މިއީ ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންޖެހޭ މުހިންމު ކަމެއް

Loading

Facebook
Twitter
WhatsApp

ދަރިޔަކު ލިބުމަށްފަހު ހޭދަވާ ފުރަތަމަ ދެތިން އަހަރަކީ ވަރަށް އަގުހުރި ދުވަސްކޮޅެކެވެ. ވަޒީފާ އަދާކުރާ މީހުންނަށް ކުއްޖާ އާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުސަތު ނުލިބި އުޅެނިކޮށް ގިނަފަހަރު ފެންނާނީ އެ ކުއްޖާ ބޮޑުވަމުން އަންނަ މަންޒަރެވެ. ފުރަތަމަ ދެތިން އަހަރަކީ ކުއްޖާގެ ތަރުބިއްޔަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ދުވަސްކޮޅެކެވެ. ފުރަތަމަ ދެތިން އަހަރު އެކުދިންނަށް ދެވޭ ތަރުބިއްޔަތަކީ އެކުދިންގެ ދިރިއުޅުމުގައި އެޅޭ އެންމެ ފުރަތަމަ ބިންގަލެވެ.

އަމިއްލަ ނަފުސަށް އިތުބާރުކުރުމުގެ ބައި ދަށްވުމަކީ އަހަރުމެންގެ މުޖްތަމައިން މިހާރަކަށް އައިސް ވަރަށް ގިނައިން ކުދިންގެ ފަރާތުން ފެންނަމުން އަންނަ ކަމެކެވެ. މިކަމުން ކުދިން ސަލާމަތް ކުރުމަށްޓަކައި ކުއްޖާ އެންމެ ތުއްތު އުމުރުން ފެށިގެން މަސައްކަތް ކުރެވިދާނެއެވެ.

ތުއްތު ކުދިންނަށް އަމާޒުކޮށް ތައްޔާރުކުރެވިފައި ހުންނަ ވާހަކަ ފޮތްތަކާއި ކާޓޫނުތަކާމެދު ވިސްނާލީމުތޯއެވެ؟ އެތަކެތި ފަރުމާކޮށްފައި ހުންނަނީ ވަރަށް ގިނައިން އެއްކަމެއް ނުވަތަ އެއްވާހަކައެއް ތަކުރާރު ކުރާ ގޮތަށެވެ. މިގޮތުން ކާޓޫނު ކެރެކްޓަރުން ތިބެނީ އަބަދު އެއް ހެދުމެއް ލައިގެންނެވެ. އަދި ވާހަކަ ތަކުގައި ތަކުރާރުކޮށް އެއްވާހަކައެއް ތަފާތު އިބާރާތުން ގެނަސްފައި ހުރެއެވެ. އަހަރުމެންނަށް މިކަން ވަނީ ވަރަށް ބޭކާރު އަދި ފޫހި ކުރުވަނިވި ކަމަކަށެވެ. ނަމަވެސް އެއްކަލަ ތުއްތު ކުއްޖާ މިތަކެއްޗަށް ގެއްލިފައި ކިތަންމެ އިރެއް ވިޔަސް ސަމާލުކަން ދީގެން އިންނާނެއެވެ. ހަގީގަތުގައި މިގޮތަށް އެއްކަމެއް ތަކުރާރުވާ ގޮތަށް އުފައްދާފައި ހުންނަނީ އޭގައި ފޮރުވިފައިވާ ވަރަށް މުހިންމު ހިކުމަތެއް އެކުލެވޭތީއެވެ.

ކުޑަ ކުއްޖާ އެތަކެތި ބަލައިގެން އޭގައި ދައްކާ ވާހަކަ ދަސްކުރަން މަސައްކަތް ކުރެއެވެ. މަސައްކަތް ކުރާ އިރު ތަކުރާރުވުން ގިނަ ކަންކަން އެކުއްޖާއަށް ފެންނަމުން ދަންޏާ އޭގައި އެކުލެވޭ ޕެޓާންތައް އެކުއްޖާ ސިކުނޑިއަށް ނަގައިގަންނާނެއެވެ. މިގޮތަށް ތަކުރާރުވުން ގިނަ ވާ ގޮތަށް ހުންނަ ކާޓޫނާއި ވާހަކަތައް ކުއްޖާ ބެލުމުން އެކުއްޖާއަށް ކޮންމެވެސް އެއްޗެއް ދަސްވާ ކަމުގެ އިހުސާސްކުރެވި އެކުއްޖާ އެކަމާއި އުފާކުރާނެއެވެ.

ކުދީން ކުރާ ކޮންމެ ރަނގަޅު ކަމަކަށް ތަރުހީބުދީ ހިތްވަރު ދިނުމަކީ އެކަމެއް ކުރުމަށް ކުއްޖާއަށް ހިތްވަރު ލިބިގެންދާނެ ކަމެކެވެ. ރަނގަޅު ކަންކަން ކުރުމަށް އާދަކޮށްދިނުމަށްޓަކައި މިއީ މައިންބަފައިން ކުރުން ވަރަށް މުހިންމު ކަމެކެވެ.

ދިރާސާ ތަކުން ހާމަވާ ގޮތުގައި ގޭތެރޭގައި ކުރާ ކުދިކުދި ކަންކަމުގައި ކުޑަކުދިން ބައިވެރި ކުރާ ނަމަ އެކުދިންނަށް ގިނަ ހުނަރުތައް ދަސްވުމުގެ އިތުރުން އެކުދިންގެ އަމިއްލަ ނަފުސަށް އިތުބާރުކުރުމުގެ ބައި ހަރުދަނާ ވެގެން ދާނެއެވެ. ދާވެފައި ހުންނަ އަންނައުނު ދާ ވަށިގަނޑަށް ލުމާއި، ކުޅެ ނިމުމުން ކުޅޭއެއްޗެތި ހުންނަންޖެހޭ ތަނަށް ލައި ފޮރުވުން ފަދަ ކުދިކުދި ކަންކަން އެކުދިންލައްވާ ކުރުވުމަކީ އެކުދިންނަށް ދަސްކޮށްދެވިދާނެ ކަންކަމެވެ. މިގޮތަށް ތަރުބިއްޔަތު ކުރުމުން އެކުދިންނަށް އެ ދަސްކޮށްދެވެނީ އެކުދިންގެވެސް ޒިންމާތަކެއް ވާ ކަމާއި އެކުދިން ކޮށްދޭ ކަންތައްތަކުގެ އަގު ވަޒަންކުރާނެ ކަމެވެ. މިއީވެސް ކުދީން ހެދި ބޮޑުވަމުން އަންނަ އިރު އެކުއްޖާގެ އަމިއްލަ ނަފުސަށް އިތުބާރު ކުރުމުގެ ބައި ރަނގަޅު ވުމަށް އެހީވެދޭނެ ކަމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް