މިޝްކާއަށް ފަރުވާނުދީ ލަސްވެގެންދިޔައީ ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން: ރިޕޯޓް

Loading

Facebook
Twitter
WhatsApp

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ފަރުވާނުދީ ލަސްވެގެންދިޔައީ ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން ކަމަށް އެ ހާދިސާގައި ހެލްތު މިނިސްޓްރިީން އެކުލަވާލި ކޭސް ރިޕޯޓުގައި ބުނެފި އެވެ.

މީގެ އިތުރުން، އެޗްއީއޯސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި އެ މައުލޫމާތު ފުރިހަމައަށް ލޮގްކޮށް ހުރިހާ ކޯލްތައް ހިއްސާ ކުރަން ހަމަޖެހިފައިވާ ގޮތަށް ހިއްސާކޮށްފައެއް ނުވާ ކަމަށް އެ ރިޕޯޓްގައި ވެއެވެ.

މި ކޭސް ރިޕޯޓު އެކުލަވާލުމަށް ހާދިސާއާ ގުޅުންހުރި ފަރާތްތަކާއި، އެޗްއީއޯސީގެ ކްލަސްޓާތަކާއި ހަވާލުވެ ތިބި ފަރާތްތަކައި އަދި މިޝްކާގެ ބެލެނިވެރިންނާ ވެސް ވަނީ އިންޓަވިއުކޮށް ގިނަ ލިޔެކިޔުންތަކެއް ބަލައި ދިރާސާކޮށްފައިވާނެ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

​ކޭސް ރިވިއުއާ އެއްގޮތަށް، ކޭސް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ މިޝްކާގެ ކޭސްގައި ކުއްޖާގެ ހާލަތުގެ ސީރިއަސް ކަމާއި އެހީއަށް ބޭނުން ވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރުން ދެނެގަނެވިފައި ނުވާ ކަން ވެސް ހެލްތުން ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން ޑީއެމްއާރްޓީގެ ޑޮކްޓަރަށް އެ ކޭސްއަކީ އާޖެންޓު ކޭސް އެއްކަން ދެނެގަނެވިފައި ނުވާތީ، އެމްބިއުލޭންސް ޓްރިގާ ކުރަން މަސައްކަތް ކޮށްފައި ނުވާ ކަމާއި އިތުރު ކޮންސަލްޓޭޝަނަކަށް ކްލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓް) މެސެޖު ފޮނުވާފައިވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި ސިއްޙީ ޚިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ސިއްޙީ ހިދުމަތް ބޭނުންވާ ފަރާތަކަށް އެ ހިދުމަތް ފޯރުކޮށް ދިނުމުގެ ޒިންމާ ޑީއެމްއާރްޓީގެ ޑޮކްޓަރު އަދާ ކޮށްފައި ނުވާ ކަމަށް ވެސް ހެލްތުން ވަނީ އެއްބަސްވެފައެވެ.

މި ހާދިސާ ދިމާވާން މެދުވެރިވި ކަންކަމަކީ ފެށުނީއްސުރެ ސިސްޓަމްގައި ހުރި މައްސަލަތައް ކަމަށާއި ނަމަވެސް މީގެކުރިން ކޮވިޑްގެ ނަންބަރުތައް ހިފެހެއްޓިފައި ހުރި މިންވަރުގެ ސަބަބުން އެ މައްސަލަތައް ފެންމަތި ނުވީ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

”ސިސްޓަމްގައި އެކުލެވިގެންވާ އެކިއެކި ބައިތަކާއި މަރުހަލާތަކުގައި ހުރި މައްސަލަތައް ވަކިން ހާއްސަގޮތެއްގައި އާދަޔާ ހިލާފަށް ކޭސްތައް އިތުރުވެގެން އަންނައިރު ދިމާވާ ނިޒާމީ މައްސަލަތައް މިހާރު ވަނީ ދެނެގަނެވި އެކަންކަން ރަނގަޅު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

​މި މައްސަލަ ދިމާވަން މެދުވެރިވި ނިޒާމީ މައްސަލަ މިހާރު ދެނެގަނެފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ. އެހެންނަމެވެސް އިހްމާލުވެފައިވާ ފަރާތްތަކަށް އަދި ފިޔަވަޅު އަޅާފައެއް ނުވެއެވެ.

އެ ރިޕޯޓްގައި މިޝްކާ ނިޔާވި ހާދިސާގައި އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑްވެފައި ވާނަމަ މިހާދިސާ ހިނގުމަކީ ނާދިރު ކަމެއްް ކަމަށް ބަޔާންކޮށްފައި ވެއެވެ.

ހެލްތުން ބުނީ ރިވިއު އިން ލިބުނު މައުލޫމާތަށް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Loading

One Response

  1. ލިޔުންތެރިއާއަށް ދަންނަވާލާހިތްވަނީ މި ހެޑިން މާދިގު ނޫންތޯއެވެ. ދެން ދަންނަވާލާހިތްވަނީ ތިކަމުގައި ކުއްވެރިިވަނީ އެމްބިއުލެންސް އެވެ. އެހެނީ އެ އެމްބިލެންސް އަށް އެވަރަށް ކުއްޖަކު ބަލިވި ކަންވެސް ނޭނގުނީތީއެވެ. ވީމާ އެމްބިއުލެންސް ކުއްވެރިވާކަމަށް ހަދާފަ މިނިސްޓަރު ނަސީމަށް އިތުރު އެހެން މިނިސްޓްރީ އެއް ޙަވާލުކޮށް ދެ ތަނުން މުސާރަ ނެންގެވޭނެގޮތް ހައްދަވާށެވެ. ސޯލިޙޫ ރައީސް ދެން ކީރިތިފުޅު ކުރެއްވޭތޯވެސް ބައަލަވާށެވެ.

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް