ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި އާއިލާއަށް އެ ގައުމަށް ދިޔަ ދިވެހި ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
އަފްޣާނިސްތާނުން ހައްޔަރު ކޮށްފައި ވަނީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިންނެވެ.
ފުލުހުން ބުނީ އަލީ ޝަފިއުއަށާ އޭނަގެ އާއިލާއަށް ދިވެި ފުލުހުންގެ ހިދުމަތަށް ނިސްބަތްވާ ފިލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކޮށްފައިވާ ކަމަށްބުނެ ޝޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފް ވާހަކައެއް ކަމަށެވެ.
“ އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން“ ފުލުހުން ނެރުނު ނޫސްބަޔާނުގައި ވެއެވެ.
ޝަފީއު އޭނާގެ އަނބި ދަރިން ގޮވައިގެން އަފްޣާނިސްތާނަށް ގޮސްފައި ވަނީ ބޭސް ފަރުވާއަށް ސްރީލަންކާ ދިއުމަށް ފަހުއެވެ.
ފުލުހުން ބުނީ ޝާފިއުއާއި އޭނަގެ އަނބި މީހާއާއި ހަތަރު ދަރިން އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސް އިން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް 2018 ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު ފުލުހުންނަށް ލިބުނު ކަމަށެވެ.
އަދި މި މީހުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުމުގެ ކުރިން މި މީހުންނާ ގުޅޭ މިފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުނއެވެ.
ޝާފިއުއާއި އޭނަގެ އަނބިމީހާގެ މަށްޗަށް އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން ޓެރަރިޒަމްގެ ދައުވާ އުފުލައި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އެގައުމުގެ ކޯޓުންވަނީ އެ މީހުން 21 އަހަރުގެ ޖަލުގެ ހުކުމެއްކޮށްފައެވެ.
ފުލުހުން މި އާއިލާގެ މައުލޫމާތު ލިބުމާ އެކު އފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ރާއްޖޭގެ ފުލުހުންގެ ޓީމެއް 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ތެރޭ އަފްއާނިސްތާނަށް ދިޔަ ކަމަށެވެ.
އެ ޓީމުގައި ހިމެނޭ ފުލުހުން ޝަފީއުގެ އާއިލާއަށް އަނިޔާކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ބަޔަކު ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަތުރަމުންނެވެ.
އެ ވާހަކަތައް ދޮގުކޮށް މި ރޭ ފުލުހުން ނެރުނު ބަޔާނުގައި ފުލުހުން ވަނީ މިފަދަ ދޮގު ވާހަކަތައް ފަތުރާ ފުލުހުންނާމެދު ނަފްރަތު އުފައްދާ މުވައްޒިފުން ނުރައްކަލަށް ހުށައެޅޭ ގޮތަށް ވާހަކަ ދައްކާ ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި ހަގީގަތެއް ނެތް ވާހަކަތަކަށް ހިތްވަރުދޭ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޝަފީއު އަކީ އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން 2015 ވަނަ އަހަރު ސީރިއާއަށް ދާން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓާފައިވާ މީހެކެވެ. އަދި ހަމަ އެ އަހަރު ބ. ހިބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހަތިޔާރާ ގުޅުން ހުރި ތަކެތި ފެނިގެން، ޝަފީއު ހައްޔަރުކުރިކުރިއެވެ. ނަމަވެސް، ހެކި ނެތުމުގެ ސަބަބުން އޭނާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.