް ހަމަޖެއްސެވީ ތާރިގް އިބްނު ޒިޔާދެވެ. ދަތުރުގެ ވަކިހިސާބަކުން އަރާމުކޮށްލައި ނިދާލަން ގަސްދު ކުރެއްވިއެވެ. ބުނެވޭގޮތުގައި އޭރު އެ ލަޝްކަރު ދަތުރުކުރަމުން ދިޔައީ އެފްރިކާގެ ބައްރާއި ސްޕޭން ވަކިކުރާ ކަނޑުއޮޅިންނެވެ.

ތާރިގް އިބްނު ޒިޔާދު އަވަހާރަފުޅު ލައްޕަވާފައި އޮންނަނިކޮށް ހުވަފެންފުޅުގައި ކީރިތި ނަބިއްޔާގެ ވަށައިގެން އެތައްބައިވަރު މުހާޖިރުންނާއި އަންޞާރު ބޭކަލުން ތިއްވަބަނިކޮށް ދެކިވަޑައިގަތެވެ.

އެބޭކަލުން ތިއްބެވީ ކަނޑިތައް އުރައިން ދަމާގަނެ އަދި ލޮންސިތައް ތައްޔާރީ ޙާލަތަޢް ގެނެސްގެންނެވެ. އަދި އެބޭކަލުންނަށް މާތް ނަބިއްޔާ ޙަދީސްކުރެއްވިއެވެ. އޭ ތާރިގް އެވެ! ހިތްވަރު ލިބިގަންނާށެވެ. އަދި ކުރައްވަން ތިޔަ ނިކުވެވަޑައިގެންނެވި ކަންތައް ފުރިހަމަ ކުރައްވާށެވެ. މިއަޑު އިވުމާއެކު ތާރިގް ވަށައިގެން ބަލާލިއިރު މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުން ސްޕޭނަށް ވެދެވަޑައިގަންނަވަނިކޮށް ދެކިވަޑައިގަތެވެ. ތާރިގް ހިނިތުންވުމަކާއެކު ހުވަފެންފުޅުން ހޭލެވުނެވެ. އަދި ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ހުރިހާ ޝައްކެއް ފިލައިގެން ހިގައްޖެއެވެ.

ތާރިގްގެ ލަޝްކަރު އެތާގައިއޮތް ކުޑަ ފަރުބަދައަކާދިމާލަށް ދަތުރުފަށައިގަތެވެ. އެ ފަރުބަދައިގެ ނަމެއްކަމުގައިި އޭގެފަހުން ކިޔާއުޅުނީ ޖަބަލްތާރިގް އެވެ. އަދި މިހާރު ބޭނުންކުރެވެނީ ޖިބްރޯލްޓަރ މި ނަމެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ތާރިގްގެ ލަޝްކަރު އެ ފަރުބަދައަށް ފޭބިއެވެ. އަދި ސްޕޭން ފަތަޙަ ކުރުމުގެ އަޒުމުގައި އެ ލަޝްކަރު ދަތުރުކުރަމުންއައި އުޅަނދުފަހަރުގައި ރޯކޮށް އަންދާލިއެވެ. ދެން އޭނާގެ ލަޝްކަރާ މުޚާތަބުކޮށް ވިދާޅުވިއެވެ. : އަހަރެމެން ދަތުރުކުރި އުޅަނދުތައް އަހަރެން އަންދާލައިފީމެވެ. އަހަރެމެންނަށް ސްޕޭން ފަތަހަ ކުރުން ނުވަތަ އެކަމުގައި މަރުވެދިއުން ނޫންގޮތެއް މިހާރަކު ނެތެވެ.

އެޒަމާނުގައިހުރި ސްޕޭނުގެ ރަސްގެފާނު ރޮޑްރިކް އަށް އެ ލަޝްކަރުގެ ޚަބަރު ލިބުމާއެކު އެއްލައްކަ ސިފައިންގެ ތައްޔާރުކޮށްގެން ދަތުރުފެށީ ހުރިހާ އަރަބިން ހަނގުރާމައިގެ އަސީރުންކަމުގައި ހެދޭނެކަމުގެ ފުރިހަމަ ޔަގީން ކަމާއެކުގައެވެ. ރޮޑްރިކްގެ ލަޝްކަރުން ތާރިގްގެ ލަޝްކަރަށް ހަމަލާދިނުމަށްޓަކައި ކޮރދޯވާގެ ސަރަޙައްދަށް ގެންދިޔައެވެ. އަދި އޭނާގެ އެންމެ ތަޖްރިބާކާރުންގެ ތެރޭގައި ހިމެނޭ ސިފައިންގެ މީހަކު މުސްލިމުންނަށް ޖާސޫސް ކުރަން ފޮނުވިއެވެ. ކޮންމެވެސް ގޮތަކުން ތާރިގަށް މިކަންއޮތީ ކުރިން އެނގިފައެވެ. އެހެންކަމުން ވަރަށްމަކަރުވެރި ރޭވުމެއް ރާވާލިއެވެ. އޭގައި ހިމެނެނީ ހަނގުރާމައިގާ މަރުވާމީހުން ބުރިބުރިކޮށްގެން މަސްކާން ބޭނުންކުރާގޮތްތައް އެމީހުންނަށް ދެއްކުމެވެ.

ޖާސޫސް އެނބުރިއައީ ހައިރާންކަމާއި އޮޅުންބޮޅުންތަކެއްގެ ތެރޭގައެވެ. އަދި ރަސްގެފާނަށް އެ މައުލޫމާތުތައް އެރުވިއެވެ.

ހަނގުރާމަފެށުމުގެ ކުރިން ވަރަށް އަގުހުރި ތަގްރީރެއް ތާރިގް ކުރެއްވިއެވެ. އެ ތަގްރީރުގައި އޭނާގެ މަގްސަދާއި އަޒުމާއި އީމާންކަމާއި މަރުވުމަށްފަހު ލިބޭނެ ހެޔޮޖަޒާގެ މައްޗަށް އަލިއަޅުވާލިއެެވެ. އަދި އޭނާގެ އަތުން ރޮޑްރިކް ރަސްގެފާނު ގަތުލުކުރުމުގެ އެދުންވެސް ފާޅުކުރިއެވެ.

ތާރިގްގެ މި ތަގްރީރަށްފަހު އިސްލާމުންގެ ލަޝްކަރު ހަނގުރާމައަށް ތައްޔާރުވެގެން މައިދާނަށް ނުކުމެއްޖެއެވެ. އަދި އެ މައިދާނަށް ނުކުތުމާއެކު ތާރިގަށް އޭނާގެ އަމާޒު ކުރިމަތިން ފެނިއްޖެއެވެ. އަދި އޭނާގެ ދުނިދަނޑީގެ އަމާޒަކަށް ހަދައި ރަސްގެފާނު ރޮޑްރިކް ގަތުލު ކޮށްލިއެވެ. ތާރިގްގެ މަގްސަދު ޙާސިލުކުރެވިއްޖެއެވެ. ނަޞާރާއިންގެ ލަޝްކަރު ބަލިވެ ދުވެ ފިލައިގެން ދިޔައީއެވެ. ރަސްގެފާނު ރޮޑްރިކް ހަށިގަނޑުވެސް ނުފެނުނެވެ.

މުސްލިމުންނަކީ ވަރަށްބޮޑަށް އުމްރާނީ ތަރައްގީގެ ރޮގުން ކުރިއަރާފައިވާ އަދި ޢިލްމަށް ލޯބިކުރާބައެއްކަމުން ސްޕޭން ފަތަޙަ ކުރުމާއެކު އެ ގައުމަށް އެ ރޮނގުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާދިނެވެ. ޢާންމު ފާޚާނާތަކާއި ހޮސްޕިޓަލްތައް ބިނާކުރިއެވެ. ޢައްލާމާ ޤުރުތްބީފަދަ އިލްމުވެރިން އުފެއްދިއެވެ. ޔޫރަޕްގެ އިލްމުވެރިން ސްޕޭންގައި ގާއިމްކޮށްފައިހުރި މުސްލިމުންގެ ލައިބްރަރީތަކުން އުނގެނުމަށްޓަކައި އަންނަންފެށިއެވެ.

އިބްނު ޙަޒުމް އާއި އަލްޒަވާހިރީ ފަދަ އިލްމުވެރިން އުފެދިގެން އައެވެ. ދީނީ މިނިވަންކަމާއި އެއްބައިވަންތަކަން މުޅި ގައުމަށް ކަށަވަރުކޮށްދިނެވެ.

މުސްލިމުންގެ ފަރާތުން ޒަކާތާއި އަދި އެނޫނަސް ސަރުކާރަށް ދޭންޖެހޭ ދިނުންތައް ބަރާބަރަށް އަދާކުރަމުން ގެންދިއައެވެ. ހަމައެއާއެކު އެހެންދީންތަކުގެ އަހުލުވެރިންވެސް ޒަކާތުގެ ބަދަލުގައި ގައުމަށްޓަކައި ކުޑަނަމަވެސް ޖިޒްޔައެއް ދޭންޖެހުނެވެ. މުސްލިމުންގެ ފަރާތުން ލިބެމުންދިޔަ އިންސާނިއްޔަތުކަމުގެ ރިވެތި އަޚްލާގަށްޓަކައި އެހެން ދީންތަކުގެމީހުންތިބީ ޙައިރާން ވެފައިވެއެވެ. ކުރީގެ ސަރުކާރުތައްފަދަ ލާއިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތެވެ. ކަރްދޯވާގެ ފައްޅިތަކަށް ގެއްލުމެއް ނުދެއެވެ. ބައެއްފައްޅިތައް ނަސްރާނީ ފާދިރީންގެ އަތުން އެމީހުން ވިއްކަން އެއްބަސްވި އަގަކަށް ގަތްކަމަށްވެއެވެ. ކަރދޯވާއަކީ ދެކުނު ސްޕޭންގެ ރަށެކެވެ، ކަރްދޯވާއަށް އެއްދުވަސްވަރެއްގައި ކަރްތް ޖުބާ ( ޖުބާ ސިޓީ ) އޭވެސް ކިއުނެވެ. އުމައްޔަތު ޚިލާފަތުގެ ވެރިކަންކުރާ ސިޓީއެއްކަމުގައި އެރަށް ހަމަޖެހުނެވެ. 10 ވަނަގަރުނަށް ފެށުނުއިރު އެއީ ޔޫރަޕްގައި އޮތް ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ، ގައުމު ހިންގަމުން ގެންދިޔައީ މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް އިސްކަންދީގެން ކީރިތި ގުރުއާނަކީ ގާނޫނު އަސާސީ ކަމުގައި ބަލައިގެންނެވެ.

މި އިސްލާމީ ވެރިކަން ވެގެންދިޔައީ އެފަދަ ދެވަނައެއް ނެތް ހެޔޮލަފާ އަޚުލާގެއްގެ ރިވެތި ނަމޫނާ ވެރިކަމަކަށެވެ.

 

Loading

One Response

  1. އިސްލާމީ ތާރީޚްގެ އިބްރަތްތެރި ފިލާވަޅުތައްގެނެސްދިނުމަށް މިހާރަށްވުރެން ބޮޑަށް ސަންދާނުން މަސައްކަތް ކޮށްދެއްވުން އެދެމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް