ޔޫރޯގައި މިރޭ ފޯރީގަދަ މެޗެއް: ޖަރުމަނާއި ޕޯޗުގަލް

Loading

Facebook
Twitter
WhatsApp

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ 9.00ގައި ފަށާ މެޗަކީ ފުރަތަމަ ބުރުގެ އެންމެ ފޯރިގަދަ އެއްމެޗެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފުރާންސް އަތްދަށުވެ ބަލިވެފައިވާ ޖަރުމަން ޓީމު ދެވަނަ ބުރު ޔަގީން ކުރަން މިރޭ ޕޯޗުގަލްއާ ބައްދަލުކުރާ މެޗުން މޮޅުވުން ކޮންމެހެންވެސް ބޭނުމެވެ. ހަމައެގޮތަށް ފުރަތަމަ ބުރުގެ ފުރަތަމަ މެޗުން ޕޯޗުގަލް މޮޅުވެފައިއޮތަސް ދެވަނަ ބުރު ޔަގީން ކުރަން މިރޭގެ މެޗުން ބަލިނުވެ ސަލާމަތްވާން ޕޯޗްގަލްއަށް ވެސް ކޮންމެހެން ބޭނުމެވެ. އެއީ ދެން ކުޅެން އޮތް ފްރާންސް މެޗަކީ ވެސް ވަރަށް ވާދަވެރި، ބާރު ބޮޑު މެޗަކަށް ވާނެތީއެވެ.

މިރޭގެ މެޗުގައި ޖަރުމަނަށް އޮތް ބޮޑު ހިތްވަރަކީ މިއުނިކުގެ އެލިއެންޒް އެރީނާގައި މެޗު ކުޅުމެވެ. އަމިއްލަ ގައުމުގައި މެޗު ކުޅުމުން ޓީމަށް ހިތްވަރުދޭ މީހުންގެ އަޑާއި ޖޯޝު ގަދަވާނެއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު 6.00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ފްރާންސާއި ހަންގޭރީއެވެ. މެޗު ކުޅޭނީ ބުޑަޕެސްޓުގެ ޕުސްކަސް އެރީނާގައެވެ. މި މެޗުގައި ހަންގޭރީގެ ކުޅުންތެރީންނަށް ފްރާންސާއި ދެކޮޅަށް ދެއްކޭނެ އަދި ނެރެވޭނެ ހަމައެކަނި ހިތްވަރަކީ ބެލުންތެރީންގެ ތަރުހީބުން ލިބޭ ބާރެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުޅުމުގެ ހުނަރާއި އުކުޅުތައް ބޭނުންކޮށްގެން ފްރާންސާ ދެކޮޅަށް ހަންގޭރީއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޕޯޗްގަލްއަތުން 0-3 އިން ހަންގޭރީ ބަލިވި ގޮތަށް މިރޭ ވެސް ފްރާންސް އަތުން ތިންހަތަރު ލަނޑުން ބަލިވާނެއެވެ.

މިރޭގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ސްޕޭނާއި ޕޮލޭންޑެވެ. ސްޕޭންގެ ސެވިއާގެ އޮލިމްޕިކް ސްޓޭޑިއަމްގައި މާލޭގަޑިން މެންދަމު 12.00 ގައި ފަށާ މެޗުގައި އެއްކޮޅުން ވާދަކުރާ ސްޕޭން ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްވިޑެންއާ ބައްދަލުކޮށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ޕޮލެންޑު ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާއާ ބައްދަލުކޮށް 1-2 ލަނޑުން ވަނީ ބަލިވެފައެވެ. މިރޭގެ މެޗުން ބަލިވެއްޖެނަމަ ޕޮލެންޑް ކަޓާނެއެވެ. ހަމައެގޮތަށް މިރޭގެ މެޗުން މޮޅުނުވެއްޖެނަމަ ދެވަނަ ބުރަށް ދިއުމަށް ސްޕޭނަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވާނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް