ކިހިނެއް މިވަނީ؟ އިޒްރޭލުން ފްލައިޓްތައް ރާއްޖެ އަންނަ ވާހަކަ ބުނާއިރަށް ސަރުކާރުން ބުނަނީ އެއީ ދޮގެއްކަމަށް

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ އެންމެ މަޝްހޫރު ނޫސްކަމުގައިވާ އިޒްރޭލް ހަޔޫމްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ވާގޮތުގައި އިޒްރޭލުން ފުރައިގެން ސީދާ ދިވެހިރާއްޖެއަށް ފްލައިޓަކުން ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

އިޒްރޭލުގެ ޓްރެވެލް އޭޖެންސީއެއް ކަމުގައިވާ ކަމީނޯސްއިން މައުލޫމާތު ދީފައިވާ ގޮތުގައި އިޒްރޭލުން ރާއްޖެއަށް ދަތުރުކުރުމަށް އިންތިޒާމުކޮށްފައިވާ ފްލައިޓުތައް ސެޕްޓެމްބަރު 6 އަކުން އޮކްޓޯބަރު 4 އަކާ ހަމަޔަށް އޮޕަރޭޓް ކުރާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުއެވެ. މި ދަތުރުތަކުގެ ޓިކެޓުގެ އަގަކީ 995 ޑޮލަރެވެ.

މި ދަތުރުތައް ކުރެވޭނީ އެއަރ ސީޝެލްސް މެދުވެރިކޮށެވެ. އިޒްރޭލުން ރާއްޖެއަށް ވައިގެ މަގުން އައުމަށް 8 ގަޑިއިރާއި ބައި ހޭދަވާނެއެވެ. އަދި ރާއްޖެއިން އަނބުރާ އިޒްރޭލަށް ދިޔުމަށްޓަކައި 10 ގަޑިއިރު ނަގާނެއެވެ. އެއީ ދަތުރުގެ މެދުތެރެއިން 1 ގަޑިއިރު ސީޝެލްސްގައި މަޑުކުރާގޮތަށް ހަމަޖެހިފައިވާތީއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މީޑިޔާ އޮފިޝަލާއި ސުވާލުކުރުމުން މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުއްވަން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.

ދާދިފަހުން އިޒްރޭލުން ދަތުރުކުރި މަތިންދާބޯޓެއް ވެލާނާ އެއާރޕޯޓަށް ޖައްސާފައިވާ މައްސަލައިގައި ވެސް ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އިޒްރޭލުން މަތިންދާބޯޓު ރާއްޖެއަށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވަން މަސައްކަތް ކުރައްވާފައި ވެއެވެ. ނަމަވެސް ރައްޔިތުން މިކަމާ ނުރުހުން ފާޅުކުރުމާ ގުޅިގެން މި ޕްރޮޖެކްޓު ވަނީ ހުއްޓާލާފައެވެ.

މިފަހަރުވެސް އިޒުރޭލުން ސީދާ ފުރައިގެން ފްލައިޓުތައް ރާއްޖެ ދަތުރުކުރަން އުޅޭ ވާހަކަ މި ދެކެވެނީ އެމްޑީޕީގެ ވެރިކަމުގައެވެ. މީގެ އިތުރަށް ރައީސް ނަޝީދު އިޒުރޭލަށް ވަޑައިގެން އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތެއް އިޒުރޭލުން ދީފައިވާކަމަށް ޚުދު ރައީސް މުޙައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. އެ ދަތުރު ކުރިއަށް ރޭވިފައި އޮތް ގޮތެއް އަދި ރަނގަޅަކަށް ނޭނގެއެވެ.

ރައީސް ނަޝީދުގެ ރައީސްކަމުގައި އިޒުރޭލު މީހުން ރާއްޖެ އައިސް ތަރައްގީގެ ނަމުގައި އައިކޭމްޕް ބާއްވައި އިޒުރޭލު ފަޅޯ ހައްދައި ރާއްޖޭގެ މައްޗަށް ފެތުރިގަންނަން މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެ މަޝްރޫޢުތައް ގަދައަށް ނުޖެއްސެނީސް ރައީސް ނަޝީދު ވަނީ އެމްޑީޕީ ކޯލިޝަނުން އޭނާއާ ހަވާލު ކުރެއްވި ރައީސުލް ޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވައި އޭނާގެ ނާއިބު ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު ލިބިވަޑައިގަންނަވާނެގޮތަށް މަގުފަހިކޮށް ދެއްވާފައެވެ.

އިޒުރޭލާ ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަށާ ޚަބަރުތައް މީޑިއާގެ އެކި ގުނަވަންތަކުން ފެންނަން ފެށުމުން ޓްރާންސް ޕޯޓު މިނިސްޓްރީން ވަނީ އެއީ ދޮގެއްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

”ދިވެހިސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާކަމަށާއި، އަދި އިޒުރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައި ނުވާ ވާހަކަ މައުލޫމަތަށްޓަކާ ދަންނަވަމެވެ.“ ޓްރާންސްޕޯޓު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީ ކޯލިޝަންގެ ވެރިކަމެއް ރާއްޖޭގައި އުފެދޭއިރަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ މިފަހަރު މިއިވުނީ އިޒުރޭލާއި ރާއްޖޭގެ ގުޅުން ބަދަހިވެ އިޒްރޭލުގެ ”ފެރީ“ ފެށޭ ވާހަކައެވެ. އެކަމަކު މައްސަލަތަކެއް އުޅޭކަމަށް ރައީސް ވިދާޅުވި، ޓްރާންސްޕޯޓު މިނިސްޓްރީން އެއީ ދޮގެކޭ ބުނުމުން ތެދެއްވެސް ޖެހޭނީ ދޮގެއްކަމަށް ގަބޫލު ކުރާށެވެ. އެހެނީ އިޒުރޭލުން ރާއްޖެއަށް ސީދާ ދަތުރު ކުރާނީ އިންޑިއާގެ ނުފޫޒު އިންތިހާއަށް އޮންނަ އެއަރ ސީޝެލްސްގެ ފްލައިޓެކެވެ. ރާއްޖެއަށް ގެންނާނީ އިޒުރޭލުގެ ޔަހޫދީންނެވެ.

 

Loading

One Response

  1. ގާޒާއަށް ބޮން އަޅަމުން އިހަކަށްދުވަހު ގެންދިއައިރުވެސް އިޒްރޭލުގެ ބޯޓުން ސިއްރިޔާތުގައި ވެލާނާ ވައިގެ ބަދަރުގައި ޖައްސާ ގަނޑެއްގަނެ ސިންގަޕޯރ އަށް ނައްޓާލި ނޫންތޯއެވެ. އެ ޚަބަރު ސަންދާނުން ކީމެވެ. މިއަދާ ހަމައަށްވެސް ސަރުކާރަކުން އެ ޚަބަރު ދޮގެއްނުކުރެއެވެ. އަދި މެލޭޝިއާގެ އޭވިއޭޝަންުން އެބޯޓު ފުރައިގެން އެފަރާތްގަނޑަށް އައީ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުންކަމަށް ބުނެފައިވާއިރު އެކަންވެސް ދޮގުކޮށްފައެއް ނުވެއެވެ. އެމްޑީޕީގެ 2008 ގެ ވެރިކަމުގައިވެސް އޭރުގެ ފޮރިން މިނިސްޓަރު ނަސީމު އިޒްރޭލަށް ފޮނުވައިގެން ދެގައުމުގެ ގުޅުން ބަދަހިކުރަން ބައްދަލުވެުންތަކެއް ބޭއްވިނޫންހެއްޔެވެ. މި އެމްޑީޕީ ވެރިން ވެރިކަން ފޭރިގަންނަން އުޅޭއިރު މަކަރުވެރި ދޮގުތަށް ވައުދުތައް ރައްޔަތުން ހަދައިފަ ވެރިކަން ލިބުނީމާ އިޒްރޭލު ނުނީ އިންޑިއާގެ ގެރި ގޮރާ މިފަދަ ގުޅުން ތަކެއް ނުހެދިގެން މި ތެޅިބާލަނީ ކީއެވެބާވައެވެ. ހަމަ އަންބޮޑި އަށް ބޮޑުވާތީތޯއެވެ. ދިވެހިގައުމު ހިނގަންވާނީ ދިވެހިން އެދޭގޮތަށެވެ. ވެރިކަން ލިބުނީމާ ދެން މަބޭނުންގޮތެކޭ ހިތައްއަރަނީ ޖާހިލުކަމުން ކަން ޔަގީނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް