ސަރުކާރުން އެކިއެކި ރަށްރަށުގައި މިހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު ޑިޒައިނެއްގައި ޅ. ނައިފަރު އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމާލައިފިއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ތަކަކީ ސަރުކާރުން މި ހާތަނަށް ގެދޮރު އަޅަމުން އައި ޑިޒައިންތަކާ މުޅިން ތަފާތު އަދި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭ ގޮތަށް އަޅާފައިވާ ހައުސިން ޔުނިޓްތަކެކެވެ.
އާރުސީސީން ބުނީ މި ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް ކޮވިޑް-19ގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވެގެން ގޮސް މަސައްކަތް ނިންމުމަށް ދުވަސްތަކެއް އިތުރުވިކަމަށެވެ. ނަމަވެސް މިހާރު އިމާރާތުގެ މަސައްކަތްނިމި ކުރިއަށް ދަނީ އެންމެ ފަހުގެ ފިނިޝިންގެ މަސައްކަތް ކަމަށް އާރުސީސީން ބުނެއެވެ.
މި ހައުސިން ޔުނިޓްތައް އިމާރާތްކޮށްފައިވަނީ ހަތަރު އިމާރާތެއްގައެވެ. އޭގެ ތެރެއިން ތިން އިމާރާތުގައި ތިން ބުރި އަދި އަނެއް އިމާރާތް ހަދާފައިވަނީ ހަތަރު ބުރިއަށެވެ
މީގެ ކުރިން ސަރުކާރުން ރަށްރަށުގައި ހަދާފައި ހުރި ހައުސިން ޕްރޮޖެކްޓައް ހުންނަނީ ވަކިވަކިންނެވެ. ބައެއް ރަށްރަށުގައި މަދު ފްލެޓެއް ހިމެނޭހެން ރޯ ހައުސްތައް ހަދާފައި ހުރެއެވެ.
ނައިފަރުގައި ހަދަނީ 1،000 އަކަފޫޓުގެ ޖާގައެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ތިން ބުރީގެ ކޮންމެ އިމާރާތެއްގައި 24 ފްލެޓް އަދި ހަތަރު ބުރީގެ އިމާރާތުގައި 28 ފްލެޓް ހިމެނެ އެވެ.
ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައި ނައިފަރުގެ ފްލެޓްތައް އަޅަން އާރްސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. 72.2 މިލިއަން ރުފިޔާގެ މި މަޝްރޫއު އާރްސީސީ އާއި ހަވާލުކުރީ 330 ދުވަހުން ނިންމާގޮތަށެވެ.